ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅުނު ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހްމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލައިފި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލާ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ.
ސްރީލަންކާގައި ފިލައިގެން ދިރިއުޅެމުން ދަނިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެކަމަކު ދިވެހި ފުލުހުން ލަންކާ އަށް ގޮސް އޭނާ ރާއްޖެ ގެނެސްފައިވަނީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ގެނައި ގޮތަށް އަދިވެސް ހުރީ ބަންދުގައި ބަހައްޓާފަ އެވެ.
އަންމަޓީ ފިލައިގެން އުޅޭތީ އޭނާ ހޯދުމަށް އިންޓަޕޯލްއިން 2019 ވަނަ އަހަރު ރެޑް ނޯޓިސް ވެސް ނެރުނެވެ.
ސީލައިފުން ވަނީ 3000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނަގާފައިވެ އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި އެކަނިވެސް 50،000 ރުފިޔާ ނަގާފައިވެ އެވެ.
މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ބައެއް މީހުން ދައްކާފައިވާއިރު ބައެއް މީހުން ވަނީ ފްލެޓްގެ ޖުމްލަ އަދަދުވެސް ދައްކާފަ އެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފާ ދެކޮޅަށް ކޯޓުގައި ދައުވާ ވެސް ކޮށްފައިވެ އެވެ.
އަންމަޓީ ހައްޔަރު ކުރި އިރު ސީ ލައިފުން ފްލެޓް ހޯދަން ފައިސާ ދެއްކި މީހުންނަށް އެޗްޑީސީން އެ ފައިސާ ދީފައިވެ އެވެ. ފައިސާ އެޗްޑީސީން ދިނީ ސީލައިފާ އެކު ސަރުކާރުން ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހެދުމަށްފަހު އެވެ.