(1 ޖޫން 2021 އާ ގުޅޭ)
ބެލްއަޅާ އަޑު އަރީންގެ ކަންފަތަށް ނީވޭ ކަހަލައެވެ. އޭނާ ރޮއެރޮއެ ހަލާކުވަނީއެވެ. ހުޅުވުނު ދޮރުން ވަނީ ކޮންބައެއް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. މީހަކު އޭނާގެ ގައިގާ ބައްދާލިކަން އިހްސާސް ކުރެވުނެވެ.
"އަރީން..." ކަންފަތް ކައިރިން އިވުނީ ނޯޔާގެ އަޑެވެ.
އަރީނަށްވުރެ ހަށިގަނޑުގެ ގޮތުން ނޯޔާ ހިމަތޮޅި ވިޔަސް އޭނާ ބާރަށް އަރީންގެ ގައިގާ ހިފެހެއްޓި އެވެ. މިފަހަރު ނޯޔާ ވީމައޭ ކިޔާ އަރީނަށް ވެސް ދުރަކަށް ނުދެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީކަން ގައިމެވެ. ހިތާއި ސިކުނޑިއަށް ބުރަ ބޮޑުވެ ކެތްނުވާ ހިސާބަށް ދިޔައީ އެވެ. ފާފަވެރިއެއްގެ ދިރިއުޅުން ޚިޔާރު ކުރެވިއްޖެ ކަމުގެ އިހްސާސް ކުރެވުނީ އެވެ. އިމާންތެރިކަމެއް ނެތްކަމުގައި ހީވިޔަސް މައިންބަފައިން ދިން ތަރުބިއްޔަތު ނުގެއްލޭކަމުގެ ހެކި ފާޅުވީ އެވެ. ލަދުވެތިކަމުން އެ ނަފްސު ފޯވެއްޖެކަން ޔަގީނެވެ. ބޮޑާކަމާއި ފަޚުރުވެރި ކަމާއެކު އިސްއުފުލައި އުޅުނު މޫނު މިއަދު ވަތަށް ޖެހި މީހަކާ ނަޒަރު ސީދާކޮށްލަން ނުކެރޭވަރު ވެއްޖެ އެވެ.
"އަރީން..." އަރީންގެ ބޮލާއި ބުރަކަށީގައި ފިރުމާލަމުން ނޯޔާ ގޮވާލީ އޯގާތެރި ކަމާއެކު އެވެ.
"ދެން ހުއްޓާލާ." އެ ދެ އަންހެނުންގެ ކައިރީ އަސްލަން ދެ ކަކޫ މައްޗަށް ތިރިވި އެވެ. އަރީންގެ ބޮލުގައި ފިރުމާލި އެވެ.
"އައި އޭމް ސޮރީ..." ނޯޔާގެ ގައިން ދޫކޮށްލި ގޮތަށް ބޭބެގެ ކުރިމަތީ އަރީން ދެއަތްތިލަ ޖޯޑުކޮށްލި އެވެ. އަސްލަން ވާހަ ކަދެއްކުމުގެ ބަދަލުގައި އޭނާގެ ދެއަތުގެ ހިމާޔަތަށް އަންހެން ކޮއްކޮ ގެނައެވެ. އަރީނަށް ވަރަށް ބޮޑަށް ގިސްލެވިއްޖެ އެވެ.
"ﷲ އަޅުން އިމްތިހާނު ކުރައްވަނީ އެކަލާނގެ ހަނދުމަކޮށް އިސްލާހުގެ މަގަށް އެބައިމީހުން ރުޖޫޢަ ކުރުމަށް. ކޮންމެ އިމްތިހާނަކުން ތިމާއަށް ހެވެއްނޫނީ ނުވޭ. އަވަހަށް ހުއްޓާލާ." އަރީނަށް ހުއްޓާ ނުލެވިގެން އުޅެނީއޭ ނޯޔާއަށް ހީވިއެވެ. އޭނާއާ ކައިރީގަ އޮތް އަރީންގެ ވައަތްތިލައިގަ ހިފާލިއެވެ. އޯގާތެރި ކަމާއެކު އެ އަތްތިލައި ފިރުމަމުން ރުއިން ހުއްޓާލުމަށް އެދުނެވެ. ހިތްތަކުގައިވާ ހުރިހާކަމެއް ﷲ ދެނެވޮޑިގެންވާކަން ނޯޔާ ހަނދާންކޮށްދިނެވެ. އަރީނަށް ލިބޭ ހިތްދަތިކަމުން ޒަރެއް ވިޔަސް ލުއިވުން އެދި ހިތާހިތުން ދުޢާ ކުރިއެވެ. އަރީންގެ ނަފްސު ބަލިކަށިވެއްޖެކަން އޭނާގެ ގަދަ ރުއިމާއި ގިސްލުމުން އެންމެނަށް ވެސް ހާމަވެއްޖެ އެވެ. އަރީންގެ އަތްތިލައިގަ ނޯޔާ ބޮސްދިނެވެ. އަސްލަންގެ މޭގައިވީ އަރީންގެ ބޮލުގައި އޭނާ ފިރުމި އެވެ.
