ދުނިޔެ

ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ނުޖެހޭނެ: އީރާން

އެމެރިކާއިން އީރާނާއެކު 2015 ގައި ހެދި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އެއްބަސްވުން ޓްރަމްޕް ސަރުކާރުން އޮތީ އުވާލާފަ އެވެ. ބައިޑަން އެމެރިކާ ސަރުކާރާ ހަވާލުވެ ވަޑައިގެން މި އެއްބަސްވުމަށް އީރާން ރުޖޫއަ ކުރުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

އޮސްޓްރިއާގެ ވިއެނާގައި މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން ބައިވެރިވެ ވަޑައިގަންނަވަނީ ޑިޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އަރާގްޖީ އެވެ. އޭނާ ވިދާޅުވީ ވާހަކަތައް މިހާރު ހުރި ގޮތުން ވިއެނާ މަޝްވަރާތަކުން މިފަހަރު ނަތީޖާއެއް ނުކުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އައްބާސް ވިދާޅުވީ ކޮޅެއްގައި ޖެއްސޭތޯ އީރާނުން ހިތްވަރު ކުރާނެ ކަމަށާއި އެމެރިކާ އުޅެނީ ގޮތް ދޫކުރަން ނުކެރިިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއަށް އެނގެނީ އަނގަތަޅަން ކަމަށާއި ކަމެއް ކުރަން ނޭނގޭ ކަމަށެވެ.

އީރާންގެ ނިއުލްކިއާ ޕްރޮގްރާމްއާ ބެހޭ ގޮތުން އެމެރިކާއާއެކު މަޝްވަރާ ކުރުމުގައި ދެމި އޮންނާނެ ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ ވެސް ކުރިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުންމީދަކީ ޖޭސީޕީއޯއޭ އަށް ރުޖޫއަވުން ކަމަށެވެ.

އެމެރިކާއިން ދައްކާ ވާހަކަތަކުން ކޮޅެއް މެދެއް ސާފު ނުވާ ކަމަށް ހަސަން ރޫހާނީ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ މަސައްކަތް ކުރަނީ ލުޔެއް ދިނުމެއް ނެތި ހުރިހާ މޮޅެއް ހާސި ކުރުމަށް ކަމަށެވެ.

އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަން ކުރާ މަސައްކަތްތައް މާބޮޑަށް ކުރިއަރުވާފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިން އެނާޖީ ޑައިރެކްޓާ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދެން އީރާން އަތުނުޖެހޭނެ ކަމަށެވެ.

އީރާނުން ހޯދާފައިވާ އެ ކުރިއެރުމާއެކު އެމެރިކާ ދޭހާ ބަތަކަށް ރިހައެޅުމަކީ އިރާނުން ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އެމެރިކާއިން ވެސް ދޫދީގެން ނޫން ގޮތަކަށް އެއްބަސްވުމަކަށް ދެން ރުޖޫއަ ނުވެވޭނެ އެވެ.