އެމްއެމްޕީއާރްސީ

ހަނީމޫން މަންޒިލެއްގެ ގޮތުގައި ފްރާންސުގައި ރާއްޖެ އިސްތިހާރުކޮށްފި

ފްރާންސްގައި ރާއްޖެއަކީ އެންމެ ހިތްގައިމު ހަނީމޫނު މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރަން އެމްއެމްޕީއާރްސީން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ހަރަކާތަކީ ފްރާންސް މާކެޓްގައި ހަރަކާތްތެރިވާ ޓްރެވެލް ޓްރޭޑް އިންޑަސްޓްރީގެ ފަރާތްތަކަށް ހާއްސަކޮށްގެން "މައި ވާޗުއަލް މޯލްޑިވްސް"ގައި ފެށި ވެބިނާ ސީރީޒްގެ ދެވަނަ ޝެޝަން ކަމަށެވެ.

މައި ވާޗުއަލް މޯލްޑިވްސް އަކީ ވާޗުއަލް ހަރަކާތްތައް ބޭރު ގައުމުތަކުގެ މާކެޓްތަކުގެ ޓްރެވެލް ޓްރެޑާއި ކޮންޒިއުމާޒްއަށް އަމާޒުކޮށްގެން ފަށާފައިވާ ޕްލެޓްފޯމެކެވެ.

އިއްޔެ ބޭއްވި މި ވެބިނާގައި ދިވެހިރާއްޖެއަކީ ފްރާންސް ފަތުރުވެރިން ޒިޔާރާތް ކުރަން އެންމެ ހިތްގައިމު އަދި އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރު ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އެއް ގަޑި އިރަށް ކުރިއަށް ގެންދިޔަ އިއްޔެގެ ސެޝަންގައި ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންކަމާއި ބެހޭ ގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި ކުއިޒެއް ބާއްވާ ގުރުއަތުން ހޮވުނު ފަރާތައް ރީތި ބީޗް ރިސޯޓުގައި ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ދީފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީން ވަނީ މައި ވާޗުއަލް މޯލްޑިވްސް ކެމްޕެއިނުގެ ދަށުން ކޮންމެ ތިން މަހަކުން ސެޝަނެއް ބާއްވަން ނިންމާފަ އެވެ. އަދި ބާއްވާ ކޮންމެ ސެޝަނަކަށް ވަކި ތީމެއް ހާއްސަ ކުރަން ހަމަޖައްސާފައިވެ އެވެ.

ފުރަތަމަ ކުރިއަށް ގެންދިޔަ ސެޝަންގެ ތީމަކީ ވޯޓާ ސްޕޯޓްސް އަދި ވޯޓާ އެކްޓިވިޓީސް އެވެ. އަދި އިއްޔެ ބާއްވާފައިވާ ސެޝަންގެ ތީމަކީ ރޮމޭންޓިކް ގެޓަވޭސް އިން މޯލްޑިވްސް އެވެ. މީގެ އިތުރުން ދެން ކުރިއަށް ގެންދާނެ ތީމްތަކަކީ ސަސްޓެއިނަބްލް މޯލްޑިވްސް އަދި ލޯކަލް ކަލްޗާ އެންޑް ގެސްޓް ހައުސް އެވެ.

ފްރާންސަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު މަންޒިލެކެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 10،049 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ 454،008 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.