(30 މެއި 2021 އާ ގުޅޭ)
"މިގޭ މީހުން އެނގޭ. އެކަމަކު އަހަރެންނާ ގުޅުމެއްނެތް. ކިހިނެއްވީ؟ މިގޭ މީހުން ދަންނަނީތަ؟" ނޯޔާ ބުންޏެވެ. ހަމައެވަގުތު ދޮރު ކައިރިން އަސްލަން ބޯ އަރިކޮށް ބަލާލިތަން ނޯޔާ ދުށްޓެވެ. މިދުހަތު ހުރީ ނޯޔާގެ ކުރިމަތީގައި ކަމުން އޭނާއަށް ދޮރު ކައިރީ ހިނގާ ކަމެއް ނުފެނެއެވެ.
"ނޯޔާ!...." މިދުހަތު ގޮވާލިއެވެ. ނޯޔާގެ ކޮންމެ ހަރަކާތަކަށް ސަމާލުވެ ހުރުމުން އޭނާގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓުނުކަން މިދުހަތަށް ފާހަގަވީ އެވެ. ފަސްއެނބުރި ބަލާލާފައި އަލުން ނޯޔާއާ އޭނާ ކުރިމަތިލީ އެވެ.
"ހާދަ ހާސްވެފަ. މީހަކު އަތުވެދާނޭތީތަ؟" މިދުހަތު އަހާލި އެވެ.
"ކުޑަކޮށް..." ދެފަރާތަށް ބޯ ހޫރާލަމުން ނޯޔާ ބުންޏެވެ.
"ފިރިމީހާ ރަށަކު ނެތެއްނު. ދެން ތިހާ ހާސްވެފަ ނުހުރެބަލަ. ނޯޔާއަށް އެނގޭތަ؟ މީ އަހަރެން ވަރަށް ކުރީން އައިސް އުޅުނު ގެއެއް." ޓެރެސްއަށް ނަޒަރު ހިންގާލަމުން މިދުހަތު ބުންޏެވެ.
"މިގޭ ކުއްޖަކާ ގާތްކަމެއް އޮތީތަ؟" ނޯޔާ އަހާލީ މިދުހަތު ބުނާ އެއްޗެއް އަޑު އެހުމަށެވެ.
"ދަމާ..." ރިދާން ބުންޏެވެ. ނަމަވެސް އަސްލަން އެންގީ އަދި ނުނިކުތުމަށެވެ. ދެމީހުން ވެސް ތިބީ ޓެރެސްގެ ދޮރު ކައިރީގަ އެވެ. އެތަނުގައި ހުރި ބޮކީ ނިވާލާފައި ހުރުމުން އަނދިރީގައި ބަޔަކު ތިބިކަން ނުފެންނާނެ ކަމުގެ ޔަގީންކަން އޮތެވެ. ނަމަވެސް އޭގެ ދެ މީހުން ސިހުނީ ހުޅުވުނު ލިފްޓުން މީހަކު ނުކުތުމުންނެވެ.
"އަރީން..." ހައިރާން ކަމާއެކު އަސްލަންއަށް ގޮވާލެވުނެވެ.
"އަހަރެން މަޑުކޮށްލަންތަ؟" އަރީން އައިސް ބޭބެއާއި ކޮއްކޮ ގާތު މަޑުކޮށްލަމުން އަހާލި އެވެ. ރިދާން ބަލާލީ އަސްލަން އަށެވެ. ގޮތް ނިންމާނީ ބޭބެއޭ ބުނާ ކަހަލަ އެވެ. އަސްލަން ވަގުތުކޮޅަކަށް ހުއްޓުން އަރާފައި ހުރެފައި ބޯ ޖަހާލި އެވެ. އޭނާއަށް ވިސްނުނީ މިދުހަތުގެ އަހްލާގެއް ނެތްކަން އަރީނަށް ވިސްނޭނީ މިފަދަ މަންޒަރެއް އޭނާއަށް ފެނުނީމަ ކަމެވެ. މިދުހަތާ އޮތް ގުޅުން އާއިލާއިން ބަލައިނުގަތީ ކީއްވެކަން އަރީނަށް ވިސްނޭނެކަން ޔަގީނެވެ. ނަމަވެސް އެތަނުން އެކަކަށް ވެސް ނޭނގެނީ އަރީން އުފަލަމުން އަންނަ ސިއްރެވެ. އޭނާގެ ހަށިގަނޑުގައި އުފެދެމުން އަންނަ ގަނޑުލޭކޮޅަކީ މިދުހަތުގެ ލޭ ކަމެވެ.
