(27 މެއި 2021 އާ ގުޅޭ)
"ތި ހަސަދަވެރިކަން ﷲ ރިޒްގުން ކަލޭ ބޭރު ކުރާނޭ ޢަމަލަކަށްވޭ. ހަމަކަށަވަރުން ﷲ އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުވާ. ކަލޭ ގަޟާ ގަދަރަށް އިމާންނުވަނީތަ؟ އަހަރެންނާއި އަހަރެންގެ ޢާއިލާއާއި ދަރީން ރައްކާތެރިކުރައްވާ ކަލަކު ކަމުގައި ﷲ ފުދިގެންވޭ. ﷲގެ ހަޟްރަތުން މެނުވީ އެއްވެސްކަމެއް އައުމެއްނުވޭ. ކަލޭ ހަނދާންނެތުނީތަ؟ ތިފަދަ ދޫތަކާއި ކަޅުހިތްތަކުން ސަލާމަތްކުރެއްވުމަށް ﷲ ވަހީކުރެއްވި އާޔަތްތައް؟ އަހަރެމެން ދުވާލާއި ރޭގަނޑު އެތައް ފަހަރަކު އެ އާޔަތްތައް ކިޔަވަން. ﷲ ވަހީކުރެއްވީ، ކަލޭގެފާނު ވިދާޅުވާށޭ! ފަތިހުގެ ވެރި ރަސްކަލާނގެ ހަޟްރަތުން ރައްކާތެރިކަން ލިބިގަންނަމޭ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނޭ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއޭ. އަދި ގޮށްގޮށަށް ފުމޭ މީހުން (އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސް މެއޭ. އަދި ހަސަދަވެރިވާހިނދު އެ ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއޭ. ކަލެއަށްވުރެ އަހަރެން ބިރުގަންނަނީ އެކަލާނގެ އަޒާބާމެދު. މިއަދު ތިކުރި ކަންތަކާ މެދު ދެރަނުވިޔަސް، އަދި ދެރަވާނޭ ދުވަހެއް އަންނާނެ."
"ކަލޭ ވެސް ހަމަ ބިމަށް ފައިބާނެ ދުވަހެއް އަންނާނެ. އަދި މާ އެނގޭ މީހަކަށް ވެގެން އެބައުޅެޔޭ. ބަލަ އަސްލަންއަށް ހަތަރެއް ހުއްދައޭ. މާދަމާ ނޫންކަމެއް ނޭނގެ އޭނާ ކަލޭ ހުއްޓާ އެހެން އަންހެނަކާ އިންނާނީ. އޭރުން ދަރީން ބަލަން ގޭގަ ގުއިވެފަ އިންނަން ޖެހޭނީ." ލޫނާގެ އަޑު ބާރެވެ. އޭނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލުމާއެކު އަތުގައިވި ނޯޔާގެ އަތް ފޮޅުވާލީ ހަލުވިކަމާއެކު އެވެ. އޭނާގެ އަމަލުތައް ފަޅާއެރުމުން ވެސް އޭނާ އެކަމާ ދެރަނުވާކަން އެންމެންނަށް ޔަގީންވިއެވެ. އަދި އެ ދައްކަނީ ހަގީގަތެއްނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަން އެނގެއެވެ. އޭނާ ދެރަވެ ކުށް ގަބޫލު ކުރިނަމަ އޭނާގެ ބަސްމަގު ހުތުރުވެފައި ހަރުކަށްޓެއް ނުވީހެވެ. ނޯޔާއަށް މަލާމާތް އެކުލެވިގެންވީ ބަދު ބަސްތަކެއް އަމާޒެއް ނުކުރީހެވެ. ހަގީގަތުގައި ވެސް އޭނާ ނޯޔާއާ މެދު ހަސަދަވެރިވަނީކަން އަސްލަންއަށް ޔަގީންވި އެވެ.
"އަސްލަން އިތުރު ކައިވެންޏެއް ކޮށްފާނެތީ އަހަރެން ކަންބޮޑެއް ނުވޭ. ﷲ އެގޮތަށް މެދުވެރި ކުރައްވައިފިއްޔާ އަހަރެން އެކަން ގަބޫލު ކުރާނަން. އަހަރެންގެ މައްޗަށް ލިޔުއްވި ކަމެއް މެނުވީ އަހަންނަށް ލިބުމެއް ނުވޭ. އެއީ އަސްލަންއަށް ވިޔަސް. އެކަން ގަބޫލު ނުކުރެވޭ މީހަކީ ތީ. އެދުވަހަކުން ވެސް އަސްލަން ކަލޭ ނޫން އަންހެނަކު ހިޔާރު ކޮށްފިނަމަ މިހާރު ތިއުޅޭ ހެން އުޅޭނެކަން ޔަގީން. ﷲ މިންވަރު ކުރެއްވި ގޮތާ ގޮންޖަހަން އުޅޭ މީހެއްތީ. ލަދެއް ވެސް ނުގަނެޔޭ. ހިލޭ ފިރިހެނެއްގެ އިތުރުން މީހެއްގެ ފިރިއަކާ އަޅައިގަނެގެން އުޅޭން." ނޯޔާ ނުރުހުންވެ ބުންޏެވެ. އަސްލަން އައިސް ނޯޔާގެ އަތުގައި ހިފާލި އެވެ. އަނބިމީހާ ރުޅިގަދަވެއްޖެކަން އޭނާއަށް އެނގުނެވެ. މަޑުމަޑުން އޭނާއާއެކު ނޯޔާ ފަހަތަށް ޖައްސާލި އެވެ. ލޫނާއާ ދުރަށެވެ.
"ރީތި ސިފައެއް ލިބުނީމަ ބޭވަފާތެރިވާލެއް އަވަސްވާނެ. އަސްލަންގެ ފުރަގަހުގައި އޭނާ އެހެން ފިރިހެނުން ކައިރިއަށް ނުދުވާނެކަމުގެ ޔަގީންކަން އެބައޮތްތަ. ޅަވީމަ ތިއްތިކަން ދައްކާލެއް އިތުރުވާނެ. އެކަހަލަ ދުވަހަކުން ނުކުޅެދޭ މީހެއްހެން ދޯ އަސްލަން އުޅޭނީ. ލޮލަށް ނުފެންނަ ބީރު..."
"ހުއްޓާލާ ލޫނާ! އަހަރެން އަންނާށޭ ބުނީ ހުރިހާ ކަމެއް އަހަރެމެންނަށް އެނގިއްޖެކަން އަންގަން. ނޯޔާއާއި ލޫނާއާ ދެމެދު އުޑާއި ބުމާހާއި ތަފާތު އެބަހުރި. ތިހެން ބަހުސް ކުރުމުން އިތުރަށް އަހަރެންގެ ކުރިމަތީ ލޫނާގެ އަގެއްނެތްކަން ހާމަވަނީ. ތީ އެކުވެރިއަކަށް ވެސް ކުފޫ ހަމަ ނުވާ މީހެއްކަން އެނގިއްޖެ. މުސްލިމު އަހާ އޭނާގެ އަހާއަށް ބަދުދުޢާ ކުރުމެއް ނުވޭ. އެއީ މުސްލިމުންގެ ސިފައެއް ނޫން. ބުރުގާ އަޅައި ބޮޑު ހެދުން ލުމަކުން އަދި އަންހެނާ ރަނގަޅުވީ ކަމަކަށް ނުވޭ. ކަލޭ ނޯޔާއަށް ބަދުދުޢާ ތިކުރީ. ދުވަހަކު ވެސް ކަލެއާމެދު ހިތްހެޔޮ ކުރާނީ ކިހިނެއް؟ މިއަދު އެއީ އަހަރެންގެ އަނބިމީހާ، އަހަރެންގެ ދަރީންގެ މަންމަ. އޭނާއަށް ގޮތެއްވެއްޖެނަމަ އަހަރެން ހިތާމަކޮށް އުފުލާނޭ ބުރަ ލޫނާ ވިސްނާލިންތަ؟ ބުނަން! ލޫނާއާ ޒުވާބު ކުރާކަށް އަހަރެމެންގެ ތެރެއިން އެކަކު ވެސް ބޭނުމެއް ނުވޭ. އެހެންވީމަ ލޫނާ ނުކުމޭ މިގޭން." މިފަހަރު ވާހަކަ ދެއްކީ އަސްލަން އެވެ.
"އަހަރެން އެބައުޅޭންތަ މިތާ ހުންނަން." ލޫނާ ބުނެލި އެވެ. އަދި ވައިސޫރިއެއްހެން އެޕާޓްމެންޓުން އޭނާ ނުކުމެގެން ހިނގައްޖެ އެވެ.
"މީހުންގެ ހަގީގީ ކުލަ މިފެންނަނީ ބޭނުންވާ ކަމެއް ނުވީމަ." ސޯފާގައި އިށީން ހުސެން ބުނެލި އެވެ.
"އަހަރެން ކުޑަކޮށް ވެސް ހިޔެއް ނުކުރަން. ޝައްކުވޭ... އެކަމަކު ހީވާ ގޮތެކޭ ހީކޮށްލައިގެން ހުރީ. ހިތަށް ވެސް ނާރާ އޭނާ ނޯޔާ ކައިރީ އެކަހަލަ ވިޔާނުދާ ވާހަކައެއް ދައްކާފަ އޮވެދާނޭ." އަސްލަން ބުންޏެވެ.
