ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 40،000 މީހުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 40،117 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ.

ކޮވިޑްގައި ދިވެހިން 14 މަސް ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 64،396 މީހަކަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނީ މި މަހު އެވެ.

މިއަދާ ހަމައަށް ބަލިން ފަސޭހަނުވެ ތިބީ 24،109 މީހެކެވެ. 204 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 11 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. މުޅި ޖުމްލަ 14 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 138 މީހަކަށް ފަރުވާ ދެމުންދާއިރު ދިވެހިންގެ މައި ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހަ މީހަކު، 17 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް އަދި 16 ވަނަ ފަންގިފިލާގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގައި ހަތް މީހަކަށް އަދި ހުޅުމާލެ ހޮސްޕިޓަލްގައި 21 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ބ. އޭދަފުއްޓާއި ށ. ފުނަދޫ އާއި ގއ. ވިލިގިއްޔާއި ގދ. ތިނަދޫ އާއި ލ. ގަމުގެ އިތުރުން ފުވައްމުލަކު ފެސިލިޓީގައިވެސް ކޮވިޑްގެ ބަލި މީހުން އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވީ 161 މީހެކެވެ. އޭގެ ތެރެއިން 88 މީހަކު މަރުވީ މި މަހު އެވެ.