ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެމްޑީޕީން މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގައި އަހާނެ ސުވާލާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރި ބަހުސްގައި އަސްލަމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ގައުމަށް ގެނެވޭ ބޮޑު ބަދަލެއް ކަމަށާއި އެކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށެވެ.
"ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭނީ އަދި އެއަށް އެއްވެސް އުނި އިތުރެއް ގެންނަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ފުޅާ ދާއިރާއެއްގައި މިކަމުގައި މަޝްވަރާކުރުމަށްފަހު،" އަސްލަމް ވިދާޅުވި އެވެ.
އެގޮތުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ މަޝްވަރާ އެކަމުގައި ހޯދަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން މަޖިލީހުން ގަރާރެއް ފާސްކުރީ އުނދަގޫ ދަތި ވަގުތެއްގައި ކަމަށާއި އެ ގަރާރާމެދު ވިސްނާ އެކަށީގެންވާ ވަރަށް މަޝްވަރާ ކުރެވުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެހާ އަވަސްކޮށް އަޅުގަނޑުމެން އެއް ދުވަހު ބަހުސް ކުރުމަށްފަހު އަދި މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސް ފާސްކުރުމަށްފަހު މި ގަރާރު ނިމިގެން ދިއުމުން މީގައި ހިމަނަންޖެހޭ ވަރަށް ގިނަ ކަންކަން ނުހިމެނޭކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.
ނަތީޖާއެއްގެ ގޮތުން ގަރާރާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިތުރު ކަންކަން ސާފުކުރުމަށް މަޖިލީހަށް ހުށަހެޅިކަން އަސްލަމް ފާހަގަކުރެއްވި އެވެ.
އެގޮތުން ނިޒާމީ ވޯޓުގެ ގަރާރާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވާ ނިޒާމީ ވޯޓު ކުރިއަށް ގެންދާނެ ގޮތެއް ސާފުކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތަނުގައި ދިގު ބަހުސްތަކެއް ކުރިޔަސް އެކި ވާހަކަތައް އެކި ބޭބޭފުޅުން މިކަމާ ގުޅޭ ގޮތުން ދެއްކެވިޔަސް މިއަކަށް ޖުމްލަ ހައްލެއް ނާންނާނެ،" އަސްލަމް ވިދާޅުވި އެވެ.
ހައްލު ގެނެވޭނީ މުޅި މަޖިލީހުގެ ކޮމިޓީއަކުން ނޫން ކަމަށާއި މައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވާ އިލެކްނަންސް ކޮމިޝަނާއި ކަމާ ގުޅޭ ބޭފުޅުން ގެނެސްގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާއިރު އެ ވޯޓުގައި ރައްޔިތުންނާ ކުރަންވީ ސުވާލު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.