"ލޫނާއަށް ހެޔޮ ވިސްނުން ލިބޭނަމަ. ދެމަފިރިންގެ ދެމެދަށް ވަނުމުގެ ނުބައިކަން އޭނާއަށް އެނގޭހެނެއް ހިޔެއްނުވޭ. އެކަމަކު ދެން ހެޔޮ. އޭނާ މިތާކު ނެތް. ދެން އިތުރަށް އޭނާގެ ވާހަކަ އަހަރެމެން ދެއްކުމުގެ މާނައެއް ނެތް. ފަހުންވިޔަސް ކަންތައްތައް އެނގުނީތީ ﷲ އަށް ހަމްދު ކުރަން. އޭނާގެ ސަބަބުން ބޮޑު ގޯހެއް ނުވޭ. މިސްއަންޑަސްޓޭންޑިންއެއް އުފެދުނީ. އެއީ އޭނާގެ ސަބަބުންކަމުގައި އަހަރެން ގަބޫލެއް ނުކުރަން. އެހެންއެވީ އަހަރެމެންގެ ސަބަބުން. އެކަކު އަނެކަކާ ވާހަކަތައް ހިއްސާ ނުކުރެވުމުގެ ސަބަބުން" އަސްލަންގެ އަތުގައި އަތްޖައްސާލަމުން ނޯޔާ ބުންޏެވެ. އެބުނި ބަހާ އެއްބަސްވާން އަސްލަން ބޯޖަހާލި އެވެ.
"މާޝާﷲ! އަސްލަން! ކަލޭގެ ގޭގެ އޮޅިގަނޑު މިހާ ފުރިހަމަ ވެދާނޭ ހިޔެއް ނުކުރަން. ނަސީބު އަތުގައި ހިފައިފި ދޯ." ނޫން ގޮތަކަށް ހެވިފައި އިނދެ ހުސެން ބުނެލި އެވެ.
"ގިރާ ނުކުރާތި އިނގޭ." ސަމާސާގެ ރާގުގައި އަސްލަން ބުންޏެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ސްކޭން ހަދަން އަރީން ގޮވައިގެން ކުލިނިކަށް އައީ އަސްލަން އެވެ. ކިއު ނަންބަރު ޖެހެންދެން އެތަނަށް އައިސް ތިބި އެހެން މީހުންނެކޭ އެއްފަދައިން ގޮނޑިބަރީގައި އަރީނާއެކު އަސްލަން އިނެވެ.
"ފަވާދު ގުޅިތަ؟ ކުދީންގެ ޚަބަރެއް ވިތަ؟" އަސްލަން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ޖަވާބެއްގެ ގޮތުން ހަމައެކަނި އަރީން ދެފަރާތަށް ބޯހޫރުވާލީ އެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި އަނެއްކާ ވެސް އަސްލަން ވާހަކަ ދެއްކި އެވެ. ދަރިފުޅުގެ ބައްޕަ ކޮބާތޯ އަސްލަން އެއްސެވެ. އަރީން ވާހަކަ ނުދެއްކުމުން ދެން ވެސް އަސްލަން ސުވާލު ކުރި އެވެ. އަރީން ބަނޑުބޮޑުވުމުން ދަރިފުޅުގެ ބައްޕައާ ވާހަކަ ނުދައްކަންތޯ އަސްލަން ސުވާލު ކުރި އެވެ.
"އަރީން. އަހަންނަށް އެހީއެއްވާން އެނގޭނީ ވާހަކަ ދެއްކީމަ. ނުބުނަންތަ ބަލިވެ އިން ވާހަކަ. އެމީހާ އެއްބާރުލުން ނުދިނީތަ؟ ތި ދަރިފުޅަށް ޓަކައި އޭނާ ގުޅެން ހުރިއްޔާ އަހަންނަށް ފެންނަނީ އަރީން ގުޅެން. އެކަމަކު އެނގޭ ދޯ ތިކުއްޖާ އޭނާގެ ދަރިއެއް ކަމުގައި ނުލައްވާނެކަން. އެހެންވިޔަސް އެއީ ބައްޕަ. އަހަރެންގެ ހިތެއް ނުބުނޭ ފަވާދު އެނބުރި އަންނަކަހަލަ ވިސްނުމެއްގައި ހުރިހެން. އަހަރެން ގުޅިން... އޭނާ ފޯނަށް ޖަވާބު ދޭން ބޭނުން ނުވަނީކަން އެނގޭ. ކިހާ ދެރަކަމެއް މިވީ. ތީ އަހަރެމެންގެ ތެރޭ ހުރި ހަމައެކަނި އަންހެނަކީ... ތިގޮތުގައި އަރީން އިންނަތަން ދުށުމަކީ އަހަންނަށް ވެސް ބަލަން ފަސޭހަ ކަމަކަށް ނުވޭ. އަރީން ހިމޭންކަން ހިޔާރު ކުރީމަ ހުރިހާ ކަމެއް ނިމުނީއެއް ނޫން."
"ސޮރީ..." މަޑުމަޑުން އަރީން ބުނެލި އެވެ.