ގަޑިދެގަޑިއިރު ހޭދަވެގެން ދިޔަ ގޮތް އިހްސާސެއް ނުކުރެވުނެވެ. އަރީނާ މެދު އިންތިހާއަށް ކަންބޮޑުވެފައި ތިބިވަރުންނެވެ. ނަމަވެސް މިހާރު އޭނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެ އެވެ. އަތުލަފިކޮށްލައިގެން އަރީން ގޮވާއިގެން ކޮޓަރިއަށް ވަނީ އަސްލަން އެވެ. އެނދުގައި އަރީން ބޭންދުމާއެކު ނޯޔާ ގެނައި ފެންތަށި އަސްލަން ދިއްކޮށްލި އެވެ. އަރީންގެ ކަނާއަތް ހިއްލާލައި ދަށީގައި ޖެއްސުވީ އަސްލަން އެވެ. ދެން އެ ތަށި އަރީންގެ ތުނބުގައި ޖެއްސުވި އެވެ. ކޯވަރަކަށްވުރެ ގިނައިން އޭނާ ނުބޮއެވެ. އެވަރު ވެސް އެމީހުންނަށް ފުދުނެވެ. އަރީން ބޭއްވުމަށް ފަހު ނިދާލެވޭތޯ ބެލުމަށް އަސްލަން ބުންޏެވެ. އޭރު ވެސް އަރީންގެ ލޮލުން ކަރުނަ ހިލިހިލި ހުއްޓެވެ. ނޭވާއާ ގުޅިފައި ގިސްގެ އާހު ވިއެވެ.
"އަހަރެން ހުންނާނަން. މިރޭ ދޮންތަ އެކަނިކޮށްލާކަށް ނުފެނޭ." ސިޓިންރޫމަށް އާދެވުމުން ރިދާން ވާހަކަ ދެއްކި އެވެ.
"މިރޭ މީ ދަތިއުނދަގޫ ރެއަކަށްވާނެ. އަރީން ކިހިނެއްތޯ ބަލަންވާނެ... ރިދާނަށް ވާނެތަ؟ ހަމަ ނިދި މިރޭ ނުލިބޭނެ." ނޯޔާ ބުންޏެވެ.
"ދޮންތަ އެވަރަށް ރޮނިކޮށް އަހަރެން ނުދެކެން. ނިންޖަށްވުރެ ދޮންތަގެ ހާލު ބެލުން މުހިންމު ވާނެ... ނޯޔާއާއި އަސްލަންބެ ދާންވީނު. ކުދީން ތިބީ އެކަންޏެއްނު." ރިދާން ބުންޏެވެ.
"ކަމެއް ގޯސްވަންޏާ ގުޅައްޗޭ." އަސްލަން ބުންޏެވެ. ރިދާން އެއްބަސްވުމުގެ ގޮތުން ހޫން އަކާއެކު ބޯ ޖަހާލި އެވެ.
އަރީންގެ އެޕާޓްމެންޓުން އަސްލަންއާއި ނޯޔާ ނުކުތީ ނުތަނަވަސް ކަމާއެކު އެވެ. ދެމަފިރިން އެކުގައި އައިސް ލިފްޓަށް އެރިއެވެ. އޭގެ ދޮރުފަތް ލެއްޕުމާއެކު އަސްލަން ފުންނޭވާއެއް ލިއެވެ. ތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލި އެވެ.
