މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވެރިކަން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ފާޑު ކިޔައިފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ މިބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.
ހިސާން ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރު ކުރާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ.
މީގެއިތުރުން އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހެދުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއެއް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ހިސާން މިބިލް މަޖިލީހަށް ހުށަހެޅުއްވުމާ އެކު ބައެއް ދީނީ އިލްމުވެރިންނާއި އާމުންގެ ބައެއް މީހުން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
މިބިލާ ގުޅިގެން އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކަށް ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލް އޮތް ގޮތުން މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ހިސާން ހުށަހެޅުއްވި ބިލްގައި ހުރި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅައިގެން ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކުގެ ތެރެއިން ކަންކަން ކުރުމަށްވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ކަން ކުރައްވާ އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.
ހިސާން ހުށަހެޅުއްވި ބިލާ އެކު އަމާޒުވި ގިނަ ފާޑުކިޔުންތަކާ އެކު ސަރުކާރުން ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ބަޔާންކޮށްދޭން ބިިލެެއްވެސް މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ.