ވިޒިޓް މޯލްޑިވްސް

ޔޫކްރެން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ މާކެޓިންއަށް ބަދަލުތަކެއް

ޔުކްރޭން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އަސަރު ކުޑަކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާއްސަ ހަރަކާތް ތަކެއް ފަށައިފި އެވެ.

ރާއްޖެ އިސްތިހާރު ކުރުމުގައި ހަރަކާތްތެރިވާ ސަރުކާރު ކުންފުނި، އެމްއެމްޕީއާރުސީ އިން ބުނީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގެ "ޖިއޯޕޮލިޓިކްސް" ހާލަތަށް ބަލައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ގޮތުން، ކުރު މުއްދަތުގެ "ޝޯޓްޓާމް ސްޓްރެޓެޖީ" އެއް އެކުލަވާލާފައިވާ ކަމަށެވެ. މިހާރު ކުރި އަށް ގެންދާ މާކެޓިން ހަރަކާތްތަކަކީ މި ސްޓްރެޓެޖީގެ ބައެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މިހާރު ދުބާއީގައި ކުރިއަށްދާ މަޝްހޫރު ފެއާއެއް ކަމަށްވާ ބިޒްނަސް އެންޑް ލަގްޒަރީ ޓްރެވަލް (ކިއުބީއެލްޓީ) ފެއާގައި ރާއްޖެ އިސްތިހާރު ކުރަނީ މި ސްޓްރެޓަޖީގެ ދަށުންނެވެ. މި ފެއާގެ މީގެ އިތުރުން މެދުއިރުމަތީގައި އިސްތިހާރު ކުރަން ރޯޑްޝޯއެއް ބޭއްވުމާއި މީޓިން އެރޭބިއަލް ލަގްޒަރީ ޓްރެވަލް (މޯލް) ކޮންގްރެސްގައި ރާއްޖެ އިސްތިހާރު ކުރުންވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކިއުބީއެލްޓީ އޮންނާނީ މިމަހުގެ 30 އިން 31 ގެ ނިޔަލަށެވެ. މި ފެއާތަކުގެ އިތުރުން ރާއްޖެ އަށް ހާއްސަކޮށް ބާއްވާ ރޯޑްޝޯ މި މަހު 29 ގައި ދުބާއީގައި އޮންނާނެ އެވެ.

މަގުސަދަކީ ރާއްޖޭގެ ނަން ދެމެހެއްޓުން

އެމްއެމްޕީއާރުސީ އިން ބުނީ މި މާކެޓުގައި އިސްތިހާރު ކުރުމުގެ މަގުސަދަކީ މެދުއިރުމަތީގައި ރާއްޖޭގެ ނަން ދަމަހައްޓައި އިސްތިހާރު ކުރުމެވެ.

"ކިއުބީއެލްޓީއަކީ މައިސް ޓޫރިޒަމަށް އަމާޒުކޮށް މެދުއިރުމަތީގައި ބާއްވާ ފެއާއެކެވެ. މި ފެއާއަށް ގަތަރުގެ މައިސް ޓޫރިޒަމްގައި ހަރަކާތްތެރިވާ އެންމެ މުހިންމު 50 ބަޔާސް ޒިޔާރަތް ކުރެ އެވެ. އަދި އެކި ގައުމުތަކުން ޓޫރިޒަމް ބޯޑާއި ޑީއެމްސީގެ އިތުރުން ލަގްޒަރީ ޓްރެވަލް ސަޕްލަޔާސް އިސްތިހާރު ކުރެ އެވެ،" އެމްއެމްޕީއާރުސީ އިން ބުނެފައިވެ އެވެ.

މިދިޔަ އަހަރު މެދުއިރުމަތީ މާކެޓުން 91،413 ޓޫރިސްޓުން އައިސްފައިވެ އެވެ. މެދުއިރުމަތީގައި ހިމެނޭ ސައޫދީ ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ހަތް ގައުމުގެ ތެރޭގަ އެވެ. މިދިޔަ ޖެނުއަރީ މަހު މެދުއިރުމަތިން 5،103 ޓޫރިސްޓުން އައިސްފައިވެ އެވެ.