މޯލްޑިވްސް ޕޮލިސް ސާވިސް

އެކްސިޑެންޓަށްފަހު ފިލި މީހާ ހޯދައިފި

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ އާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މައްސަލައާއި ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ސައިކަލް ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން ވަނީ ލިބުނު އަނިޔާތަކާ ގުޅިގެން ހަމަ އެ ރޭ މަރުވެފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އެމްބިއުލާންސްގައި ޔަޒްދާން ހޮސްޕިޓަލަށް ގެންދިޔައީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ތިބި ބައެކެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި އެކްސިޑެންޓް ހިނގުމާ އެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައި އިން ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅިގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ. އަތްގަނޑު ވަނީ ޔަޒްދާންގެ ކަރަށް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.