ޖަޕާނުގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރްސީން އޮންލައިން ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވިޒިޓް މޯލްޑިވްސް އިން ފަށާފައިވާ ސޯޝަލް މީޑިއާ ކެމްޕެއިންގެ ދަށުން ދިވެހިރާއްޖެ އަކީ ޖަޕާނުގެ ފަތުރުވެރިން ޒިޔާރާތް ކުރަން އެންމެ ހިތްގައިމު އަދި އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ އޮންލައިން ހަރަކާތް މި މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
މި ކެމްޕެއިނުގައި ޖަޕާނު މާކެޓަށް ހާއްސަކޮށްގެން ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ އޮފިޝަލް އެކައުންޓްތައް ހަދާނެ އެވެ. އެ އެކައުންޓްތަކުގައި ޖަޕާނު ބަހުން ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި ޖަޕާނު މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރަން ފަށާފައިވާ ކެމްޕެއިނުގައި ހަ މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރުވެގެން ދާނެ އެވެ.
މި ކެމްޕެއިނަށް ޝައުގުވެރިކަން އިތުރުކުރުވުމުގެ ގޮތުން ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމަށް ހޮލިޑޭ ވައުޗަރެއް ވިޒިޓް މޯލްޑިވްސް އިން ހަދިޔާ ކުރާނެ އެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި ޖަޕާނުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން މީޑިއާއަށް ހާއްސަ ކަންތައްތަކެއް ޓަބީ މިއުސް އާއި އެކު ކުރިއަށް ގެންދިމަށް ރާވާފައިވެ އެވެ. އަދި ޓޫރިޒަމް އެކްސްޕޯ ޖަޕާން (ޖާޓާ) ގައި ބައިވެރިވުމަށް ވެސް ވަނީ ނިންމާފަ އެވެ.