ހިޔާ މަޝްރޫއު

"ދާއިމީ ލިސްޓާއެކީ ރައްޔިތުންގެ އުންމީދު ގެއްލިއްޖެ"

ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާއެކީ އެތައް ދިވެހިންނެއްގެ އުންމީދު މި ސަރުކާރުން ގެއްލުވާލައިފި ކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމުކުރި އިރު، ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓްގެ ފައިނަލް ލިސްޓަށް މި ސަރުކާރު އަރައިގެންފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ ވަގުތީ ލިސްޓުން ފްލެޓް ގެއްލުނު ފަރާތްތަކުން ތިބީ ދާއިމީ ލިސްޓުގެ އިންތިޒާރުގައި ކަމަށެވެ.

"ނަމަވެސް އެރައްޔިތުންގެ އުންމީދު މިއަދު ވަނީ މިސަރުކާރުން ގެއްލުވާލާ އެރައްޔިތުންގެ އުންމީދު ނުހައްގުން ގެއްލުވާލައިފަ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް މިއަދު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބާއްވަން ހަމަޖެހިފައވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާނެ ކަމަށެވެ.

ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރި ނަމަވެސް، ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށްވެސް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފަ އެވެ.