ތިން މީހުން ދޮރު ކައިރީ ތިއްބެވެ. ނޯޔާއާއި މިދުހަތު ދައްކާ ވާހަކަ އެ މީހުންނަށް އިވެ އެވެ. ނޯޔާ ނުކެރި ޖެހިލުން ވެފައި ހުރިކަން އަރީނަށް ވެސް ފާހަގަވި އެވެ.
"އެއީ ކުޑައިރު... ކުޑައިރު ކުރެވޭ ކަންކަން އެއީ ސީރިއަސް ކަންކަމެއް ނޫން ދޯ. ނޯޔާ! ބިރުން ނުހުރެ ތަންކޮޅެއް ކައިރިއަށް އާދެބެލަ. އަހަރެން ކަމެއް ނުކުރާނަމޭ. އަތްލާ ފާނެތީތަ ތިހާ ދުރުގަ ތިހުންނަނީ." މިދުހަތު ހިނިތުންވެ ހުރެ ވާހަކަ ދެއްކި އެވެ.
"އަހަރެން މީ މީހެއްގެ އަނތްބެއް. ފިރިމީހާއާއި ކުދީން ދޫކޮށްލަންވީތަ؟ އޭނާގެ އާއިލާ އަހަންނަށް ވަރަށް ރަނގަޅު. އެމީހުން އަހަރެން ދެކެ ވަރަށް ލޯބިވޭ. އަހަރެމެން ދެމަފިރިން އުޅެނީ ވަރަށް ހަމަޖެހޭ ލައިފެއް. އޭނާ ނޫން މީހެއް ދެކެ ލޯތްބެއް ނުވޭ. ކިހިނެއް އެހެން މީހަކާއެކު އަހަރެން ދިރިއުޅޭނީ." ނޯޔާ ތެދުބަހުން ހާމަކުރި އެވެ.
"ކުދީންނާއެކީ ވެސް އަހަރެން ނޯޔާ ބަލައިގަންނަން މިހުރީ ތައްޔާރަށް. ތިހިތް ފުރިބަންޑުން ވާވަރަށް އަހަރެން ނޯޔާއަށް ލޯބި ދޭނަން. ނޯޔާއާ ކައިވެނި ކުރަން އަހަރެން ބޭނުމީ. އަހަރެންގެ އާއިލާއަކީ ތަނަވަސް އާއިލާއެއް. އެމީހުންނާ ބައްދަލު ވުމުން ނޯޔާދެކެ ލޯބިވާނެކަން ޔަގީން. މަންމައަށް ނޯޔާ ވަރަށް ކަމުދާނެ. އަހަރެން ނޯޔާއާއި ކުދީންގެ ޒިންމާ އުފުލަން މިހުރީ ތައްޔާރަށް. އެ ކުދީންނަށް ޓަކައި ރަނގަޅު ބައްޕައަކަށް އަހަރެން ވާނަން. އިނދެގެން މިކޮޅުގައި އުޅޭކަށް އަހަރެން ގަސްދެއް ނުކުރަން. ރާއްޖޭން ބޭރުގައި އަހަރެންގެ އާއިލާ ދިރިއުޅެނީ. އެމީހުންނާއެކު ފެމިލީ ތެރޭ އަހަރެމެން އުޅޭނީ. އޭރުން ނޯޔާ ދޫކޮށްދިޔަ އެއްވެސް ކަމަކާ އަލުން ކުރިމަތިލާން ޖެހިދާނެތީ ހާސްވާކަށް ނުޖެހޭނެ. އަހަރެމެން ނިއު ލައިފެއް އެކޮޅުގައި ފެށީމަ ނިމުނީނު. ދުވަހަކު ވެސް ނޯޔާ ދޫކޮށެއްނުލާނަން."
އަރީނަށް މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ބަނޑުގައި އެވަނީ މިދުހަތުގެ ދަރިއެކެވެ. އެ ޒިންމާއާ ހަވާލުނުވި މީހަކު މިހާރު އެބުނަނީ އެހެން މީހެއްގެ ދަރީންތަކެއްގެ ޒިންމާ ނަގާފާނެ ކަމަށެވެ. އެކުދީންނަށް ބައްޕައެއްގެ ލޯބިދީ ފުރިހަމަ ފިރިއަކަށް އޭނާ ވާނޭކަމަށް ވަޢުދު އެވަނީ އެވެ. އެއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ. މިދުހަތު ދެކެ އިންތިހާއަށް ލޯބިވާ އަރީންގެ ހިތަށް އޭނާގެ އަސްލު ސިފަ ކަޝްވެ ނިމިއްޖެ އެވެ. ބަލިވެ އިންކަން އެނގުނު ހިސާބުން މިދުހަތާމެދު އެ ހިތް އައީ ޝަކުވާއިން ފުރެމުންނެވެ. އޭނާއަށް މައާފު ކުރާނީ ކިހިނެއް ހެއްޔެވެ. އަރީންގެ ހިތުގައިވީ ލޯބި އެހިނދުން މަރުވެއްޖެ އެވެ.
