ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކޮށްފި

May 30, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމަށް ފަހު ޝަރީއަތް ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތެވެ.

މި ދެ ދައުވާގެ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް ކުރިން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:30 ގައެވެ. ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށްގެންނެވެ.

އެކަމަކު ކްރިމިނަލް ކޯޓުން މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައި މިވަނީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އެމަނިކުފާނުގެ ޝަރީއަތް ކެންސަލް ކޮށްދިނުމަށް ގާނޫނީ ޓީމުން ރޭ ކޯޓުގައި އެދުމާ ގުޅިގެންނެވެ. ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި ކޮވިޑްގެ މިހާލަތުގައި ރައީސް ޔާމީން ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު ސިއްހީ ނުރައްކަލަކަށް ހުށަހެޅޭނެ ސަބަބެކެވެ.

ކުރިމިނަލް ކޯޓުން ބުނީ ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކުރީ އެމަނިކުފާނުގެ ގާނޫނީ ޓީމުން އެދިފައިވާ ކަންކަމަށް ބެލުމަށްފަހު އަދި ކޮވިޑްގެ ހާލަތުގައި ކޯޓުތަކުން އަމަލުކުރުމަށް ސުޕްރީމް ކޯޓުން އިރުޝާދު ދީފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

"ސުޕްރީން ކޯޓުގެ އުސޫލަށް ބަލާއިރު ރައީސް ޔާމީނަކީ ހައިރިކްސް ބޭފުޅެއް. ހައިރިސްކް ބޭފުޅުން ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތްތައް މިވަގުތު ކުރިއަކަށް ނުގެންދޭ،" ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑްރިން ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދިވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ސަންގެ ކުންފުނިތަކަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ދައުވާ ލިބޭ ތިން ފަރާތުން ވެސް މީގެ ކުރިން ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ބުނާ މައްސަލަ އެއްވެސް ފުލުހުން ވަނީ ތަހުގީގު ކޮށްފަ އެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވެސް ވެއެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. ކޯޓުގައި އެމަނިކުފާނު ވަނީ ދައުވާ އިންކާރު ކުރައްވާފަ އެވެ.

މިދިޔަ ރޯދަ މަހުގެ ގެއަށް ބަދަލުކުރި ގޮތަށް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ގޭ ބަންދުގަ އެވެ.