ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުޅުމާލެ ފެސިލިޓީގެ އިހްމާލުން މީހަކަށް ޖިސްމާނީ އަނިޔާތަކެއް!

May 30, 2021
1

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ މީހަކަށް ތަނުން އިހްމާލުވުމުން ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް އުމުރުން 78 އަހަރުގެ ބަލި މީހާގެ ދަރިއަކު ބުނީ އޭނާގެ ބައްޕަ ކޮވިޑަށް ޕޮޒިޓިވް ވެގެން ފެސިލިޓީ އަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ. ބައްޕަ ފެސިލިޓީ އަށް ގެންދަން އުޅުމުން އާއިލާގެ ފަރާތުން އެހީތެރިއަކު ދާން ހުށަހެޅި ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް އެ ފުރުސަތު ނުދިން ކަމަށް އޭނާ ބުންޏެވެ.

"މިއަދު ގުޅާފައި އެ ބުނަނީ އެހީތެރިއަކަށް އާދެވިދާނެއޭ. ބައްޕަގެ ސިއްހީ ހާލަތާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މައުލޫމާތު ނުދީ ހުރެފައި މިއަދު އެ ބުނަނީ ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ގެންދިއުން ލަސްވަނީ ބަޓްގައި [ފޫކޮޅުގައި] ފާރު ހުރުމުންނޭ،"

އޭނާ ބުނީ ބައްޕަ ފެސިލިޓީ އަށް ގެންދިޔަ އިރު ސިއްހީ އެފަދަ މައްސަލައެއް ނުހުންނާނެ ކަމަށާއި އެތަނަށް ގެންގޮސް ނެޕީ ޖަހައި، ނެޕީ ގަވައިދުން ބަދަލުކުރުމުގައި ފަރުވާ ކުޑަކޮށް، އަދި ރަނގަޅަށް ސާފު ނުކުރާތީ އެ މައްސަލަ ދިމާވީ ކަމަށެވެ. އެއީ ފެސިލިޓީގެ ވަރަށް ބޮޑު އިހްމާލެއް ކަމުގައި އޭނާ ދެކެ އެވެ.

އޭނާ ބުނީ ބައްޕަ އަކީ ހަކުރު ބަލީގެ އިތުރުން ހިތުގެ ބައިޕާސް ވެސް ހަދާފައި ހުންނަ މީހެއް ކަމަށެވެ. އަދި ކިޑްނީގެ މައްސަލަ ތަކެއް ވެސް ތަހައްމަލް ކުރަމުންދާ ފާހަގަކޮށްފައިވެ އެވެ.

"ކިޑްނީ ވެސް މައްސަލަ ހުންނާތީ އަޅުގަނޑުމެން އެދުނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްދޭން. ހޮސްޕިޓަލުން އާއިލާ އަށް ޔަގީންކަން ދީފައި އޮތީ ހޮސްޕިޓަލްގައި ފަރުވާ ދެވޭނެކަން. އަޅުގަނޑުމެން އެ މައުލޫމާތު ފެސިލިޓީއާ ހިއްސާކުރީމާ ތަފާތު އުުޒުރުތައް ދައްކާފައި އަދި މައުލޫމާތު ވެސް ނުދީ ހުރެފައި މިއަދު އެ ބުނީ ފާރު އުފެދުނު ވާހަކަ ވެސް،"

އޭނާ އިތުރަށް ބުނީ ކޮވިޑް ފެސިލިޓީއަށް ގެންދާ ހައިރިސްކް މީހުން ވެސް އެންމެ ގިނަ ވެގެން 21 ދުވަސް ތެރޭގައި އެތަނުން ދޫކޮށްލުމަކީ އެޗްޕީއޭގެ އާންމު އުސޫލެއް ކަމަށެވެ. ނަމަވެސް އޭނާގެ ބައްޕަ ކޮވިޑް ފެސިލިޓީގައި އޮންނަތާ މިއަދަށް 23 ދުވަސްވީ ކަމަށްވެސް ބުންޏެވެ.

"ބައްޕަގެ ހަތަރު ކުދިން އެބަތިބި. ދެ އަންހެން ދެ ފިރިހެން ކުދިން އެބަތިބި. އަޅުގަނޑުމެން އެހީވާން އެދުނީމާ އެ ފުރުސަތު ނުދީ ބަހައްޓާފައި ބައްޕައާ މެދު ކިހާ ބޮޑު އިހްމާލެއްތޯ އެވީ. ބައްޕަ އަށް ވާހަކަ ވެސް ނުދެއްކޭ. ކިހާ އުދަގުލެއްގައިތޯ ބައްޕަ އޮންނާނީ އެ ހާލަތުގައި. މިއީ ކިހާ ސީރިއަސް ކަމެއްތޯ." ބައްޕަގެ ސިއްހީ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުރި ދަރިފުޅުން ބުނެފައިވެ އެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އިސްލާހު ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން އެޗްއާރްސީއެމުން ދާދި ފަހުން އެ ފެސިލިޓީ އަށް ޒިޔާރަތްކޮށް ނެރެފައިވާ ރިޕޯޓްގައިވެސް ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި މިހާތަނަށް މަރުވި ގިނަ މީހުންނަކީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.