"ބަނޑުގަ ރިއްސަނީތަ؟" އަރީން ހުރި ގޮތުން ރިދާނަށް އަހާލެވުނެވެ. އަރީން ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނާއަށް ކުރެވޭ އިހްސާސްތަކާއި ނަގަމުން އައި ޖަޒުބާތުގެ ބިޔަ ރާޅުތަކުގައި އެ ނަފްސު ކެތްތެރިވާވަރު އެމީހުންނަށް އެނގޭނަމަ އެވެ. ދެމެދުގައި ހިނގި ގުޅުމުގައި ދެ ނަފްސު ޝާމީލުވީ ނަމަވެސް މިއަދު އެކުށުގެ ބަދުނާމު އުފުލަމުން އެދަނީ ހަމައެކަނި އަރީނެވެ. ދެ ލޯ ފެންކަޅިވީ ހިނދު ސިއްރުން ލޯކައިރި އަރީން ފުހެލި އެވެ.
"އޭނާ ހުއްޓުވާ..." ކެތްކުރަން ދަތި އަސަރަކާއެކު އަރީނަށް ބުނެވުނީ ބޭއިޚްތިޔާރުގަ އެވެ.
މިދުހަތު ކުރިއަށް ޖެހިލާއިރަށް ނޯޔާ ދުރަށް ޖެހިލަ އެވެ. އޭނާ އެއުޅެނީ ނޯޔާގެ ގައިގާ އަތްލާ ހިތުންކަން އަރީނަށް ދެނެގަންނަން އެނގުނެވެ. މިދުހަތުގެ ގޮތް އޭނާއަށް ދަސްވެފައި ހުރީމަ އެވެ.
"ފިރިމީހާ ގުޅަނީތަ؟" ނޯޔާގެ އަތުގައި އޮތް ފޯނަށް ބަލާލި ހިނދު މިދުހަތު އަހާލި އެވެ. ނޯޔާ ދެ ފަރާތަށް ބޯ ހޫރާލި އެވެ.
"ފިރިމީހާ ނޫޅެންޏާ ގޭތެރެއަށް އަހަރެން ގެންދަންވީނު، ކުދީން ތިބީ ނިދާފައެއްނު. މިތާ ހުރުމަށް ވުރެ އަހަރެންނަށް ވެސް ފަސޭހަ ވާނެ ހަމަޖެހިލަން. ފެންފޮދެއް ލިބިދާނެތަ؟ ކަރުހިއްކައިގަނެއްޖެ... ތި ބުރުގާ އަޅައިގެން ހުންނާކަށް ނުޖެހޭނެއެއްނު ގޭތެރެއަށް ވަދެވުނީމަ." މިދުހަތުގެ ލޮލުގައި ވަނީ ދަހިވެތި ބެލުމެކެވެ.
ނޯޔާގެ ހިތް ބާރަށް ތެޅިގަތެވެ. ކުރިއަށް ވުރެ ވެސް ދުރަށް އޭނާ ޖެހިލި އެވެ. އެވަގުތު އެތަނަށް ބަޔަކު އަންނަކަމުގެ ފިޔަވަޅުގެ އަޑު އިވުނެވެ. މިދުހަތު އެނބުރިލި އެވެ. ފަނޑުކޮށް އޮތް ޓެރެސްގެ ހުރިހާ ބޮތްކެއް ކުއްލިއަކަށް ދިއްލުނެވެ. އެހިނދު އަސްލަން އާއި ރިދާންގެ އިތުރުން އަރީން ފެނުނެވެ.
"މީ ކޮންކަމެއް؟" މިދުހަތު ހައިރާންވެ ނޯޔާއަށް ބަލާލި އެވެ.