އަރީންގެ ސްކޭން ނިމި ރިޕޯޓު ވެސް ލިބުނެވެ. އެ ކުލިނިކުގައި އޭނާ ދައްކާ އަންހެނުންގެ ޑަކްޓަރު އިނދެ އެވެ. ސްކޭން ހެދުމަށް އެތަނަށް އައުމަށް ބުނީ ވެސް ޑަކްޓަރެވެ. ހޮސްޕިޓަލަށްވުރެ ފަސޭހައިން ކުލިނިކުން ޑަކްޓަރަށް ދެއްކެ އެވެ. އެޕޮއިންމެންޓް ހެއްދުމަށްފަހު އަރީން ގޮވައިގެން ކުލިނިކުން އަސްލަން ނުކުތެވެ.
"އާދެބަލަ... މަންމައާއި އަރީން ކައިރީ އެބައޮތް ވާހަކައެއް ބުނަންވެފަ." ސަބީނާގެ ބަޔަށް ނުނިކުމެ ލިފްޓު ތެރޭ އަރީން ހުރުމުން އަސްލަން ބުންޏެވެ. ބޭބެގެ ފަހަތުން އަރީން ނުކުތީ ދެނެވެ.
"ކީކޭ ބުނީ؟" އެތެރެއަށް ދެބެން ވަންތަން ފެނި ޑަކްޓަރު ދެއްކި ވާހަކަ އޮޅުންފިލުވަން ސަބީނާ ސުވާލު ކުރި އެވެ.
"ސްކޭން ރަނގަޅު، އެކަމަކު ބަރުދަން ލުއިކަން ބުނީ... ރަނގަޅު ކާ އެއްޗެހި ކައި އަރާމު ކުރަން ބުނި." އަސްލަން ފާހަގަ ކޮށްލި އެވެ.
އަރީން އައިސް ސޯފާގައި އިށީނެވެ. ކުރިމަތީ ހުރި ކޮފީމޭޒު މަތީ އަތުގައި އޮތް ސިޓީއުރަ ބޭއްވި އެވެ. ސަބީނާ ފިނި ޖޫސްތަށްޓެއް ހިފައިގެން އައިސް އަރީނަށް ދިނެވެ. އެ ބޯލުމަށް އަރީން ދެކޮޅެއް ނުހެދި އެވެ. މަންމަ ކައިރީ އިށީނަން އަސްލަން ބުނީ އެވަގުތެވެ. ތިންމައިން ސޯފާގައި އިށީނެވެ.
"މިދުހަތު ހަނދާން އެބަހުރިތަ؟" އަސްލަން އަހާލި އެވެ. އެހިނދު އަރީންގެ އަތުން ޖޫސްތަށި ދޫނުވީ ކިރިޔާ އެވެ. އަވަހަށް ދިރުވާލެވުނު ކޯވަރުން އެތި ފޮދެއް ނޭވާ ހޮޅިން ދާން އުޅުނެވެ. އޭނާ ކޮށިއެރިވަރުން ކެއްސަން ފެށި އެވެ. ކައިރީގަ އިން އަސްލަން އަވަހަށް ޖޫސްތަށީގައި ހިފިއެވެ.
"ކިހިނެއް ތިހެދީ..." ސަބީނާ ތެދުވެގެން އައިސް އަރީންގެ ބުރަކަށީގައި މަޑުމަޑުން ތަޅާލި އެވެ.
އަރީން ހަމަޖެހެންދެން އަސްލަން މަޑުކުރި އެވެ. މިދުހަތުގެ ނަން ބުނުމުން އަރީނަށް އެފަދަ ގޮތެއް ވެދާނޭކަން އަސްލަންއަށް ގަބޫލު ކުރެވެ އެވެ. ފުރާވަރުގެ އަރީން ދުނިޔޭން މޮޔަވާ ވަރަށް މިދުހަތާ ހެދި ދީވާނާވިކަން އެނގޭ މީހަކަށް އަސްލަން ވެއެވެ. އަދި މިދުހަތުގެ ފީކަޅާ ދިރިއުޅުން އެނގޭ އެއްވެސް މީހަކު އޭނާގެ އަންހެން ކޮއްކޮ މިދުހަތާ ގުޅޭން އެއްބަހެއް ނުވެވޭނެ އެވެ. އަސްލަންއަށް ވެސް ވީ އެހެންނެވެ. ރަނގަޅު ދިރިއުޅުމެއް މިދުހަތުގެ ފުށުން ނުލިބޭނަކަން އަސްލަންއަށް ޔަގީންވާތީ އެވެ. ދެމެދުގައި އޮތް އެކުވެރިކަމުގެ ފާލަން އަންދާލީ އަސްލަން އެވެ. ދުވަހަކުވެސް އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ. އޭގެ އެތައް އަހަރުތަކަކަށް ފަހު މިދުހަތުގެ ވާހަކަ ދައްކަން ޖެހުމަކީ އެއްގޮތަކަށް ވެސް އަސްލަން ގަޔާވިކަމެއް ނޫނެވެ.
"އޯކޭތަ؟" އަރީން ރަނގަޅުހެން ހީވުމުން އަސްލަން އަހާލި އެވެ. އެއާއެކު އަރިން ބޯ ޖަހާލި އެވެ.