"އަރީނާ މެދު ކަންބޮޑު ނުވޭ. ފާ ފަކުރުމަށް ފަހު އެ ފާފައިގެ ވާހަކަ ދެއްކުމެއް ނުވޭ. ﷲ އޭނާއަށް ކެތްތެރިކަން ދެއްވާށި! ކުށުގެ އިހްސާސް ނުކުރެވޭނަމަ އޭނާ ނުރޯނެ، އަސްލަންގެ ގާތުން މައާފަށް ނޭދޭނެ... މިއަދު އަހަރެމެން ވެސް އޭނާއަށް ޓަކައި ކެތްތެރިވާން ޖެހޭނެ. މީ ހަމައެކަނި އަރީނަށް މެދުވެރިވީ ކަމެއްނޫން. އެއްވެސް އަންހެނަކު މިއަދު އަރީނަށް މެދުވެރިވެފައި އިން ހާލުގައި އިންނާކަށް ބޭނުމެއްނުވާނެ. އަސްލަން ކީއްވެ މަޢާފު ނުކުރީ." ފިރިމީހާގެ ކައިރިއަށް ޖެހިލައި ނޯޔާ ހިފާލީ އަސްލަންގެ ވައަތު މުލައްދަނޑީގަ އެވެ.
ފަރުވާތެރިކަމާއެކު އަނބިމީހާއަށް އަސްލަން ބަލާލުމާއެކު ކޮނޑުގައި ހިފައި ގެނެސް އޭނާގެ ގަޔާ ކައިރި ކޮށްލިއެވެ. ނޯޔާގެ ބޮލުގައި އަސްލަން ބޮސްދިނެވެ.
"މަޢާފް ނުކުރާކަށް ނޫން. އެވަގުތު އެއްޗެކޭ ނުބުނެވުނީ ކީއްވެކަމެއް ނޭނގެ. އަހަރެން ކަންބޮޑުވޭ... އަރީނާމެދު، މަންމައާމެދު. އަރީންގެ ދިރިއުޅުން ހަލާކުވުމާއެކު މަންމަ ވަރަށް ބަލިވެއްޖެ. ރޯތަން ނުފެނުނަސް މަންމަ ރޯކަން ޔަގީން. އެ ދެ ލޮލުން ވަރުބަލިކަން ފިލާ ވަގުތެއް ނުފެނޭ. އަރީންގެ ވާހަކަ ދެއްކުން މަންމަ ހުއްޓާލިޔަސް އެކަމާ އިންތިހާއަށް ހިތާމަކުރުން ނުހުއްޓޭ، އެނގޭ އެއީ ހުއްޓޭނޭ ކަމެއް ނޫންކަން. އަރީން ވެސް... ހެޔޮނުބައި ވަކިވާއިރު އެވަރުގެ ކަމެއްކުރީމަ... މި ހުރިހާކަމާ ރުޅި އާދެވޭ... އަރީންއަށް ވަރަށް ބޮޑަށް ބްލޭމް ކުރެވޭ."
"ކުށް ކުރެވޭނެ، އިންސާނުންވީމަ. ކުށަށްފަހު ތަޢުބާވުންވޭ. ރަނގަޅު މަގު ޚިޔާރުކޮށް އިސްލާހުވެ ރީތި ދިރިއުޅުމެއް އުޅުމަށް ފުރުސަތު އެބައޮތް. އަދިވެސް ވަގުތު ފާއިތެއް ނުވޭ. ތަޢުބާވާން." ނޯޔާ ބުންޏެވެ.
"އައި ލަވް ޔޫ." ބުނާނޭ އެއްޗެއް ނޭނގުމުން އަސްލަން ބުނެލި އެވެ. ނޯޔާ އޭނާގެ ހިތް ފަތަހަކޮށްފި އެވެ. އެ ރީތި އަހުލާގާއި އުސޫލުތަކުންނެވެ. ސޫރައިގެ ފުރިހަމަކަމަށްވުރެ ކުރީން ނޯޔާގެ މައްޗަށް އަސްލަންގެ ހިތް ލަންބުވާލީ އެ އަދާތަކެވެ.
