ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އީސަގެ މައްޗަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލާގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މިކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމެވެ.
އީސާއަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދުނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އީސާގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ. އެކަމަކު މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސްރާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ އާއި އީސަ ދިރިއުޅުނު ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ.
އަސްރާ އަށް ލިބުނު އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދަން "އަވަސް" އިން އޭނާއަށް ގުޅުމުން ބުނީ އެކަމާ ގުޅޭގޮތުން މީޑިއާގައި މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
އީސަ ހައްޔަރުކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް އެދުނު ނަމަވެސް އެ އަމަރު ނެރެދީފައެއް ނުވެ އެވެ.
ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވިއިރު އޭނާއަކީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ. ނަމަވެސް އީސާ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އޭނާ ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ބަޔާނެއް މެދުވެރިކޮށް ތުހުމަތުތަކަށް އިންކާރު ކުރެއްވި އެވެ.