ތިމާވެށި

ޕްލާސްޓިކްގެ ބައެއް ތަކެތި މަނާ ކުރުން ފަސްކުރަނީ

މާދަމާއިން ފެށިގެން މަނާވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބައެއް ތަކެތި އެތެރެ ކުރުން މަނާ ކުރުން ފަސް ކުރަން ނިންމައިފި އެވެ.

އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކުގެ ނުވަ ބާވަތެއް ޖޫން އެއްވަނަ ދުވަހުން ފެށެގެން ރާއްޖެ އެތެރެ ކުރުން މަނާ ވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެފަދަ އެއްޗިއްސަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

ސިންގަލް ޔޫސް ޕްލާސްޓިކްގެ މަނާ ބާވަތްތަކުގެ ތެރެއިން ބަދަލު ގެންނަ އެއްޗެހީގެ މައުލޫމާތު މިއަދު ގެޒެޓް ކުރާނެ ކަމަށް ވެއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކު ރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން 2023 ގެ ނިޔަލަށް ހުއްޓާލަން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ" އް އެކުލަވާލާފަ އެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގައި ހިމެނޭ "ކުންޏަކީ ވަސީލަތަކަށް ހެދުން" އެ ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކް މަދު ކުރުމުގައި އަމަލު ކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެ އެތެރެ ކުރުން މަނާ، އުކާލާ ޒާތުގެ ޕްލާސްޓިކް މަނާ ކުރުމަށް ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ގަރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ސިންގަލް ޔޫސް ހޮޅި އާއި އުލާއި ސަމުސާ ފަދަ ތަކެއްޗާއީ ސުޕާރީ ޕެކެޓް، ކަފަބުރު، ކުދި ޝޭމްޕޫފުޅި އަދި ކުދި ސައިބޯނި ފުޅި ފަދަ ތަކެތި އެތެރެކުރުން މާދަމާ އިން ފެށެގެން މަނާ ވާނެ ކަމަށް ކުރިން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އިތުރު ދެ ބާވަތެއް އެތެރެކުރުން މަނާވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެއީ ބާޒާރުކުރުމަށް ބޭނުންކުރާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެވެ.

އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާކުރަން ވެސް ވަނީ ނިންމާފަ އެވެ.