ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ފާސްވެއްޖެނަމަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
މި ބިލާ ދެކޮޅަށް 44 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އަދި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރުމަށް މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް މަޖިލީހުން ގެންނަ އިސްލާހެއް ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަގުލަބިއްޔަތު ލިބިއްޖެނަމަ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މެންބަރު އިމްތިޔާޒު ހުށަހެޅުއްވީ މަޖިލީހަށް ލިބޭ ބާރަކުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށްފަހު ގެންނަ ބަދަލުތައް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ.