އެލްޖީއޭ

ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ޖޫން 20ގެ ކުރިން ހޮވަން އަންގައިފި

Jun 1, 2021
1

ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވާފައި ނުވާ ކައުންސިލްތަކުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ ކައުންސިލްތަކަށް ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަން ވަކި މުއްދަތެއް ދިނީ ކޮވިޑް 19ގެ ހާލަތަށް ވެސް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ކައުންސިލަރަކު މިހާތަނަށް ރަށަށް ނުދެވި ހުރި ނަމަ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމަށްފަހު ވެސް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވާ ނިންމޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަނީ އެ ކައުންސިލެއްގައި ތިބޭ ހުރިހާ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އާންމުކޮށް ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި އެ މަގާމުތަކަށް ބޭފުޅުން ހޮވަ އެވެ.

ކޮވިޑް ހާލަތާ ގުޅިގެން ބައެއް ކައުންސިލަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީއާއި ދަތުރުކުރުމަށް ހުރި ދަތިތަކާއި ކަރަންޓީން އުސޫލު އޮންނަ ގޮތުންނާއި އަދި ބައެއް ރަށްތައް ބަންދުކޮށްފައިވާތީ ބައެއް ކައުންސިލަރުންނަށް ވަނީ އެ މީހުންގެ ރަށަށް ގޮސް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވުމަށް ދަތިތަކަކާ ކުރިމަތިވެފަ އެވެ.

އެލްޖީއޭ އިން ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސުން ހޮވަންވެސް އަންގާފަ އެވެ.

ޑެޕިއުޓީ މޭޔަރު ނުހޮވާ އޮތް ހަމައެކަނި ކައުންސިލަކީ މާލެ ސިޓީ ކައުންސިލް އެވެ. ނައިބް ރައީސް ނުހޮވާ ބައެއް ރަށްތައް ހުރި ނަމަވެސް ސީދާ އަދަދެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މާލޭގެ މޭޔަރާ އެކު 18 ކައުންސިލަރުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްފައިވާއިރު އޭގެ ތެރެއިން 12 ކައުންސިލަރުންނަކީ އިދިކޮޅު ޕީޕީއެމްގެ ބޭފުޅުންނެވެ. އެހެންކަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހޮވޭނީ ޕީޕީއެމްގެ ކައުންސިލަރެއް ކަމަށް ބެލެވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް މިހާރު ވާދަކުރައްވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އެވެ. މީގެކުރިން ޕީޕީއެމްގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޯ) ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގެ ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ވަކި ބޭފުޅަކު އެ މަގާމަށް ގެނައުމަށް މަަސައްކަތް ނުކުރާނެ ކަމަށެވެ.