ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލައިގެ ރިޕޯޓް އާންމުކުރަން އިތުރު ވަގުތު ނަގާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިހެން ބުނެފައި މިވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޝްކާގެ މަރުގެ ރިޕޯޓް އެރެއަށް ނިންމާ އިއްޔެގެ އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނިކޮށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތަށް އިއްޔެ އެ ރިޕޯޓް އާންމުކޮށްފައި ނުވާތީ ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ އެ ރިޕޯޓް ކޮބައިތޯ ސުވާލު ކުރަމުންނެވެ. ރިޕޯޓް އާންމު ކުރުމަށް އިއްޔެ ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ކުރިން މަސައްކަތް ކުރި ކަމަށް އެނގިފައިވެ އެވެ.
އާންމުންގެ ސުވާލުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް ބަލީގައި އުމުރުން 10 އަހަރުގެ މިޝްކާ މަރުވުމާ ގުޅިގެން ހަދަމުން ގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މި މައްސަލާގައި ގިނަ ކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތު ނަގާ. މަސައްކަތް ކުރަމުން މިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް،" މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.
މިޝްކާ މަރުވި މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުގެ އިހްމާލެއް އުޅޭ ކަމަށް މިނިސްޓަރު ނަސީމް ވަނީ އެެއްބަސްވެ ވަޑައިގެންފަ އެވެ. އަދި އެމައްސަލައިގެ ރިޕޯޓް އާންމުކުރާއިރު އެމަނިކުފާނުގެ އިހްމާލެއް އޮތް ނަމަ އިސްތިއުފާ ދެއްވުމާ މެދު ދެކޭ ގޮތް ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިޝްކާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުންދާއިރު ރައްޔިތުންގެ މަޖިލީހާއި އެޗްއާރްސީއެމުން ވެސް ގެންދަނީ ބަލަމުންނެވެ.
މިޝްކާ އަންގާރަ ދުވަހުގެ ރޭ މަރުވި މައްސަލާގައި އެ ކުއްޖާގެ އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު އަންގާރަ ދުވަހުގެ ރެއާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި ކުއްލިއަކަށް އެރޭ ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. މިޝްކާ ބަލައި އެމްބިއުލާންސް އައީ ގުޅިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.
އާއިލާ އިން އިތުރަށް ބުނީ އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ތަކުރާރުކޮށް ގުޅުމުން ވެސް އެމްބިއުލާންސް އެގެ ކައިރިއަށް ގޮސްފައިވާ ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން ބުނާ އެމްބިއުލާންސް އައިސްފައި ނުވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ގުޅައިގެން އިރުތަކެއް ފަހުން ހޮސްޕިޓަލަށް ދިޔައިރު މިޝްކާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.