"މިދުހަތު ބައްދަލު ކުރީތަ؟ ކީކޭކީ؟" ސުވާލު އުފެދިފައި އިނދެ އަރީނަށް އަހާލެވުނެވެ. ހިތުގައި ބިރުވެރިކަން ވިއެވެ. އަސްލަންއާ ބައްދަލުކޮށް މިދުހަތު ވާހަކަ ދެއްކީބާއޭ އަރީން ހިތަށް އަރަނީއެވެ.
"އަރީނާ ބައްދަލުވީތަ؟ އޭނާ މާލޭގަ އުޅޭކަން އެނގޭ ދޯ." އަރީން ކުރި ސުވާލުން އަސްލަންއަށް ޝައްކުވި އެވެ.
"އަހަންނަކާ ނުވޭ ބައްދަލެއް..." ނިކަން އަވަހަށް އަރީން ބުންޏެވެ. ފަރުވާތެރި ކަމާއެކު ކޮއްކޮގެ މޫނަށް ބަލަން އަސްލަން އިނެވެ. ހިނދުކޮޅަކަށް އެގޮތުގައި އިނުމަށްފަހު މަންމައަށް އަސްލަން ބަލާލި އެވެ.
"މިރޭ މިގެއަށް އޭނާ އަންނާނެ. މިގެއަށް އޭނާ ވައްދާތީ ބުނެލީ." އަސްލަން ބުންޏެވެ.
"ކީއްކުރަން އަންނަނީ؟" ސަބީނާ ހާސްވި އެވެ. އެގެއަށް ނުވައްދަން އަސްލަންއަށް އޮތީ ސަބީނާ އަންގާފަ އެވެ. އަދި އެކުވެރީން ގޮތުގައި ހިޔާރު ކުރަން ވާނީ އުޅުން ރަނގަޅު ރައްޓެހިންކަމުގައި ސަބީނާ ބުންޏެވެ.
"މަންމައަށް އެނގޭތަ އޭނާ ކޮށްގެން އުޅޭ ކަމެއް؟" އަސްލަން ބުންޏެވެ. އެއަޑު އަހާފައި އަރީނަށް ބަނޑުގައި ހިފަހައްޓާލެވުނެވެ. ތެދުވެގެންދާން ބޭނުންވި ނަމަވެސް އަސްލަން ދައްކާ ވާހަކަ ވެސް އަޑު އަހަން އަރީން ބޭނުމެވެ. އެ ބުނަން އުޅެނީ އޭނާގެ ވާހަކަނޫން ކަމެއް ވެސް ނޭނގެއެވެ. ޔަގީނުން ވެސް ބޭބެއާ މިދުހަތާ ބައްދަލުވެއްޖެއެވެ. އެވަރު އަރީނަށް ބުނަން އެނގެއެވެ.
"އޭނާ ނޯޔާގެ ފަހަތުން އަޅުވާލައިގެން މި އުޅެނީ." އަސްލަން ބުންޏެވެ.
"ނާހަމަތެދެއް؟ ކިހިނެއްވީ ކަމެއްތީ؟" އަޖައިބުވެފައި ސަބީނާއަށް އަހާލެވުނެވެ. އޭރު އަރީނުގެ މޫނުގައި ވެސް ވަނީ ހައިރާން ކަމުގެ އިންތިހާ އެވެ. އިވިގެން އެ ދިޔައީ އިވިދާނޭ ކަމަށް ހީވެސް ނުކުރާ ވާހަކަ އެކެވެ. ފަރުވާތެރިކަމާއެކު އަސްލަން ދައްކާ ވާހަކައެއް އަޑު އެހުމަށް އޭނާއާ ދިމާއަށް އަރީން އެނބުރިލި އެވެ.
ނޯޔާއާއި މިދުހަތު ބައްދަލުވި ގޮތް އަސްލަން ކިޔާދިނެވެ. މިދުހަތު މީހަކާ އިނދެ އަންހެނުން ވަރިކޮށްފައި ހުރިކަމާއި އެ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބިފައި ހުރިކަން އަސްލަން ހާމަކުރި އެވެ. އަސްލަންއަށްވުރެ ކުރީން ރިދާނަށް އެނގި އޭނާ ނޯޔާއަށް އެހީވިކަން ބުންޏެވެ. މިދުހަތު ގެންނަން ނިންމީ އޭނާއަކީ މީހަކު ބުނާހާ އެއްޗެއް ގަބޫލު ކުރާނޭ މީހެއް ނޫންވީމަކަން އަސްލަން ބުންޏެވެ. ނޯޔާގެ ފަހަތުން އޭނާ ދުރަށް ދާނީ އަސްލަން ކުރިމަތިލައިގެންނެވެ. މިދުހަތު ގެންނަނީ އެ ހުރިހާ ކަމެއް ދައްކާށެވެ.