"ތި ހުރެވުނީ ކާކު ކައިރީކަން ކަލެއަށް އެނގޭތަ؟ އިންނާށޭ ތިކިޔަނީ އެއީ ކާކުގެ އަނތްބެއްކަން އެނގޭތަ؟ ހަވާލުވާން ތިއުޅެނީ ކާކުގެ ދަރީންނާކަން އެނގޭތަ؟..." އަރީންގެ އަޑު ކުރެހިފައި ވިޔަސް ބާރެވެ. އަތް ހިއްލާލުމާއެކު ލަސް ގޮތަކަށް އަތްތިލަ ބަޑި އަރީން ޖަހާލީ ސާބަހޭ ބުނާ އުސޫލުންނެވެ.
"ހޭބަލިވެފަ..." ރިދާނު ބުނެލި އެވެ.
ހަލުވިކޮށް ނޯޔާ އައިސް މަޑުކޮށްލީ އަސްލަންގެ ގާތުގަ އެވެ. މިދުހަތުގެ ނަޒަރު ނޯޔާއާއި އަސްލަންއަށް ދަތުރު ކޮށްލި އެވެ. ތަކުރާރުކޮށް ބަލާ ފަދައިން އެ ދެމީހުންނަށް އޭނާ ބެލި އެވެ. އަސްލަންގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ނޯޔާ ހުރިއިރު މިވަނީ ކިހިނެއްކަން މިދުހަތަށް ފަހުމްވާން ފެށިއެވެ.
"މީތަ ފިރިމީހާ..." ދެން ވެސް މިދުހަތު އެހީ ނޯޔާއަށް ބަލަން ހުރެ އެވެ.
"އާން! މީ ފިރިމީހާ. ނޯޔާއަކީ އަހަރެންގެ އަންހެނުން." އަސްލަން ބުންޏެވެ.
މިދުހަތު ސީރިއަސް ބެލުމަކުން ބަލަން ހުރެފައި ކުއްލިއަކަށް ހޭން ފެށިއެވެ. ދެފަރާތަށް ބޯ ހޫރުވަން ފެށި އެވެ. ހަރަކާތްތައް ހުއްޓުމަކަށް ގެނެސް ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތް ކޮއްޕާލި އެވެ. އެތަނުގައި ތިބި އެންމެންނަށް އޭނާ ބަލާލި އެވެ.
"އަދިވެސް ތިގޮތްތަ؟ މީހެއްގެ އަނތްބަކަށް ވިޔަސް ހެޔޮތަ؟ ރީތި ދިރިއުޅުމެއް އުޅެމުން ގެންދާ ދެ މީހުންގެ ދެމެދަށް ވަންނަން ވިޔަސް ހެޔޮ ދޯ... އެތައް އަހަރުތަކަކަށް ފަހު މިދިމާވީ ހަމަ ކުރީގެ މިދުހަތާ. އަންހެނުންނަށް އިހްތިރާމް ނުކުރާ، ވިޔާނުދާ ގޮތެއްނެތް މިދުހަތާ. މިރޭ މިތަނަށް ގެނެސްފަ ތިހުރީ އަހަރެން ބޭނުން ވެގެން. މިދުހަތުގެ ޢަމަލުތައް ދުށުމަށް."
"ފެނިއްޖެއެއްނު." މިދުހަތު ބުންޏެވެ. އޭނާގެ އެ ކެރުމާއި ހިތްވަރާމެދު އެންމެން ވެސް ހައިރާންވި އެވެ.
"އަރީން..." މިދުހަތު ގޮވާލި އެވެ. އެއާއެކު އަރީން މިފަހަރު ޖެހިލުންވެއްޖެ އެވެ. އާއިލާގެ އެންމެންގެ ކުރިމަތީ އޭނާ ބޭޒާރު ކޮށްލަން މިދުހަތު އުޅެދާނޭ އަރީނަށް ވިސްނުނީ އެވެ.
