ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެދި ޕެޓިޝަނެއް

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދީ މިމަހުގެ ނިޔަލަށް ފްލެޓްތަކަށް ވަދެވޭ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފްލެޓް ލިބުނު ފަރާތްތަކުން ކަމާ ގުޅުންހުރި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ ޕެޓިޝަނުގައި ވާގޮތުގައި، ހުޅުމާލެއިން ސޯޝަލް ހައުސިންގެ ގޮތުގައި އެތެރޭގެ މަސައްކަތްތައް ނިންމާފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގަކީ 6000ރ. އެވެ. ނަމަވެސް ހިޔާ މަޝްރޫއުގެ ދަށުން ފިނިޝިންގެ މަސައްކަތްތައްވެސް ނުނިންމާ ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓެއް 7500ރ. ދޭތީ އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. ސަރުކާރުން ހުރިހާ އެންމެންނަށް ހަމަހަމަ އުސޫލެއްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެން މަސައްކަތްކުރާއިރު، އަގުގައި މިވަރުގެ ބޮޑު ތަފާތެއް ވަނީ ކީއްވެތޯ އެ ޕެޓިޝަނުގައި ވަނީ ސުވާލު ކޮށްފައެވެ.

އެހެންކަމުން މަހު ކުލީގެ ގޮތުގައި 5500ރ. އަށްވުރެ ބޮޑު ނުވާނެ އަދަދަކަށް ކުލި ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފިނިޝިންގެ މަސައްކަތްކުރާ ކުންފުނިތައް ބަނގުރޫޓުވެފައިވުމެވެ. ވީއިރު ތިން މަސް ދުވަހުގެ ތެރޭގައި ހަ ހާހަށްވުރެ ގިނަ ފްލެޓްގެ ފިނިޝިން މަސައްކަތްކޮށް ނިންމާނީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

މިހާރު ބޮޑު ކުލި ދައްކާ ފަރާތްތަކުން ހިޔާ ފްލެޓްތަކަށް ވެސް ކުލި ދައްކަން ޖެހޭނެ ކަމަށާއި ކުލި ނުހިނގާ ގޮތަށް މަދުވެގެން ފިނިޝިންގެ މަސައްކަތް ނިންމަން 12 މަސް ދިނުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ފްލެޓް ލިބިފައިވާ ދެ ފަރާތުން ބޭނުންވެއްޖެނަމަ ފްލެޓް ބަދަލުކުރުމުގެ ފުރުސަތު ދީ އެކަމާ ގުޅޭ އުސޫލެއް ކަނޑައަޅައިދިނުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ އެދިފަ އެވެ. އަދި ފްލެޓްގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އާއިލާތަކަށް ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އެ ޕެޓިޝަނުގައި ފްލެޓް ލިބުނު 2177 މީހުން ވަނީ ސޮއިކޮށްފަ އެވެ. އެ ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ފްލެޓް ކޮމިޓީ، ޕްލޭނިން މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މި ޕެޓިޝަން ހުށަހަޅާފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެތައް އާއިލާއަކަށް މާލީ ގޮތުން އެތައް ގެއްލުމެއްވެ، ގިނަ ފަރާތްތަަކުގެ ވަޒީފާތައް ގެއްލުންފަދަ ގޮންޖެހުންތަކާ ކުރިމަތިވެފައި ވާތީ ކަމަށް ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ޑައުންޕޭމަންޓް އެއް ފަހަރާ ދައްކަން އުދަގޫވާ މީހުންނަށް ވެސް ފްލެޓް ތަކަށް ވަދެވޭނެ ކަމަށާއި ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ ކަމަށެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500ރ. ދައްކަން ޖެހޭނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.

ހިޔާ މަޝްރޫއަށް ކުރީގެ ސަރުކާރުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ފްލެޓެއްގެ އަސްލު އަގު 11،000ރ. އަށް ވުރެ ކުޑަ ނޫން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.