"ނޯޔާ!... ނޯޔާތަ އެބުނާ އަންހެންކުއްޖަކީ؟. މިދުހަތުގެ މޮޔަކަމާ. އަހަންނާ ނީންނަން ހުރީ ނޯޔާއާ އިންނަން. އެ ނޫން އަންހެނެއް ނުފެނުނީތަ؟." އަރީން އަޖައިބުވެ އަންތަރީސްވި އެވެ. މިދުހަތުގެ ދިރިއުޅުމާ ބެހޭ ގޮތުން އަސްލަން ދެއްކި ވާހަކައިން އޭނާ ހައިރާނެއް ނުވެއެވެ. އެކަން ޝެހެނާޒުގެ ފަރާތުން އޭނާއަށް އެނގިފައި އޮތީމަ އެވެ. އެކަމަކު ނޯޔާގެ ނަން އަތުވެދާނެ ކަމަށް ފަހަރެއްގައި ވެސް އޭނާ ހިޔެއްނުކުރެއެވެ.
"ނޯޔާތަ ކިޔާ ދިނީ؟" އަސްލަންގެ ވައަތްފަރާތުގައި އޭނާގެ މުލައްދަނޑީގައި ހިފާލަމުން އަރީން ސުވާލު ކުރި އެވެ.
"އާން!. އޭނާ ދޮގެއް ނުހަދާނެ." އަހަރުތަކަކަށް ފަހު ވެސް މިދުހަތު ދިފާއު ކުރަން އަރީން އުޅެދާނޭ ހީވުމުން އަސްލަން ބުނެލި އެވެ.
"އެކަހަލަ މީހަކާ އަރީން ގުޅޭން އަހަރެނަށް އެއްބަސް ނުވެވުނުކަން އެއީ ނަސީބެއް. އޭރު ވެސް ދުށީން އޭނާގެ ގޮތެއްފޮތެއް ނެތްކަމާއި ހުރި ވިޔާ ނުދާކަން. އޭނާ ކައިރިން ދުރު ކުރުވުނަސް ވަކި ރަނގަޅު ދިރިއުޅުމެއް އަރީނަށް ހޯދައެއް ނުދެވުނު. އަސްލަން! މިގެއަށް އޭނާ ވައްދައިގެން މާރާމާރީއެއް ނުހިންގާތި. އަނިޔާއެއް ނުދޭތި. އޭނާއަށް ވިސްނައި ދެވޭތޯ ބަލާ، ސުލްހަވެރިކަމާއެކު ވާހަކަ ދައްކަން ވާނީ. އެމީހުންގެ ފެންވަރަށް މަންމަގެ ދަރިއަކު ދެން ވެއްޓިއްޖެނަމަ މި ފުރާނަ ވެސް ދެން ނުހުންނާނެ." ސަބީނާ ބުންޏެވެ.
"އެކަހަލަ ކަމެއް ނުކުރާނަން. އަނގަބަހުން ހައްލު ކުރާނީ." އަސްލަން ބުންޏެވެ. އޭނާ މިދުހަތު ގެންނަން އުޅޭކަން ބުނީ މަންމަ ނުކުރަން އަންގާފައި އޮތް ކަމެއްކަން އެނގޭތީ އެވެ. އަނެއްކޮޅުން މިދުހަތު އެގެއަށް ވަދެ ހުއްޓާ އަރީނަށް ފެނިއްޖެއްޔާ ސުވާލު އުފެދޭނެކަން އެނގޭތީ އެވެ. އޭރުން މަންމައާ ވެފައި އޮތް ވަޢުދާ ހިލާފުވާނެ އެވެ. އެގެއަށް މިދުހަތުގެ ހިޔަނި ވެސް ނޭޅެކަން އަސްލަން އޮތީ ޔަގީން ކޮށްދީފަ ވިއްޔާއެވެ.
* * * * *
"ނޯޔާ..." ހިމޭންވެފައި އިން ނޯޔާއަށް އަސްލަން ގޮވާލި އެވެ.
"އަހަންނަކަށް ނޭނގޭނެ ވާހަކަ ދައްކާކަށް." ސޯފާގައިން ނޯޔާ ކައިރީ އިށީން އަސްލަންއަށް ބަލާލި އެވެ.
"އޭނާ ދައްކާ ވާހަކައަށް ޖަވާބު ދޭނީ. މާގިނަ ވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެމެން ތިބޭނީ ބަލަން." އަސްލަން ބުންޏެވެ.
"އޭނާ އަހަރެންގެ ގައިގާ އަތްލައިފިއްޔާ. ފަކުރު މީހެއް އެއީ." ނޯޔާ ހާސްވެފައި އިންވަރު އަސްލަންއަށް ދެނެގަންނަން އެނގެ އެވެ. ފަހު ބަސްތައް ނޯޔާ ބުނެލިއިރު އެ މޫނުން ފާޅުވި އަސަރުތަކުން އަސްލަންއަށް ހީނލެވުނީ ބޭއިހްތިޔާރުގަ އެވެ.