"ކަލޭގެ އަންހެނުން މިގެއަށް އައިސް ހުރިހާ އެއްޗެއް ކިޔާދިން. އަތުންފައިން މަސައްކަތެއް ކުރާކަށް ނޭނގޭ، އުޅެނީ ބައްޕަގެ ފައިސާގަ. ދަރިއަކު ލިބިފަ ހުރީތީ އެކުއްޖާ ވެސް ބޭނުން ކުރީ ނޯޔާ ސެޓުކުރަން. ރަނގަޅަށް ނޯޔާ ލިބިއްޖެއެއްނު!. ރިއެލިޓީ ކީއްކުރަން، ހުވަފެނުގަ ވެސް މިކަމެއް ނުވާނެ. އަމިއްލަ ދަރިދެކެ ލޯބި ނުވެވިގެން އުޅެނިކޮށް އަދި ބުނެފިޔޭ ނޯޔާއާ ދަރީންގެ ޒިންމާ އުފުލާނަމޭ. ކޮބާތަ ލަދު ކަލޭގެ!. އެކަން ކުރަނީ ވެސް ބައްޕަ އަތުން ލާރި ހޯދައިގެން ދޯ!." ރިދާންގެ އަޑުގައިވީ މަލާމާތެވެ. ރިދާންގެ އަތުގައި އަސްލަން އަތްޖައްސާލި ގޮތުން އެ އިޝާރާތް ކުރަނީ އެގޮތަށް ވާހަކަ ނުދެއްކުމަށްކަން ރިދާނު ދެނެގަތެވެ.
"އަހަރެންގެ އަނބިމީހާއާއި އަހަރެންގެ ކޮއްކޮއާ ދުރުގަ ހުރޭ. ކަލޭ ދުނިޔޭގެ ހުރިހާ އަންހެނުން ކައިރިޔަށް ވަނަސް މަށަށް ވަރިހަމަ. އެކަމަކު އަހަރެންގެ ޢާއިލާއާ ކައިރިވެގެން ނުވާނެ. މަގެއްގެ މަތިން ވެސް އެމީހުންނަށް ބަލާލައިގެން ނުވާނެ. އަހަރެން ކަލެއާ ރީތިކޮށް މި ވާހަކަ ދައްކަނީ ކީއްވެކަން އެނގޭތަ؟ އަހަރެންގެ މަންމަގެ ސަބަބުން. ހަނދާންވޭތަ އެ މަންމައަށް މަންމަ ކިޔައިގެން މިގޭގަ އުޅުނު ގޮތް. ދަރިއަކުހެން މަންމަ ކެލެއާ މެދު ކަންތައްކުރީ. ތީ ވެސް އަންހެނަކު ވިހޭ ދަރިއެއް. ކަލޭ އަންހެނުން ކައިރިއަށް ދާއިރު އެކަން ހަނދާން ނުކުރަނީ ކީއްވެ؟ އެމީހަކީ ކޮންމެވެސް މީހެއްގެ ދަރިއެއްކަން، ކޮއްކޮއެއް ނޫނީ ދައްތައެއްކަން ނުވިސްނަނީ ކީއްވެ؟ އަޅާލުމާއި ލޯބި ބޭނުންވެ ތިބި އަންހެނުންނާ ގުޅި އެމީހުންނަށް ހިމާޔަތްނުދީ ކަލޭ އެ އިހްސާސްތަކާ ކުޅޭއިރު، އެމީހުން ކަލެއާ މެދު ކުރާނޭ ނަފުރަތު ހިތަކަށް ނާރާތަ؟ ކިތައް އަންހެންކުދީންގެ ހިތްހަލާ ކުކޮށްލީން. ނޯޔާ ކިތައް ފަހަރު ބުނީ އެއީ މީހެއްގެ އަނތްބެކޭ، ދަރީންތަކެއްގެ މަންމައޭ... އޭނާ ތިހާ ބޭނުންނަމަ އޭނާގެ ނިންމުންތަކަށް އިހްތިރާމް ކުރާނެ. ލޯތްބެއް ގަދަކަމުން ނުހޯދޭނެ. ގުޅެން ބޭނުންނުވާ މީހަކަށް މަޖުބޫރެއް ނުކުރެވޭނެ."
އަސްލަން ވާހަކަ ހުއްޓާލީ އަރީން ރޯ އަޑު އިވިގެންނެވެ. ރިދާން އަވަހަށް އައިސް އަރީންގެ ގައިގާ ހިފަހައްޓާލި އެވެ. އެހިނދު މިދުހަތަށް އަސްލަން ދައްކާލީ އަރީނެވެ.
"ފެނޭތަ؟ އޭނާއާ މެދު ކަލޭ ހެދީ ކިހިނެއް؟ ލޯތްބޭ ބުނި، އެކަމަކު އަހަރެން ދެނަހުރީމޭ އެއީ ބޮޑު ދޮގެއްކަން. އޭނާ މިދުހަތާ ހެދި ދުނިޔޭން މޮޔަވާވަރުވެފަ ހުރީ. އޭނާ ހިތުން މިދުހަތަކީ ހަމައެކަނި އޭނާގެ މީހެއް. އެކަމަކު ތި މިދުހަތު އެހެން އަންހެނަކާ ގުޅުން ބާއްވައި އެ އަންހެންކުއްޖާ ބަލި އިންކަން އެނގި އާއިލާ މީހުން ކަލޭ ގޮވައިގެން ފުރީ. އަރީން! އެނގިއްޖެތަ މީނާގެ ގޮތް. އަހަރެން އޭރު ނުބުނީ އަރީން ހުރީ އެއްވެސް ކަމަކާ ވިސްނޭފަދަ ހާލަތެއްގަ ނޫންވީމަ." އަސްލަން ބުންޏެވެ.
