ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން މައުލޫމާތުތަކެއް ލީކު ކޮށްލި މައްސަލަ ތަހުގީގުކުރަން އުޅުނު ނަމަވެސް ނޫސްވެރިކަމަށް ހުރަސް އަޅަން މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް މިހާރު ނޫހުގައި ޝާއިއު ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި އެ މައުލުމާތުތައް ލީކުވި ގޮތް ބަލަން ފަށައި، އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.
ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ އެ މައްސަލަ ފެންމަތިވި ފަހުން މައްސަލައިގެ މިސްރާބު ބަދަލުކުރަން މަސައްކަތް ކުރަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. އަދި މައްސަލަ ބެލުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށް ބުނާތީ އެކަމާ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މައްސަލަ ބަލަން އުޅޭތީ ރައްޔިތުންގެ މަޖިލީހާއި މަޖިލިސް މެމްބަރުންނާ މެދު ނުބައި ތަސައްވުރެއް ފަތުރަން މަސައްކަތްކުރަމުންދާ ކަމަށްވެސް މީކާއިލް ތުހުމަތު ކުރެއްވި އެވެ.
"....އެއްވެސް ހާލެއްގައި މިއުޅެނީކީ ނޫސްވެރިކަމުގެ ހައްގައް އަރައިގަންނާކަށް ނޫން. ނުވަތަ ނޫސްވެރިންނަށް އެމީހުންގެ އެ ހަބަރުތަކުގެ ނޫނީ އެ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރުމަށް އެއްވެސް ބަޔަކު މަޖުބޫރު ކުރާކަށް ނޫޅޭ. އަޅުގަނޑުމެން ކަންބޮޑުވެގެން މި އުޅެނީ ރާއްޖޭގެ ދީފާއި ބާރު ފޫގޮއްސައި އޮތް ކަމަށް މި މައްސަލައިން އަޅުގަނޑުމެންނަށް ފާހަގަވާތީ،" މީކާއިލް ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ ނޫސްވެރިކަމަށާއި އަދި ނޫސްވެރިންނަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ނިޔަތެއް މެންބަރުންގެ ނެތް ކަމަށެވެ. އެހެންނަަމަވެސް އެއްޗެއް ލިޔާއިރު ގައުމީ ސަލާމަތާއި އަދި އެހެން އިންސާނުންގެ ރައްކާތެރިކަމަށް ބަލައިގެން ނޫސްވެރިން ލިޔުންތައް ލިޔުމަށްވެސް ހަސަން އެދިވަޑައިގެންނެވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ މަޖިލީހުން ކުރާ މަސައްކަތަކީ މީޑިއާގެ މިނިވަންކަން ދަމަހައްޓައި ޖަވާބުދާރީ ކުރެވެން އޮތް މުއައްސަސާތަކުގެ ތެރެއިން މީޑިއާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ބަލައި ގާނޫނު އަސާސީން މަޖިލީހަށް ކޮށްފައި އޮތް ޒިންމާއެއް އަދާކުރުން ކަމަށެވެ.
"....އަޅުގަނޑު ވަރަށް ފާހަގަކޮށްލަން ހިތާމާއާއެކު. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ނޫސްތަކުގައި ހަބަރު ލިޔާއިރު ބައެއް ފަހަރު މަސްދަރޭ ވިދާޅުވެ އެ ބޭފުޅުންގެ އަމިއްލަ ސިކުނޑިއަށް އަންނަ ވިސްނުމެއްވެސް ލިޔާކަަން. ނަމަވެސް އެ ސިކުނޑީގެ ވިސްނުން ވިސްނީ ކާކުތޯ ބަލާކަށް މަޖިލީހަކުން ނޫޅޭ،" ހިސާން ވިދާޅުވި އެވެ.
ލީކު ކޮށްލި މައުލޫމާތުތައް މިހާރު ނޫހަށް ދިން ފަރާތްތައް ހޯދަންވެސް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވާފައިވެ އެވެ.
މައުލޫމާތުތައް ލީކުވި މައްސަލާގައި މަސްދަރު ހޯދަން މަސައްކަތް ކުރަމުންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެ މަސްދަރު ނޫސްވެރިޔާގެ ކިބައިން ނުހޯދާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފަ އެވެ