"ނުކެރޭނެ... އަހަރެން ބަލަން ހުންނާނަން. އެކަހަލަ ކަމެއްވުމުގެ މާކުރީން އަހަރެމެން ނޯޔާގެ ކައިރިއަށް އަންނާނަން. އޭނާ ފަހަރެއްގައި މިގެއަށް ނުވަދެދާނެ. އަހަރެމެންގެ މާޒީއެއް އެބައޮތް." އަސްލަން ބުންޏެވެ.
"އަސްލަންއަށް އޭނާ އެނގުނީ ކިހިނެއް؟" ނޯޔާ ސުވާލު ކުރި އެވެ.
ކުރުގޮތަކަށް އަސްލަން ކިޔާދިނެވެ. ކިޔަވަން އުޅުނު ދުވަސްވަރުގައި ކަމެވެ. ކަންތައްތައް ގޯސްވީ މިދުހަތު އެގެއަށް އައިސް އުޅުމުގައި އަރީނާ ރައްޓެހިވީމަ އެވެ. މިދުހަތު އަންހެން ކުދީނާ ބާއްވާ ގުޅުން އަސްލަންއަށް އެނގޭކަން ބުންޏެވެ. އޭނާއަށް ވެސް ނޭނގި އަރީނާ ގުޅުމެއް ބޭއްވީ އެވެ. އަދި ފަޅާ އެރީ ވެސް އެހާމެ ހުތުރު ކޮށެވެ. އަސްލަންއަށްވުރެ ކުރީން ސަބީނާއަށެވެ. އަރީންގެ ކޮޓަރިއަށް މިދުހަތު ވައްދައިގެން އުޅެނިކޮށް ނެރެން ޖެހުނީ އެވެ. އެ ދެމެދުގައި ކަމެއް ހިނގައިފިކަން މަންމައަށް އެނގުނީ އެވެ. އެހާ ރުޅި އައީ އެހެންވެއެވެ. އެކި ބަހަނާގައި އަރީން ނުކުމެ މިދުހަތާ ބައްދަލު ކުރަނީ އެވެ. އެކަން ނުހުއްޓިގެން މިދުހަތުގެ އާއިލާއާ ވާހަކަދެއްކީ ޚުދު އަސްލަންގެ މަންމައެވެ. އާއިލައިން މިދުހަތު ފުރުވާލަން އުޅުނުއިރު އެނގުނީ އޭނާ އަރީން ދެކެ ލޯބިވެގެންނޭ ކިޔައިގެން އުޅުނުއިރު އެހެން އަންހެންކުއްޖާ ވެސް ލޯބީގެ ގޮތުން ގުޅިގެންކަން އެނގެނީއެވެ. އެ އަންހެން ކުއްޖާ ބަލިވެޔޭ އިނީ ތުންތުން މަތިން އަސްލަންއަށް އަޑު އިވުނުކަން ބުންޏެވެ. މިދުހަތުގެ އާއިލާއިން އޭނާ ކުއްލިއަކަށް ފުރުވާލީ އެހެންވެހެން އަސްލަންއަށް އޮތީ ހީވެފަ އެވެ.
"އޭނާ އެ ގުޅަނީ..." ނޯޔާގެ ފޯނު ރިންގުވާން ފެށުމުން ބުނެލި އެވެ.
"ނަގާ... ވާހަކަ ދައްކާ. ދޮރޯށި ހުޅުވާފައޭ ބުނޭ ހުންނާނީ. ލިފްޓަށް އަރައިގެން އަންނަން ބުނޭ. މި ގަޑީގަ އެންމެން ތިބޭނީ ނިދާފައޭ ބުނާތި." އަސްލަން ބުންޏެވެ.
ނޯޔާ ފޯނުކޯލު ނެގިއެވެ. އޭނާ ވާހަކަ ދައްކާ އަޑު އަހަން ކައިރީގަ އަސްލަން އިނެވެ. ފޯނުކޯލު ނިންމާލާފައި ނޯޔާ ބުނީ މިދުހަތު ލިފްޓުން އެބާދޭ ކަމެވެ. ޓެރެސްއަށް ނުކުމެ ހުންނަން އަސްލަން ބުންޏެވެ. އެއަށްފަހު އެބައިގެ ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ރިދާނަށް ގޮވާލި އެވެ. އަތުވެއްޖެޔޭ އަސްލަން ބުނެލުމާއެކު ރިދާނު ސަމާލު ކަމަށް އައެވެ. ވަގުތު ޖެހުނީކަން އެނގުނީ އެވެ.
ނެގިނެގިފައި ހިތް ޖެހެމުން ދިޔައިރު ނޯޔާ ހުރީ ރެއިލިންގައި އެއްއަތުން ހިފަހައްޓާލައިގެންނެވެ. ޓެރެސްއަށް ނުކުންނަން ހުރި ދޮރު ފެންނާނޭ ހެނެވެ. އަތުގައި އޮތް ފޯނަށް ނޯޔާ ބަލާލި އެވެ. ބާރަ ޖަހަން ހުރީ ފަނަރަވަރަކަށް މިނެޓެވެ. އެވަގުތަކީ މިހެން ހިލޭ ފިރިހެނަކާ ބައްދަލުވާން ނޯޔާ އެދޭ ވަގުތެއް ނޫނެވެ. ވާހަކަ ދައްކަނިކޮށް ދޫ ފުރޮޅިދާނޭތީ ވެސް ނޯޔާ ކަންބޮޑުވެފަ އެވެ.