"އަދި އެބައޮތްތަ ކިޔާނެ އެއްޗެއް." މިދުހަތު ބުނެލި އެވެ. އެކަކުވެސް އަނގައިންނެއް ނުބުންޏެވެ. އަސްލަންއަށް އަތްތިލަ މުއްކަވާލެވުނެވެ.
"މިގޭގެ އަންހެނުންނެއް ކަމަކު އަހަރެންނަށް ބޭނުންވާ އަންހެނެއް ދޫކޮށްލަންވީ ކީއްކުރަން. އަހަރެން ޔޫސް ކުރާނަން. ކޮއްފަ އޮންނާނީ ވެސް. ކަލޭގެ އަނބިމީހާ އަތުޖެހުނުނަމަ އެ ފެން ވެސް ބޯނަން." މިދުހަތުގެ ވާހަކައިން އަސްލަންއަށް މަޑަކުން ނުހުރެވުނެވެ. އޭނާ އައިސް މިދުހަތުގެ މޫނުގައި ޖަހަން އުޅުނެވެ. ނަމަވެސް މަޅާލި އަތުގެ ހަމަލާ ނޭރީ އަސްލަންގެ މުލައްދަނޑީގައި ނޯޔާ އެލިގަތުމުންނެވެ.
"ދޮންބޭ... ޕްލީޒް..." އަރީން ގޮވާލީ ތަންކޮޅެއް ބާރަށެވެ.
"އޭނާ މިގެއިން ދާން ދޫކޮށްލާ." އަރީން ބުންޏެވެ.
"ނުކުމޭ..." ދޮރާ ދިމާއަށް އިޝާރާތް ކުރަމުން އަސްލަން އަމުރު ކުރިއެވެ. އެއްމިޔަކަނުން ހިނިތުންވަމުން މިދުހަތު ހިނގައިގަތެވެ.
"އަރީން." މިދުހަތުގެ ފަހަތުން އަރީން ދާން އުޅުމުން އަސްލަން ގޮވާލި އެވެ.
"އޭނާއާ މެދު ހަމްދަރުދީއެއް ނުވޭ. އެކަމަކު އަހަރެން ވެސް ވާހަކައެއް ބުނަން އެބައޮތް. ދޮންބެ ކަންބޮޑުވާވަރުކަމެއް ނުވާނެ ދެނެއް." އަރީން ނިކަން އަވަހަށް ވާހަކަ ދެއްކިއެވެ. އަސްލަން ވަކިއެއްޗެއް ނުބުނެ ބަލަން ހުރީ އެވެ. ނަމަވެސް އަރީން ހަލުވިކޮށް މިދުހަތުގެ ފަހަތުން ދިޔައެވެ.
ހުޅުވުނުގެ ލިފްޓުގެ ތެރެއަށް މިދުހަތު ވަން ވަގުތު ފަހަތުން އަރީން ވަންތަން ފެނުނެވެ. ރޮވިފައިވާ ދެ ލޮލުން މިދުހަތަށް ބަލަން އަރީން ހުއްޓެވެ. އެންމެ ތިރިއަށް ދިއުމަށް ފިތްބަރިން ފިތަށް އޮބާލައި ލިފްޓުގެ ދޮރު ލެއްޕުނެވެ. މިދުހަތުގެ ނަޒަރު އަރީނަށް ދަތުރުކޮށްލި އެވެ.
"ދަރި ވައްޓާލިކަން އެނގޭތަ" މިދުހަތު އަހާލި އެވެ. އޭނާ ހީކޮށްގެން ހުރީ އަރީން އެ ހައްޔަރުން ސަލާމަތްވެއްޖެކަމުގަ އެވެ.
"މިއޮތީ..." އަރީން ކަނާއަތްތިލަ ޖައްސާލީ ބަނޑުގަ އެވެ. މިދުހަތަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ކުއްލިއަކަށް ބާރަށް ހޭން ފެށި އެވެ.
