މިދިއަ މޭ މަހުގެ ހަވަަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އާމްދަނީން ޓެކްސް ނެގުމާ ގުޅޭގޮތުން އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި އިމްތިޔާޒް ވިދާޅުވީ ޓެކްސްގެ ނިޒާމް ރާއްޖެއަށް ތައާރަފު ކުރެއްވުމުގެ މުގުލުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ޓެކްސްގެ ވަހާކަތަކާ އިމްތިޔާޒް ދެން ގުޅުވާލެއްވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ އެވެ. އަދި އެއީ އާދައިގެ ކަމެއްތޯ އިމްތިޔާޒު ސުވާލު ކުރެއްވި އެވެ. އަދި ހަމަލާއާ ގުޅިގެން ދައުލަތުން އަމަލު ކުރަމުންދާ ގޮތަށް ވެސް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑުގެ އުމުރު ދުވަހުވެސް ނުދެކެން ހަގީގަތުގައި މިހާ ލޮނުމަޑުކޮށް މި ކަހަލަކަމެއް ވީމާ ކަންކަން ކުރަމުންދާތަނެއް. ދައުލަތުގެ އެއްވެރިއަކު ދައުލަތުގެ މިވަގުތު ވެސް ރައްޔިތުންގެ މަޖިލިސްގެ ރައީސް އަވަހާރަ ކޮށްލުމަށް ޓެރަރިޒަމްގެ ހަމަލާއެއްދީފައި ވަނިކޮށް މިވަރަށް މިގޮތަށް މި ހިސާބަށް މިހާ މަޑުކޮށް ދާ ގައުމެއް އަޅުގަނޑުގެ ހަޔާތުގައި ދެކެފައި ނުވާތީވެ އަޅުގަނޑު ހަމަ ކަންބޮޑުވުމާއެކު މި ފާހަގަކޮށްލީ." އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނެތި އަދި ދައުލަތުންވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީ އެކަންކަމަށް ތަކުރާރު ކުުރުމަށް ހިތްވަރު ލިބޭ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ތަހުގީގީ އިދާރާތަކުން ރައްޔިތުންނަށް އެކަށީގެންވާ ވަރާ ގާތަށްވެސް މައުލޫމާތު ފޯރުކޮށްނުދޭ ކަމަށް އިމްތިޔާޒް ދެކެވަޑައިގަންނަވަ އެވެ.