ދުނިޔެއަށް ފެތުރިގެންފައިވާ ކޮވިޑާ ގުޅިގެން އާ ބަސްތަކާއި ލަފުޒުތައް އުފެދި ބަސްމޮށުންތެރިކަން މިއޮތީ މި ހިސާބަށް އައިސްފަ އެވެ. އެކައްޗަކަށް ކިޔާ އެތައް ނަމެއް އާންމުވި ނަމަވެސް އެއީ ކޮންއެއްޗެއްކަން ގިނަ ބަޔަކަށް ސާފު ނޫން ނަންތައް ވެސް އެބަހުއްޓެވެ. ކޮވިޑް-19 ވެކްސިން ޕާސްޕޯޓް ނުވަތަ ވެކްސިން ޕާސްޕޯޓަކީ މިބުނި ޒާތުގެ އެއްޗެކެވެ.
ކޮވިޑް ވެކްސިން ޖަހާފައި ހުރި މީހެއްކަން ކަށަވަރު ކުރުމަށް ގައުމުތަކުން ވެކްސިން ޕާސްޕޯޓާއި އިމިއުނިޓީ ޕާސްޕޯޓާއި އިމިއުނިޓީ ސެޓްފިކެޓާއި ރިކަވަރީ ސެޓިފިކެޓް އަދި ރިލީޒް ސަނަދުތައް ހަދައި އާންމުކޮށް ބޭނުން ހިފާ އެއްޗަކަށް ހަދަން އުޅޭ ކަމަށް ބުނާއިރު މި ބުނެވެނީ ދާދި އެއް ލިޔުމެއްގެ ވާހަކަ އެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ވެސް ވެކްސިން ޕާސްޕޯޓް ބޭނުން ހިފަން ގައުމުތަކުން އެބަ ވިސްނަ އެވެ.
ކޮވިޑް އިމިއުން ޑިޖިޓަލް ވެރިފިކޭޝަން ސިސްޓަމް އެއާޕޯޓްތަކުގައި ބޭނުން ކުރަން ފަށައިފި ނަމަ ދަތުރުވެރިންނަށް މޮބައިލް އެޕްލިކޭޝަނަކުން ވެސް ފުއްދާލެވިދާނެ އެވެ. މިއީ ބޯޑާ ކޮންޓްރޯލް ސިސްޓަމާ ދާދި އެއް މާނައެއްގައި މަސައްކަތްކުރާ ނިޒާމެއް ކަމަށް ބެލިދާނެ އެވެ.
ކޮވިޑާ ހެދި ރާއްޖޭގެ މާލެ ލޮކްޑައުންކޮށްފައި އޮތް ނަމަވެސް ފުލުހުން ދޫކުރާ ފާހަކަށް ބޭރަށް ނުކުވެ އުޅެވެ އެވެ. ހުއްދަ ކަށަވަރު މީހެއްތޯ ބަލަން މަގުމަތައް ބަލަހައްޓާ ފުލުހުންނަށް ފާސް ދައްކާލުމުން މޮބައިލް ފޯނުން ސްކޭންކޮށް ފުލުހުންގެ ޑާޓާބޭސް ޗެކްކުރެ އެވެ. އަދި އެމީހަކީ ހުއްދަ ހޯދައިގެން ދުއްވާ މީހެއް ނަމަ ދޫކޮށްލަ އެވެ. ނޫން ނަމަ އެ މީހާ ހައްޔަރަށް ދާން ޖެހެ އެވެ. މިއީ ވެސް ވެކްސިން ޖަހާފައި ހުރި މީހެއްކަން ކަށަވަރު ކުރެވިދާނެ ގޮތެެކެވެ.
އެއާޕޯޓްތަކުގައި ރަސްމީކޮށް ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ބޭނުން ކުރަން ނުފެށިގެން އުޅެނީ ކޮވިޑް ކޮންޓްރޯލް ނިޒާމަކުން ދުނިޔެ އަދި ގަތާލާފައި ނެތުމުންނެވެ. ވެކްސިން ޕާސްޕޯޓް އުފައްދަން އެކި ގައުމުތަކުން އެކި ހިޔާލަށް ބަރޯސާ ކުރާތީ އެހެން ގައުމެއްގައި ވެކްސިން ޖަހާފައި ހުރި މީހަކު އަނެއް ގައުމެއްގައި ކަށަވަރު ކުރެވޭނެ އެކުލެވިފައިވާ މެކޭނިޒަމެއް އަދި ނެތުމުންނެވެ.
ގައުމުތަކާ އެއާލައިންތަކުން ވިސްނާ ގޮތުން ވެކްސިން ޕާސްޕޯޓަކީ މުހިންމު އެއްޗެކެވެ. ވެކްސިން ޕާސްޕޯޓް އޮވެއްޖެ ނަމަ ކަރަންޓީނު ނުވެ އަދި އެ ގައުމެއްގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކުން ފުރޭނި މިނިވަންކަމުގައި އުޅެވޭނެ އެވެ. މިއީ އަދި މަޖުބޫރު ލިޔުމެއް ނޫނެވެ.
ޔޫރަޕިއަން ޔޫނިއަނުންނާއި ޗައިނާ އަދި ޖަޕާނާއި ޔޫކޭއިން ވެސް އަންނަނީ އަމިއްލަ ސިސްޓަމަކާ ބެހޭ ގޮތުން ވިސްނަމުންނެވެ. އެހެން ނަމަވެސް މި ނިޒާމު ކޮޅަށްޖަހަން ނަގާނެ ވަގުތަށް ބަލައި ސައްހަ ލިޔުމެއް އޮވެއްޖެ ނަމަ ދޫކޮށްލާ ގޮތަށް ބައެއް ގައުމުތަކުން އެބަ ވިސްނަ އެވެ.