"މިދުހަތު..." ޓެރެސްގެ ދޮރުން ވަން މީހާ ނޯޔާއަށް ފެނުނެވެ. ދިއްލާފައި ހުރި ބޮކިތަކުގެ އަލިން މިދުހަތުގެ އިސްތަށިގަނޑުން ދަޅައަޅާލި އެވެ. ހީވަނީ ދެންމެ ފެންވަރައިގެން ނުކުމެ އޮމާންކޮށްލާފައިވާ އިސްތަށިގަނޑެއް ހެންނެވެ. ތުނބުޅިމަތިސް ތުނިވެފައި އެއްވަރުކަމުން ހީވަނީ އެއްވެސް އެ ހުރީ މިރޭ ހަދާފައި ހެންނެވެ. އޭނާ ހުރީ މަޑު ނޫކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނުގައި ކެޝުއަލް ބޫޓަކަށް އަރައިގެންނެވެ. ގަމީހުގެ ދިގު އަތް އޮތީ މުލައްދަނޑި ފެންނަ ވަރަށް އޮޅާލާފަ އެވެ. ފަޓުލޫނުގެ ޖީބަށް އެއްއަތް ކޮށްޕާލައިގެން ހުރެ ފިޔަވަޅު އަޅަމުން އަންނައިރު މޮޑެލްއެއް ފަދަ އެވެ. މި ނޫނީ މިހާ ފަރުވާތެރިކަމާއެކު މިދުހަތުގެ ސޫރައަށް ނޯޔާ ބަލާފައެއް ނުވެއެވެ. މަސްތީ ހިނިތުންވުމެއް މިދުހަތު ބަދަލު ކޮށްލުމުން ނޯޔާ ހައިރާންވި އެވެ. ކުރިން ފާހަގަ ނުވިޔަސް މިދުހަތު ހިނިތުންވެލުމުން އޭނާ ހޮލީވުޑްގެ ތަރި "ބްރެޑްޕިޓް" އާ ވައްތަރު ކަމެވެ. އޭނާ އެ އައީ ވަރަށް ތައްޔާރު ވެގެންކަން ފެނިފާ ވެސް ނޯޔާއަށް އެނގުނެވެ. ނޯޔާ އާ އަރާ ހަމަނުވަނީސް މިދުހަތު ޖަހާފައި ހުރި ސެންޓުގެ ވަސް އޭނާގެ ނޭފަތާ ހަމައަށް ފޯރައިފި އެވެ.
"ވަރަށް ފޫހިވޭ..." ހިތާހިތާ ނޯޔާއަށް ބުނެލެވުނެވެ.
"ހާއި!..." މިދުހަތު އައިސް ނޯޔާގެ ކުރިމަތީ ހުއްޓިލަމުން ބުނެލި އެވެ. ނޯޔާ ބަދަލުކޮށްލީ ދެއްކުންތެރި ހިނިތުންވުމެކެވެ.
"ވާއު! ތި ހިނިތުންވުން... ތި ރީތިކަން... ސިހުރު ޖައްސާކަން އެނގޭތަ. ޕީޗް ކުލަ ވަރަށް ގުޅޭ އިނގޭ. މިރޭ ހީވޭ ވަކިން ރީތިހެން"
"ހުއް! ކޮންމެހެން މާ ފްލާޓީވާނެ ކަމެއް ނެތް." ހިތާހިތާ ނޯޔާ އަޑުލައިގަތެވެ. ދަތްކުނޑިވިކާލަން އުޅެފައި ވެސް އަދި ވަގުތު ނުޖެހޭކަން އެނގި އަނެއްކާ ވެސް ބަދަލު ކޮށްލީ ހިނިތުންވުމެކެވެ.
"މިގޭ ކުއްޔަށްތަ އުޅެނީ؟ މިގޭ މީހުން އެނގޭތަ؟" ހިތުގައި ބާއްވައިގެން އުޅުނު ސުވާލު މިދުހަތު ބޭރު ކޮށްލި އެވެ.
"މިގޭ މީހުން އެނގޭ. އެކަމަކު އަހަރެންނާ ގުޅުމެއް ނެތް. ކިހިނެއްވީ؟ މިގޭ މީހުން ދަންނަނީތަ؟" ނޯޔާ ބުންޏެވެ. ހަމައެވަގުތު ދޮރު ކައިރިން އަސްލަން ބޯއަރިކޮށް ބަލާލިތަން ނޯޔާ ދުށްޓެވެ. މިދުހަތު ހުރީ ނޯޔާގެ ކުރިމަތީގައި ކަމުން އޭނާއަށް ދޮރު ކައިރީ ހިނގާ ކަމެއް ނުފެނެއެވެ. (ނުނިމޭ)