އަސްލަންގެ އުނަގަނޑުގައި ދެއަތް ވަށާލައި ބައްދާލަމުން އޭނާގެ ބުނުމަށް ހަމައެފަދައިން ނޯޔާ ޖަވާ ބުދިނެވެ. ދެމަފިރިން އުޅޭ އެޕާޓްމެންޓަށް ވަދެގެން އައީ ވެސް އެ ގާތްކަމާއެކު އެވެ. ނޯޔާ ހެނދުން ބަދަލު ކޮށްގެން އައިސް އެނދަށް އަރަންދެން އަސްލަން ކުރުއަތް މައްޗަށް އޮތެވެ. އަދި އަނބިމީހާ އޮށޯންނަން އައުމުން ކަނާއަތް ދަމާލައި އަންނާށޭ އަސްލަން ބުނެލި އެވެ. ލަދުރަކި ހިނިތުންވުމަކާއެކު ނޯޔާ އޮށޯވެ އެ އަތުގައި ބޯ އަޅާލި އެވެ. އެހިނދު މަޑުމަޑުން އަތް ހިއްލާލައި އަސްލަންއާ ގާތަށް ނޯޔާ ޖައްސާލި އެވެ. އެކަކުއަނެކަކުގެ ނޭވާގެ ހޫނުކަން އިހްސާސް ކުރެވުނެވެ. ނޯޔާގެ އުނަގަނޑުގައި އަސްލަން ހިފާލި އެވެ. މަޑުމަޑުން ދެމެދުގައި އޮތް ހުސްތަންކޮޅު ނެތި އަސްލަންގެ ބަނޑާ ދިމާލުން ދެ ހަށިޖެހި ބާރުވެލިއެވެ.
"އަސްލަން..." ވައިއަޑުން ސިއްރެ ބުނެލިހެން ނޯޔާ ގޮވާލި އެވެ.
"އައި ނޯ... ކުރީން މިހާވަރަށް ބޭނުމެއް ނުވޭ. ޑޯންޓް ވޮރީ. ކިތަންމެ ބޭނުންވިޔަސް މިރޭ ނުކުރެވޭނެކަން އެނގޭ." އަސްލަންގެ އަޑުގައިވީ ކުރީން އިވިފައި ނުވާފަދަ މަސްތު ކަމެކެވެ. އޭނާ ނޯޔާގެ ނޭފަތްކޮޅުގައި ބޮސްދިނެވެ. ކޯތާފަތުގައި ބޮސްދިނެވެ. ދޮޅީގެ ކޮޅުން ފެށިގެން އައިސް ނޯޔާގެ ތުންފަތުގައި ބީހިލި އެވެ. ދުރުވެލީ އަމިއްލަ ހަށިގަނޑަށް އަސްލަން މަޖުބޫރު ކޮށްގެންނެވެ. ދެމެދުގައި އިހުވީ ދުރުކަމުގެ ފަރުދާ ހިއްލިފައިވުމުން ގާތްކަމަށް އޭނާވަނީ ނުހަނު ބޭނުން ވެފައެވެ. އިހްސާސްތަކާއި ޖަޒުބާތުތައް އަނބިމީހާގެ ކުރިމަތީ ހިފަހައްޓައިގެން އުޅޭން އިތުރަށް ނުޖެހޭނެތީ އެވެ. މިހާރު އޭނާގެ ހިތުގައިވާ ކޮންމެ އެއްޗެއް ނޯޔާއާ ހިއްސާކުރެވޭނެއެވެ. އަދި ނޯޔާ ވެސް ހިތުގެ ކޮންމެ އެދުމެއް އޭނާއަށް ފާޅުކުރާނެކަމުގެ ޔަގީންކަން ލިބިފައި ވެއެވެ.
"ގުޑްނައިޓް..." ތުންފަތުގައި ދަތްއަޅާލާފައި މިނިވަންކޮށްލަމުން ނޯޔާ ބުނެލި އެވެ.
"ގުޑްނައިޓް ލަވް." ކަންފަތް ކައިރީ އަސްލަން ބުނެލި އެވެ. އަދި ލޯ މަރާލީ ނޯޔާ ނުހަނު ގާތްކޮށް ހިފަހައްޓާލައިގެން އޮވެއެވެ.
* * * * *
އަސްލަންއާ ދެމެދު ހިނގި ކުރިމަތިލުމަށް ފަހު ލޫނާގެ އިޝާރާތެއް ނުވެ އެވެ. އޮފީހުން ހުސެންއާއި އަސްލަން ބައްދަލުވެ އެވެ. އެ ދެމެދުގައި ކުރީން ވެސް އޮތް ގާތް އެކުވެރިކަން އޮތެވެ. އެ ދެމީހުން ވެސް ގުޅުން ކަނޑާލީ ލޫނާއާ އެވެ. އަސްލަން ފެނުނަސް ލޫނާ ބަލަނީ ރުޅިވެރިކަމުގެ ބެލުމަކުންނެވެ. ގޮތްދޫކުރާނޭ އަންހެނެއް ވައްތަރު ލޫނާ ނުޖަހަ އެވެ. އޭނާ އެހެން ހުރެފައި ދެން ކުރާނީ ކީއްކަމެއް ނޭނގެ އެވެ. އަސްލަންއަށް އެކަމާ ނުވިސްނައެއް ނުހުރެވުނެވެ.
