"އަހަރެންގެ އަތުގައި އޮވޭ ހައި ހީލްސް ފައިވާނެއް. ތެދެއް! އެއަށް އަރައިގެން އިރުގަނޑެއްވީމަ ދެ ފައިގައި ރިއްސަން ފަށާ. އެކަމަކު ވެސް ވަރިހަމަ. ހައި ހީލްސް ދޫކޮށެއް ނުލެވޭ،" ޒުވާން އަންހެން ކުއްޖަކު ބުނީ މިހެންނެވެ.
މި އަންހެން ކުއްޖާގެ ފަހުރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ކޮންމެ ދުވަހަކު ހައި ހީލްސް ނުވަތަ ފުންނާބު އުސް ފައިވާނަށް އަރާ 78 ޕަސެންޓް އަންހެނުންގެ ތެރެއަށް ނިސްބަތްވުމެވެ. ހައި ހީލްސް އަކަށް އަރައިގެން އާންމުކޮށް އެއްގަޑިއިރާއި ހަ މިނެޓް ތެރޭގައި ފައިގައި ރިއްސަން ފެށިޔަސް ހައި ހީލްސްގެ ލޯބިވެރިންނަކަށް މި ފެޝަން ނުވަތަ ފައިވާނެއް ދޫކޮށްލެވޭކަށް ނެތެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ހައި ހީލްސް އަކީ ބިއުޓީ ޕްރޮޑަކްޓަކާ އެއްވަރުގެ އުފެއްދުމަކަށް ވީމަ އެވެ.
މޫނުގައި ވެސް މޭކަޕްކޮށް ލިޕްސްޓިކް ޖެއްސީމަ އިތުރު ފަރިކަމެއް އާދެއެއް ނޫން ހެއްޔެވެ؟ ފުންނާބު އުސް ފައިވާނުން އަންހެނާގެ ދެ ފައިތިލަ އަށް ވެސް ދެނީ ހަމަ މިކަހަލަ ފަރިކަމެކެވެ.
ފުންނާބު އުސް ފައިވާނަށް އެރީމަ އަންހެން މީހާގެ ދެ ފައި ދިގު ކަމަށް ދައްކާނެ އެވެ. އަންހެނުންގެ ފައި ދިގުވުމަކީ އެމީހުންގެ "ސެކްސިނެސް" ފާޅުކޮށްދޭ ކަމަކަށްވާއިރު އަންހެން ކުދިންނަކީ ތަބީއަތުގައި ވެސް ފަރި ދެއްކުމާއި ތުއިވުމުގެ ބައި ނުލާހިކު ބޮޑު ބައެކެވެ.
ހައި ހީލްސް އަށް އެރީމަ ފިޔަވަޅު ވެސް ކުޑަހެން ހީވާނެ އެވެ. ހަށިގަނޑު ހިކި ހެން ވެސް ހީވާނެ އެވެ. މިއީ ހައްތަހާ ވެސް ރީތިކަމާ ގުޅިފައިވާ ސިފަތަކެއް ނޫން ހެއްޔެވެ؟
ދެން މީގައި ސިއްހަތާ ގުޅިފައިވާ މައްސަލައެއް ނުވަތަ ރީތި ކަމެއް އެބައޮތް ހެއްޔެވެ؟ އެބައޮތެވެ.އެކަމަކު އެއީ ސިއްހީ ރީތިކަމަކަށް ނުވަތަ ފައިދާއަކަށް ވުރެ ބޮޑަށް ގެއްލުމެކެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ކްލިނިކަލް ޕްރެކްޓިސް މި އަހަރުގެ ޖޫން މަހު ޝާއިއުކޮށްފައިވާ ސިއްހީ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ ފުންނާބު އުސް، މިސާލަކަށް 10 ސެންޓްމީޓަރު ހުންނަ ފައިވާނަކަށް ހަފުތާއެއްގެ ތިން ދުވަހު އެރުމަކީ ވެސް ސިއްހީ ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.
ފައިގެ ކުޑަހުޅު ބެލެންސްކުރުމުގައި ހަރަކާތްތެރިވެ އުޅޭ މަސްތަކަށް ގެއްލުން ލިބެނީ އެވެ. އޭރުން ނުކުންނަ ނަތީޖާ އަކީ ބެލެންސްނުކުރެވުމާއި ހަމަ އަށް ފިޔަވަޅު އަޅަން އުނދަގޫވުމުގެ މައްސަލަ އެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ހައި ހީލްސްގެ ސިއްހީ މައްސަލަތައް އާދަޔާހިލާފަށް އިތުރުވަމުން އަންނަކަން ވެސް ފާހަގަކޮށްލެވެ އެވެ. މިސާލަކަށް އެންމެ ކުރިއަރާފައިވާ އެމެރިކާ އެވެ. ފުންނާބު އުސް ފައިވާނަށް އަރާ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ އަދަދު 2002 ވަނަ އަހަރު އެގައުމުގައި ރިކޯޑްކުރެވިފައި ވަނީ 7،097ގަ އެވެ.
އެ އަދަދު ވަނީ 2012 ވަނަ އަހަރު 14،140 އަށް އަރައިފަ އެވެ.
ފާހަގަކޮށްލަން ޖެހެނީ އާންމުކޮށް މި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ވަނީ އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމެވެ.
މިފަދަ މައްސަލަތައް އާންމުވަމުން އަންނައިރު ހައި ހީލްސްގެ ފެޝަން އޮއްސެމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން މަޝްހޫރު ކޭންސް ފިލްމު ފެސްޓިވަލްގައި ވެސް މި އަހަރު ފުންނާބު އުސް ފައިވާނުގެ މައްސަލަ ޖެހިގެން އުޅުނެވެ. ބައެއް ތަރިން ހައި ހީލްސް އަށް ނާރައި ރެޑް ކާޕެޓަށް ދިއުމުން އެ އިވެންޓް އިންތިޒާމްކުރި ފަރާތްތަކުން އެ މީހުންނަށް ހުރަސް އެޅީ އެވެ.
ހަގީގަތަކީ ހައި ހީލްސްގެ ސިއްހީ ގިނަ މައްސަލަތައް އެނގި، އެންމެ މަޝްހޫރު އަދި އެންމެ ތަރައްގީވެފައިވާ ދުނިޔޭގެ މީހުން ވެސް މި ވައްތަރުގެ ފައިވާނާ ދުރުވަމުން އަންނަ ކަމެވެ. އެހެންވީމަ ސިއްހަތަށް ގެއްލުން ނުވާ މިންވަރަކީ ކޮބައި ހެއްޔެވެ؟
ސިއްހީ ތަޖުރިބާކާރުން ބުނަނީ ހަތަރު ސެންޓިމީޓަރަށް ވުރެ އުސް ފުންނާބުލީ ފައިވާނަށް ނޭރުން ބުއްދިވެރި ކަމަށެވެ.
ހުޅުހުޅުގެ ތަޖުރިބާކާރު އަދި މަޝްހޫރު އޮޕަރޭޝަން ޑޮކްޓަރު ޔޫސުފް ޝާން ވެސް ވަރަށް ފަހުން މި މައްސަލަ އަށް ކަންބޮޑުވުން ފާޅުކޮށް ހައި ހީލްސްގެ ބަދަލުގައި ވީހާ ވެސް ތުނި ފައިވާނަށް އެރުމަށް އާންމުންނަށް ގޮވާލާފައިވެ އެވެ.