ދުނިޔެ

ހިފަހައްޓާފައި ހުރި ފައިސާތައް ލިބިދާނެ: އީރާން

ގައުމުތަކުގައި ހިފަހައްޓާފައި ހުރި އީރާންގެ ފައިސާތައް ލަސްތަކެއް ނުވެ ލިބިދާނެ ކަމަށް ބެލެވޭ ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޝަންގެ ސެކްރެޓަރީ އަލީ އަލީޒަދާ ވިދާޅުވި ގޮތުން އެމެރިކާގެ އެންގުމަށް ގައުމުތަކުގައި ހިފަހައްޓާފައި ހުރި ފައިސާތައް އީރާނަށް ލިބިދިނުމާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ޖެހި މަސައްކަތްތައް އޮތީ ފެށިފަ އެވެ.

އަލީޒާދާ ވިދާޅުވީ އީރާނަށް ފައިސާތައް ލިބުން ދެން ލަސް ނުވާނެ ކަމަށެވެ. މާލީ މުއާމަލާތްތަކަށް އެމެރިކާ ރުހުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާތައް ލިބޭނެ ކަމަށް ބެލެވެނީ ޗައިނާގެ މާލީ ނިޒާމްގެ ތެރެއިން ކަމަށެވެ.

އީރާނުން ވިއްކި ތެލަށް ލިބެން ޖެހޭ އެތައް ބިލިން ޑޮލަރެއް ދުނިޔޭގެ ބޭންކްތަކުގައި ހުރީ ހިފަހައްޓާފަ އެވެ. ގައުމުތަކުގައި ފައިސާތައް ހިފަހައްޓާފައި ހުރީ އެމެރިކާ ބުނެގެނެވެ.

އެމެރިކާއިން 2015 ގައި އީރާނާއެކު ވެފައި އޮތް ނިއުކްލިއާ އެއްބަސްވުން ޑޮނަލްޑް ޓްރަމްޕް ސަރުކާރުން 2018 ގައި އުވާލައި އީރާނަށް އިގުތިސޯދީ ގޮތުން ދަތިކުރަން އެޅި ފިޔަވަޅުތަކާ ގުޅިގެން ބޭނުންކުތަކުގައި ފައިސާތައް ހިފަހައްޓާފައި ހުރީ އެވެ.

އީރާނުން ބުނާ ގޮތުން އެގައުމަށް ލިބެން ޖެހޭ 100-120 ބިލިއަން ޑޮލަރު ގައުމުތަކުގައި ހުރީ ތާށިކޮށްފަ އެވެ. އެގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ އާއި ޖަޕާން އަދި ކެނެޑާ ހިމެނެ އެވެ.

އަލީޒާދާ ވިދާޅުވި ގޮތުން މި ވާހަކަތައް ހަބަރުތަކަށް ނޭރި ނަމަވެސް މުއާމަލަތްތައް ދަނީ ކުރިއަށެވެ. އީރާންގެ ނިއުކްލިއާ މަޝްވަރާތައް ވިއެނާގައި ކުރިއަށް ދާއިރު، ފައިސާތައް ލިބުމަކީ ނިއުކްލިއާ ޑީލާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމަން އީރާނަށް ވެސް ފަސޭހަ ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާނުން އދ. އަށް ދައްކަން އޮތް ދަރަނި ދައްކަން ބޭނުންކުރީ ވެސް ހިފަހައްޓާފައި ހުރި ފައިސާއިން ބައެއް ކަމަށެވެ. ދެކުނު ކޮރެއާއިން ވަނީ އީރާނުން އދ. އަށް ދަރަނި ދެއްކުމަށްޓަކައި އެ ގައުމުގެ ބޭނުންތަކުގައި ހުރި ފައިސާއިން 18 މިލިއަން ޑޮލަރު ދޫކޮށްފަ އެވެ.

އީރާނުން އދ. އަށް ދަރަނި ދެއްކުމުގެ ބޭނުމަކީ ސަލާމަތީ މަޖިލީހުގައި ވޯޓުލުމުގެ ހައްގު ހޯދުމެވެ. ދަރަންޏެއް އޮތްހައި ހިނދު އދ. ގެ ގުނަވަންތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުން އެ ގައުމަކަށް މެދުކެނޑެ އެވެ.