އޮފީހުން ގެއަށް އައިސް އަސްލަން ވަންއިރު އެންމެން އެބައިގަ އުޅެއެވެ. ސަބީނާ އެއްސޯފާގައި އަރީން އިންތަން ފެނުމުން އިތުރަށް އޭނާ އަޖައިބުވި އެވެ. އެހެންވިޔަސް އެއީ ހިތަށް ފިނިކަން ގެނެސްދިން މަންޒަރެކެވެ. ހިމޭންވެފައި އެއްވެސް އަސަރެއް ނެތް މީހަކުހެން އަރީން އިނަސް އާއިލާގެ އެހެން މީހުންނާއެކު އޭނާ އިނުމަކީ ރަނގަޅު ފާލެއްކަމުގައި އަސްލަންއަށް ގަބޫލު ކުރެވުނެވެ.
"ތެދެއް ކޮޓަރިއަށް އާ ފަރުނީޗަރު ވައްދަނީތަ؟" އަސްލަން ފެނުމާއެކު ސަބީނާ އަހާލި އެވެ. އަސްލަންއަށް ވަގުތުން ބަލާލެވުނީ ރިދާނަށެވެ. އޭނާ ގާތު ފަރުނީޗަރުތައް ރޫޅުމުގައި އެހީތެރިވެލަން އަންނަން އަސްލަން އޮތީ ބުނެފަ އެވެ. އެކަމުގެ ޚަބަރު މަންމައާ ހަމައަށް ދިޔައީ އޭނާގެ ފުށުންކަން ޔަގީންވި އެވެ. ހަމައެއާއެކު ރަކި ފާޑަކަށް ރިދާން ހެވިފައި އިނެވެ.
"އާ ކުރާހާ ދުވަސްވެއްޖެއެއްނު. ނޫންތަ މަންމާ." އަސްލަން ބުންޏެވެ. ސަބީނާގެ މޫނުން ހިތްހަމަޖެހުން ފާޅުވި އެވެ. މައިރާގެ ހަނދާންތަކުގައި އުޅުމުގެ ބަދަލުގައި ފެށުނު އާ ދިރިއުޅުމާއިގެން ކުރިއަށްދާން އަސްލަން މަސައްކަތް ކުރާކަން މިއަދު ސަބީނާއަށް ޔަގީންވެއްޖެއެވެ.
"މާލަސް ވެސް ވެއްޖެ." ހީނލަމުން ނޯޔާ އާއި އަސްލަންއަށް ބަލާލައި ސަބީނާ ބުންޏެވެ. ލަދުން ހުރިހެން ނޯޔާގެ ނަޒަރު ދަތުރުކޮށްލީ އަސްލަން އަށެވެ.
އެއްޗެހި ބަދަލު ކޮށްލައިގެން އަންނަން އަސްލަން ކޮޓަރިއަށް ދިޔަ އެވެ. ނޯޔާ ފަހަތުން ނައުމުން އޭނާ ދޮރުމަތީ ހުރެ ގޮވާލި އެވެ. ނޯޔާ ކޮޓަރިއަށް ވަނުމާއެކު އެއްއަތުން ދޮރު ލައްޕާލުމާއެކު އަސްލަން ވަގުތުން އަނބިމީހާ އުރާލައިފި އެވެ.
"އައި މިސްޑް ޔޫ." މޫނުގައި ބޮސްދެމުން ހެވިފައި ހުރެ އަސްލަން ބުނެލި އެވެ.
"ރެޑީވާންވީތަ؟" ދެއަތުން އަސްލަންގެ މޫނުގައި ފިރުމާލާފައި ނޯޔާ އަހާލި އެވެ. އާނއެކޭ ބުނުމަށް އަސްލަން ބޯ ޖަހާލީ އެވެ.
"މަންމަމެން ތިއްބަ ދާން ފަސޭހަވާނެއެއްނު." އަސްލަން ބުންޏެވެ.
"ދެން އަހަރެން ތިރިކޮށްބަލަ." އަސްލަންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ނޯޔާ ބުންޏެވެ.
"އަރީން ކިހިނެއް؟ ކައިގެންތަ އޭނީ؟" ތަޅުންމަތީ ނޯޔާ ބަހައްޓަމުން އަސްލަން އަހާލި އެވެ.
