ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހިންމަފުށީ

ކޮވިޑްގެ ދިގު ބަންދަކުން ހިންމަފުށި ވީއްލެނީ

ކޮވިޑްގެ ބަލާއާފާތާ ހެދި މި އަހަރުގެ އޭޕްރީލުން ފެށިގެން ބަންދު ކޮށްފައިވާ މާލެ އަތޮޅު ހިންމަފުށީގެ ހާލަތު ކޮންޓްރޯލް ކުރެވި ރަށުގެ މޮނިޓަރިން އުވާލައި އާންމު ހާލަތަކަށް ގެންގޮސް ރަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މާލެ އަތޮޅު ހިންމަފުށި މޮނިޓަރިންއަށް ލާފައި ވަނީ އޭޕްރީލް 19، 2021 ގައެވެ. އެ ރަށް މޮނިޓަރިންގައި އޮންނަތާ މިއަދަށް 84 ދުވަސްވާނެ އެވެ. ކޮވިޑް ކޭސްތައް މައްޗަށް ދިއުމުން އެ ރަށުގައި ކާފިއު ވެސް އިއުލާނު ކޮށް އެއްވެ އުޅުމާއި ބޭރަށް ނުކުތުން ވެސް މަނާކުރި އެވެ. ނަމަވެސް ރަށުގެ ހާލަތު ރަނގަޅުވަމުން ދާތީ އެޗްޕީއޭގެ ލުއިތައް ރަށަށް ލިބިފައި ވެއެވެ.

އޭރު އެ ފިޔަވަޅު އެޅީ އެ ރަށުގައި ހުންނަ ޑުރަގު ރީހެބުން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެ ނެވެ. މާލެއިން ދިޔަ ބަޔެއްގެ ގައިން ރީހެބުގެ މުވައްޒަފުންތަކަކަށް ކޮވިޑް ބަލި ޖެހުމާއެކު ހަލުއި ކަމާއެކު މުޅި ރަށަށް ކޮވިޑް ފެތުރުނީ އެވެ.

އާބާދީގައި 1850 މީހުން ދިރިއުޅޭ އެ ރަށުގައި އޭޕްރީލުން ފެށިގެން މިހާތަނަށް 913 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ނަމަވެސް މިހާރު އެ ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ ދޭކެވެ.

ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ ހިންމަފުށީގެ ކޮވިޑް މޮނިޓަރިން އުވާލަން ކުރަން ޖެހޭ ފަހުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ރަށުން ނެގި 100 ސާމްޕަލް ޓެސްޓު ކުރަން މާލެ ފޮނުވާފައިވާ ކަމަށެވެ. އެ ހުރިހާ ސާމްޕަލެއް ނެގެޓިވްވެއްޖެ ނަމަ ކޮވިޑް ބަންދުން ހިންމަފުށީ ވީއްލޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. -- ހިންމަފުށީ ސާމްޕަލްތަކުން މިހާތަނަށް ނުލިބި ވަނީ ދެ ސާމްޕަލެއްގެ ނަތީޖާ އެވެ

ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. [ރަށުގެ] މޮނިޓަރިންގެ ހާލަތުން ނެގުމުން [އަދި ރަށުގެ] ވިޔަފާރިތައް ކޮޅަށް ޖަހަން ކައުންސިލުން އެހީވެ ދޭނަން، މާލީ ދަތިތަކާ ދިމާވެފައިވާ ރަށްޔިތުންނަށް ވެސް އެހީތެރި ވެދޭނަން،
ހަސަން ފާއިޒް | ކައުންސިލްގެ ރައީސް

ފާއިޒް ވިދާޅުވި ގޮތުގައި 100 ދުވަހާ ކައިރި ކުރާ ދިގު މޮނިޓަރިންއެއްގެ ސަބަބުން އެ ރަށުގެ ރަށްޔިތުން މިދިއަ ދުވަސްތަކުގައި އުޅެން ޖެހުނީ އުނދަގުލާއި ތަކުލީފުގެ ތެރޭގަ އެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ އެ ރަށުގެ ވިޔަފާރިތައް ބަގުރޫޓްވެފައިވާއިރު ގިނަ އާންމުން ތިބީ ނަފްސާނީ ގޮތުން ބަލިވެފަ އެވެ.

"ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. [ރަށުގެ] މޮނިޓަރިންގެ ހާލަތުން ނެގުމުން [އަދި ރަށުގެ] ވިޔަފާރިތައް ކޮޅަށް ޖަހަން ކައުންސިލުން އެހީވެ ދޭނަން، މާލީ ދަތިތަކާ ދިމާވެފައިވާ ރަށްޔިތުންނަށް ވެސް އެހީތެރި ވެދޭނަން،" ފާއިޒް މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އައްސޭރި ޖަލު ވެސް ހުންނަ ހިންމަފުށި ކޮވިޑް ބަންދުން ސަލާމަތްވުމުން ރަށް އާންމު ހާލަތަށް ރުޖޫއަވެ ރަނގަޅު ވެގެން އަންނާނެ ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ރަށުގެ އާބާދީގެ 80 ޕަސެންޓް މީހުން މިހާރު ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށާއި އެޗްޕީއޭގެ ލުޔާއެކު ރަށް ހުޅުވާލުމުން އަލުން އެ ރަށަށް ފާގަތިކަން އަންނާނެ ކަމަށެވެ.