"މިދުހަތު. އަދިވެސް އަހަރެން ފުރުސަތު ދޭން ބޭނުން. ޕްލީޒް... ޕްލީޒް... މިދަރިފުޅާއެކު އަހަރެމެން ދިރިއުޅުމެއް ފަށަން. މީ މިދުހަތުގެ ލޭ. މި ދަރިފުޅަށް ރަނގަޅު ބައްޕައަކަށް ވާނޭ ފުރުސަތު އެބައޮތް." އާދޭސް ކުރިއެވެ.
"ތިހާ މޮޔަވާނެކަމަކަށް ހިޔެއްނުކުރަން. ފިރިމީހާއަށް އެނގޭތަ؟ އަސްލަންއަށް އެނގޭތަ؟ ތިއައީ އަހަރެން ހަވާލުވާނެކަމައް އާދޭސް ކުރަންތަ؟ ނުވާނަން!. ނުވެސް އިންނާނަން!. ތިކަމުގެ ޚަބަރު އެމީހުންނަށް އިވުނީމަ ވާނެގޮތް އެނގޭތަ؟" މިދުހަތު ހެމުންހެމުން ވާހަކަ ދެއްކި އެވެ. އަދި ފަހު ބަސްތައް އިއްވާލީ ހަރުކަށިކަމާއެކު އެވެ.
"ބަލައިގެންފިން. ތި ނިންމުން ބަލައިގެންފިން... އެހެންވީމަ، ވަރިހަމަ އެނގުނަސް... މިދުހަތު ގޮސް ބުނޭ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. މޮޔައީ އަހަރެން... އާން! ބޮޑު މޮޔައެއް އަހަންނަކީ. އެހެންވެ ތިކަހަލަ މީހެއްދެކެ އެހާ ލޯބިވެވުނީ. ފިރިމީހާގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އިހްސާސް ނުވީ. އެއްވެސް ކުށަކާނުލާ އޭނާގެ ހިތް އަހަރެން މަރާލީ ކަލެއަށް ޓަކައި، އޭނާއާއި ދަރީން ދޫކޮށްލާފައި ކަލެއާއެކު ދާން އަހަރެން ހުރީ ހޭވައްލާ ތައްޔާރަށް. އެކަމަކު... އެކަން ނިމިއްޖެ. ހުރިހާ ކަމެއް ނިމިއްޖެ. އެ ލޯބި ވެސް ނެތިއްޖެ. މިހިތުގައި ކަލެއަށް ޓަކައި ވި އިހްސާސްތައް މަރުވެއްޖެ. ދޮންބެ ދެރަވާނޭ ކަމަށް މިހުރިހާ ވާހަކައެއް ގޮސް ދައްކާ. މިއަށްވުރެ ބޮޑަކަށް ދެނެއް އަހަރެން އިތުރަކަށް ބަދުނާމުވެ ފަޟީހަތެއް ނުވާނެ. އަދި ދުނިޔެއަށް އަހަރެން ކަލޭގެ ހަގީގަތް ހާމަކުރިޔަސް، މި ދަރުފުޅުގެ ބައްޕައަކަށް ނުވާނެ. ހާސް ނުވޭ! މީހުން ކައިރީ ކަލެއޭ ކިޔައިގެން ވާހަކަތަކެއް ދައްކާކަށް ނެތިން. މިހާރު މިހުރީ މޮޔަކަން ކެނޑިފަ. ދެނެއް އިރާދަ ކުރެއްވިއްޔާ އަހަރެން، ތި މިދުހަތުގެ ފަހަތުން ނުދުވާނެ. ދުވަހަކުވެސް ނުދާނަން. ކަމަކުވެސް ނުކިޔާނަން. މިއަދު އަހަރެން ﷲ އަށް ޝުކުރުކުރަން. އަލްހަމްދުއްލިﷲ! ކަލޭގެ ކިބައިން ނޯޔާ ސަލާމަތްވީތީ. އެއީ މައުސޫމް އަންހެން ކުއްޖެއް. އަހަރެމެން ދެމީހުންގެ އުމުރުގެ ފަރަހު ބޮޑު، އަހަރެން ފަދައިން ކަލޭގެ ދަލުގައި އޭނާ ނުޖެހުނީ، އެއީ ވިސްނުން ތޫނު އަންހެނެއްވީމަ. އަހަރެން ފަދައިން ފިރިމީހާގެ އޯގާތެރި ކަމަށް ޝުކުރުވެރިވާން ނޭނގޭ އަންހެނެއް ނޫން އެއީ. އެއީ ތެދުވެރި އަންހެންކުއްޖެއް."