"މެންދުރު މަންމަމެން ބައިން ކެއީ. ސައި ހެދީ އަހަރެން، އެންމެން ބަލާ ދިޔައީ، އަރީން މިފަހަރު ދޮރުހުޅުވި، ސައިބޯން އަންނަން ބުނީމަ ބޯ ޖަހާލީ. އެހެންވެ އަވަހަށް ގޮވައިގެން އައީ. އަސްލަން އަންނަން ވާއިރަށް އެންމެން އައީތީ ސައި ބޮވިއްޖެ. އެކަމަކު އަދި ކުޑަތަންކޮޅެއް ބަނޑުގަ އެބަހުރި... އަސްލަންއާއެކު ސައިބޯން ވެގެން ހުސްކޮށް ބެހެއްޓީ." ފުޅާ ހިނިތުންވުމަކާއެކު ނޯޔާ ބަލަން ހުއްޓެވެ.
"އަހަރެން މިއަދު ވެސް ފަވާދަށް ގުޅިން. ފޯނަށް ޖަވާބެއް ނުދޭ. ކުދީން އެއްކޮށް އޭނާގެ ކައިރިޔަށް ގެންދިޔައީބާއޭ ހިތަށް އަރަނީ. އެކަމަކު އެއީ ރަނގަޅު ނިންމުމެއް ނޫން. އެއީ އަރީންގެ ވެސް ކުދީން."
"އަހަރެމެންނަށް އެ ދެމީހުންގެ އިހްސާސްތަކެއް ނޭނގޭނެ، ފަވާދު އެކަހަލަ ނުވިސްނޭ ކަމެއް ނުކުރާނެ ކަމަށް ބަލަމާ. އިހަށް އެމީހުންނަށް ވަގުތު ދެމާ. އަރީންނާ އަބަދު ސުވާލު ކުރުން ރަނގަޅު ހިޔާލެއް ކަމަށް އަހަންނަކަށް ނުފެނޭ. އަސްލަން ވެސް ފަވާދަށް ދެން ނުގުޅަން މަށަށް ފެންނަނީ. އޭނާ އަހަރެމެންނާ ވާހަކަ ދައްކަން ބޭނުމިއްޔާ އިސް ނަގާނެ. އޭނާގެ މައްޗަށް އެކަން މަޖުބޫރަކަށް ހަދައިގެން އަހަރެމެން ވެސް ނުވާނެ. އެ ދެމަފިރިންގެ ކަންކަން އެމީހުން އަމިއްލައަށް ހައްލު ކުރާނެ. ހުރިހާ ކަމަކާ އަހަރެން ބެހި ފާޑުކިޔައިގެން ނުވާނެ."
"އޯކޭ... ކަމަނާގެ ބަސް ގަބޫލު ކޮށްފިން." އަސްލަން ބުނެލި ގޮތުން ނޯޔާއަށް ހީނގަނެވުނެވެ.
ނޯޔާ ތައްޔާރުވާން ފެށީ އަސްލަންއަށް ސައި ހަދާފަ އައިހެވެ. ސައިބޯން އިނދެ މަންމަގެ ކައިރީ އަސްލަން ރާވާފައި އޮތް ގޮތް ހާމަކުރި އެވެ. ފަރުނީޗަރު ވިއްކާ ފިހާރަތައް ބަލާލަން ނޯޔާއާއެކު ދާން ގަސްދު ކޮށްފައި އޮތްކަމެވެ. މަޑުކޮށްލައި ދޭން ނުބުނަނީސް ސަބީނާ އިސްވެ އެކަމާ އެއްބަސްވެއްޖެ އެވެ. ކުދީންނާއެކު އެބައިގަ އެމީހުން ތިބޭނެކަން ބުންޏެވެ. ހަމަޖެހިލައިގެން ތަންތަން ބަލައި ރަނގަޅު އެއްޗެއް ގަތުމަށް ސަބީނާ ބުންޏެވެ. އެވާހަކައިގަ ރިދާން ބައިވެރިވި އެވެ. ޒަމާނީ ފަރުމާތަކުގެ ފަރުނީޗަރު ހުރި ފިހާރައެއް ވަރަށް ފަހުން ހުޅުވާފައި ހުއްޓާ އޭނާއަށް ފެނިގެންނެވެ. އެތަން ހުރި ހިސާބު އަސްލަންއަށް ރިދާން ކިޔާދިނެވެ.
