ދުނިޔެ

ރަނގަޅު ގޮތަކީ ސީދާ މަޝްވަރާއަށް ދިއުން: އީރާން

އީރާން ނިއުކްލިއާ ޑީލާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރަމުންދާ މަޝްވަރާތައް ކޮޅެއްގައި ޖެއްސޭނީ ވޮޝިންގްޓަނާއެކު ސީދާ މަޝްވަރާ ކޮށްގެން ކަމަށް އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅު ވެއްޖެ އެވެ.

ރައީސީ ވިދާޅުވީ މަޝްވަރާއަށް ފުރުސަތު އޮތް ނަމަ އީރާނުން އެ ފުރުސަތު ބަންދު ނުކުރާނެ ކަމަށާއި އީރާނުން ބޮޑަށް ވިސްނާނީ ގައުމަށް އޮތް މަންފާއަށް ކަމަށެވެ.

ދައުލަތުގެ ޓީވީން ދުރަށް ދެއްކި އިންޓަވިއުއެއްގައި ރައީސީ ވިދާޅުވީ ވޮޝިންޓަނާއެކު ކުރިމަތިން ބައްދަލުކޮށް މަޝްވަރާ ކުރުމަކީ އީރާނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި ވޮޝިންޓަނުން ވެސް އެކަމަށް އެދިފައި އޮތް ކަމަށެވެ.

ރައީސީ ވިދާޅުވި ގޮތުގައި އެމެރިކާ އާއި އީރާނުން ސީދާ މަޝްވަރާތަކުގައި މިހާތަނަށް މަސްއޫލު ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތު މިހާރު ކުރިއަށް ވުރެ ބޮޑު ކަމަށް ވިދާޅުވި އެވެ. ދެ ގައުމަށް ކަމުދާ ކޮންމެ ވަގުތެއްގައި މަޝްވަރާއަށް ތައްޔާރު ކަމަށް ވެސް ވިދާޅުވި އެވެ.

ވިއެނާގައި ކުރެވެމުންދާ މަޝްވަރާތައް ހުރީ ރަނގަޅު މިސްރާބަށް ކަމަށް އީރާނުން ބުނެ އެވެ. އީރާނުން ބުނާ ގޮތުން މިހިސާބުން ދެން އޮތް ފިޔަވަޅަކީ ނުރަސްމީ ސިފަ ކަނޑުވާލައި މުއާމަލާތްތަކުގައި ރަސްމީ ސިފަ ޖެއްސުމެވެ.

އީރާން ބުނާ ގޮތުން ތިންވަނަ ފަރާތެއް މެދުވެރި ކުރުމަކީ އެމެރިކާ ހުއްޓާލަން ވެއްޖެ ކަަމެކެވެ. ތިންވަނަ ފަރާތެއް މެދުވެރިކޮށް މުއާމަލާތްތައް ލަސްވުމާއި މެސެޖެ ފޮނުވުމުގައި ފުށުއަރާ ކަމަށް ވެސް އީރާނުން ބުނެ އެވެ.

ނިއުކްލިއާ ޑިލާ މެދު އެމެރިކާ ގެންގުޅޭ ވިސްނުން އިޚްލާސްތެރި ނަމަ އީރާނާއެކު އެއް މޭޒު ދޮށުގައި މަޝްވަރާ ނުކުރެވޭނެ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ވެސް އީރާން ބުނެ އެވެ.

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލާހިޔާން ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިއެނާގައި އެމެރިކާގެ ފަރާތުން މަޝްވަރާކުރާ ޓީމުން، ސީދާ މަޝްވަރާތަކަށް ވަނީ އެދިފަ އެވެ.

ވަޒީރު ވިދާޅުވީ ސީދާ މަޝްވަރާތަކަށް ތައްޔާރު ކަމަށާއި ވަގުތު ބޭކާރު ނުކުރުމަށްޓަކައި ވެސް ވޮޝިންގްޓަނާއެކު އެއްމޭޒު ދޮށަށް އީރާނުން ދާނެ ކަމަށެވެ.