މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލްގެ ފުރަތަމަ ކިއުން މިއަދު މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ.
ހިސާން ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރު ކުރުމަށެވެ.
އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ވާނެއެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްތަކުގައި ރައީސް ނަޝީދަށާއި އަދި ބައެއް މީހުންނާމެދު ނަފްރަތު އުފެއްދައި ލޭ ހުއްދަކުރަން ގޮވާލާތީ އެކަން ހުއްޓުވުމަށް ބައެއް މެމްބަރުން ގޮވާލައްވައިފައި ވެއެވެ.