"ނިމުނީ..." ނޯޔާ ސިޓިންރޫމަށް އައުމާއެކު ކާމޭޒުދޮށުގައި އިން އަސްލަން އަހާލި އެވެ. ނޯޔާ ބޯ ޖަހާލުމުން އަސްލަން ވެސް ތެދުވެ ހުސްވެފަ ހުރި ސައިޖޯޑު ސިންކަށް ލިއެވެ. އަނބިމީހާ ގޮވައިގެން ގެއިން ނުކުންނަން އޭނާ އައެވެ. ނަމަވެސް ނޯޔާގެ ލޮލުގައި އަޅައިގަތީ އަނުމް އެވެ.
"މަންމާ، އަނުމް ނެޕީ ބަލާބަލަ. ހީވަނީ ކަމެއް ކޮށްގެންހެން އެ ހުންނަނީ." އުނދޯލި ގޮނޑީގަ ހިފަހައްޓާލައިގެން ކޮޅަށް ހުރި ކުޑަދަރިފުޅު ފެނި ނޯޔާއަށް ބަލާލެވުނެވެ.
"ތެދެއް ދަރިފުޅު!. ދައްކަބަލަ މާމަ ބަލާލަން... އައްދޭ! މިހުރީ ހަމަ ފުރާލައިގެން." ގުދުވެގެން އަނުމްގެ ނެޕީ ބަލާލުމަށް ފަހު ސަބީނާ ހޭންފެށިއެވެ.
"ދަރިފުޅުމެން ދޭބަލަ. މަންމަ ސާފު ކޮށްލަފާނަމޭ." އަނުމް ކައިރިއަށް ނޯޔާ އަންނަން އުޅުމުން ސަބީނާ ވަގުތުން ހުއްޓުވި އެވެ. އޭގެ ދެމަފިރިން ދިއުމަށް ބުނުމުން އެޕާޓްމެންޓުން ނުކުތެވެ.
"ސައިކަލަށް އަރަން ކެރޭނެތަ؟" ލިފްޓަށް އަރަމުން އަސްލަން އަހާލި އެވެ. މާނަވީ ހިނިތުންވުމެއް ނޯޔާގެ ތުންފަތުގައި ދުވެލި އެވެ. އޭނާ ބޯ ޖަހާލި އެވެ.
މަގުމައްޗަށް ނުކުމެ އަސްލަންއާއެކު ސައިކަލު ޕާކުކޮށްފައި ހުރި ހިސާބަށް ނޯޔާއަ އެވެ. ސައިކަލު ނެރުމުން ނޯޔާ އަރަން އުޅުނު ވަގުތު އެރޭނެތޯ އަސްލަން އަހާލީ ސަމާސާގެ ރާގުގަ އެވެ.
"ބައްޕަގެ ސައިކަލަށް އަހަރެން އެރީމޭ. އަލަކަށް ނޫނޭ ސައިކަލަކަށް އަރަން މި އުޅެނީ." ނޯޔާ ތުންކޮޅު ހަދާލި އެވެ. އަސްލަންއަށް ހީނލެވުނެވެ. އަނބިމީހާއާ ސަމާސާ ކޮށްލެވުމުން ތަފާތު ހިތްހަމަޖެހުމެއް އެ ހިތަށް ވެރިވެގެން ދެއެވެ.
"ވެއްޓި ދާނެ... ބާރަށް ހިފަހައްޓައްޗޭ. ބެލްޓް އަޅުވާތަ؟" ނޯޔާގެ ބޮޑު ހެދުމާއެކު ސައިކަލުގައި އެއްފަރާތަށް އިށީނުމާއެކު އަސްލަން ބުނެލިއެވެ.
"ދެން އަސްލަން!." ދަމާލާފައި ނޯޔާ ބުނެލި އެވެ.
"ވައްޓައެއް ނުލާނަމޭ... އަހަރެން ވެއްޓުނަސް ނޯޔާ ވެއްޓުނަކަ ނުދޭނަން. އޯކޭ... ނައްޓާލަނީ އިނގޭ." އަސްލަން މިހެން ބުނެ ސައިކަލު ދުއްވާލައިފި އެވެ. އޭނާގެ ބަނޑުގައި ނޯޔާ ހިފަހައްޓާލައިގެން އެއިނީ ޖެހިލުންވެފައިކަން އަސްލަންއަށް އެނގުނެވެ. އޭނާ ދުއްވީ ނުހަނު ބަލައިގެންނެވެ. ދޭތެރެއަކުން ނޯޔާގެ އަތުގައި ފިރުމާލަ އެވެ.