ލިފްޓު ހުއްޓި ދޮރު ހުޅުވުނެވެ. މިދުހަތު ނުކުންނަން ފިޔަވަޅު އަޅާލުމުން ވެސް ލިފްޓު ތެރޭ އަރީން ހުރީ އެވެ. ދޮރު ލެއްޕިދާނެތީ ހިފަހައްޓާލުމާއެކު އަރީނާ ދިމާއަށް މިދުހަތު ބަލާލި އެވެ. ލިފްޓުގެ ބޭރުގައި ހުރެއެވެ.
"ރަނގަޅީ ވެސް އެގޮތް. ދުވަހަކުވެސް ފެންނަ ހިސާބަށް ނައީވިއްޔާ. ހުރިހާކަމެއް ބޭނުން ވެގެން އައީ ތިމާ އަމިއްލައަށް. އަހަންނެއް ނޫން އަރީން ކައިރިޔަށް ދިޔައީ. މިގޭ އަންހެނުންނަކީ ސުންޕާބައެއް. ބަލާއެއް!" މިދުހަތުގެ މޫނުން ނުރުހުމާއި ފޫހިކަން ފާޅުވޭވޭ ހުއްޓެވެ. އޭނާ ދޮރުން އަތް ނެގުމާއެކު ހިނގައިގަތެވެ. އެގޭގެ ދޮރޯށިން ނުކުތެވެ.
އަރީން އެރީ އޭނާގެ ބަޔަށެވެ. އެޕާޓްމެންޓަށް އައިސް ވަންއިރު ވެސް އޭނާއަށް ގިސްލަގިސްލާފައި ރޮވެނީ އެވެ. ހިތުގައި އިންތިހާ ޝަކުވާވިއެވެ. ނޯޔާގެ ގާތުގައި މިދުހަތު ދެއްކި ވާހަކަތަކުން އެ ހިތް ވިރެމުންދަނީ އެވެ. އަމިއްލަ ލެޔާ ހަވާލުނުވީމަ އެވެ. އެކަމާ ކުޑަކޮށް ވެސް މިދުހަތު ދެރަނުވާކަން އެނގުނީމައެވެ. އެ ހިތުގައި ކުޑަކޮށް އަރީނާމެދު ލޯތްބެއްނެތްކަން އެނގި ހާމަވީމައެވެ. މިދުހަތަށް ޓަކައި އޭނާ ފިރިމީހާއާއި ދަރީން ދޫކޮށްލަން ޖެހިލުންނުވީތީ އެކަމުގެ ސަބަބުންނެވެ.
"ފަވާދު..." ދޮރުމަތީ އިށީނދެ އިނދެ ރޮމުންރޮމުން އަރީން ގޮވާލިއެވެ.
"އަހަންނަށް މަޢާފުކުރޭ." އަރީން ދެވަނަ ނޭވާގައި ބުނެލިއެވެ. އިސްޖެހުމާއެކު މޫނުގައި އަރީން ދެއަތް އެޅިއެވެ. ކިތައް ފަހަރު ފަވާދަށް އޮޅުވާލި ހެއްޔެވެ. އެއްދޮގު ފޮރުވަން ކިތައް ދޮގު އަރީން ހެދި ހެއްޔެވެ. ފިރިމީހާއާއެކު ހަށިގަނޑުވީއިރު އޭނާގެ ހިޔާލުތަކުގައި ރަސްކަން ކުރަމުންދިޔައީ މިދުހަތެވެ. މި ހިޔާލުތައް ދަތިކަން އެ ހިތަށް ދެމުންދިޔައެވެ. މޭ ފުނޑުފުނޑުވެދާނޭ ކަހަލައެވެ. އޭނާއަކީ ކިހާ ނުބައި އަންހެނެއް ހެއްޔެވެ.
ބެލްއަޅާ އަޑު އަރީންގެ ކަންފަތަށް ނީވޭ ކަހަލައެވެ. އޭނާ ރޮއެރޮއެ ހަލާކުވަނީ އެވެ. ހުޅުވުނު ދޮރުން ވަނީ ކޮންބައެއް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. މީހަކު އޭނާގެ ގައިގާ ބައްދާލިކަން އިހްސާސް ކުރެވުނެވެ.
"އަރީން..." ކަންފަތް ކައިރިން އިވުނީ ނޯޔާގެ އަޑެވެ. (ނުނިމޭ)