ނޯޔާގެ ތުންފަތުން ހިނިތުންވުން ފަނޑުނުވެއެވެ. އޭނާގެ އަތުގައި ހިފާލައިގެން އެކި ފިހާރަތަކަށް ވަންނަމުން ދިޔައިރު ކޮންމެ މީހަކަށް ވެސް އޭނާއަކީ އަސްލަންގެ ހައްގެއްކަން އެނގޭނެއެވެ. ލޯބިން އަސްލަން ކޮށްލާ ސަމާސާތަކުން ހިތުގެ ހިނގުން އަވަސް ކުރުވަ އެވެ.
"އައި ކާންޓް ވެއިޓް ޓު ބީ ޔޯސް... އިން އެވްރިވޭ..." ފިހާރައެއްގެ ތެރޭ އަލަމާރިއެއް ބަލަން ހުރި އަސްލަންއަށް ނޯޔާ ގެއްލިފައި ހުރިއިރު އެ ހިތުގައިވި އެވެ.
"ނޯޔާ..." ނޫން ގޮތަކަށް އަސްލަން ގޮވާލި އެވެ. ކައިރިއަށް އައުމަށް އިޝާރާތް ކޮށްލި އެވެ.
"ތިގޮތަށް ތިބަލަނީ އަހަރެންގެ ހިއްސުތަކަށް ވާނެ ގޮތަކާމެދު ހަމްދަރުދީ ނުވާތީތަ؟" އަނބިމީހާ ތަފާތު ގޮތަކަށް ބަލާކަން ފާހަގަ ކުރެވިގެން އަސްލަން ބުނެލި އެވެ. ރަކިވެގެން ނޯޔާ އިސްޖަހާލިއެވެ.
"ބާކީ... އެއަށް ފަހު އިންތިޒާރެއް ނުކުރުވާނަން." ނޯޔާ މިހެން ބުނެ ދައްކާލީ ދެ އިނގިއް ޔެވެ. ކަނާއަތުގެ ޝަހާދަތް އިނގިއްޔާއި މެދުއިނގިއްޔެވެ. އަސްލަން ތުންފަތް ބައްދާލީ ހިނި އައި ވަރުން ބާރަށް ނުހޭން ވެގެންނެވެ. ހީނގަނެއްޖެނަމަ ފިހާރައިގެ ތިބި އެންމެންގެ ސަމާލުކަން ހުއްޓިދާނެތީ އެވެ.
* * * * *
ބެލްކަނީގައި ފޯނު އަތަށް ލައިގެން އަރީން ހުއްޓެވެ. އިސްކުރީނުން ފަވާދުގެ ނަންބަރު ފެންނަން ހުއްޓެވެ. ނަމަވެސް ގުޅުމާމެދު އޭނާ ހުރީ ދެ ހިޔާލެއްގަ އެވެ. ދެބެންގެ އަޑު އަހާލަން އޭނާގެ މައިވަންތަކަން އެދެނީއެވެ. ކުދީން ތިބި ހާލު އެނގެން މިހާރު އޭނާ ބޭނުންވެއެވެ. ދެމަފިރިން ދެތަންވުމުން އެކަމުގެ އަސަރު ކުދީންނަށް ކުރާނެއެވެ. އެކަމާމެދު އަރީނަށް ވިސްނެނީއެވެ. ފަވާދު އެކުދީންގެ ގާތުގައި ބުނީ ކީކޭބާއޭ އޭނާ ހިތަށް އަރައެވެ. ނަމަވެސް މިފަހަރު އޭނާގެ ޟަމީރުގެ އަޑު އަރީން ގަބޫލުކުރިއެވެ. އޭނާއަށްވުރެ ބޮޑަށް ކުދީންނާ މެދު ފަވާދު ވިސްނާނޭކަމެވެ. އެކުދީންނަށް ދެރަވާނޭކަމެއް ފަވާދު ނުކުރާނޭކަމެވެ.
"އުޅޭން ނޭނގުނީ އަހަންނަށް..." މަޑުމަޑުން އަރީނަށް ބުނެވުނެވެ. އޭނާގެ ކުރީގެ ދިރިއުޅުން އަނބުރާ ލިބުމަށް އިންތިހާއަށް ބޭނުންވެފައި ވެއެވެ. އަދި އެ ދިރިއުޅުން ހާސިލުވޭތޯ ކުރެވެން އޮތްކަމެއް ކުރާން އޭނާ ހުރީ ތައްޔާރަށެވެ. (ނުނިމޭ)