ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ވަކި ތަރުތީބަކުން ކަމަށެވެ. އެގޮތަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ކައިރި މުސްތަގުބަލެއްގައި ގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ވެސް ލާމަރުކަޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތަހްލީލްކުރެވޭނެ ހިދުމަތް ދިނުމަށްޓަކައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުަންޖެހޭ ތަންތަން ވެސް ސަރުކާރުން މިހާރު ހޯދައި ބަލާފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މާލަސްތަކެއް ނުވެ ހިނގަމުންދާނެ ކަމުގައި ވިދާޅުވި އެވެ.
"ރަށްރަށަށް މިވަގުތު ވަރަށް މުހިއްމުވޭ އެބަ ލެބޯޓްރީގެ ހިދުމަތް. ލެބޯޓްރީން އަޅުގަނޑުމެން ތަހުލީލްކުރާ އެއްޗެއްގެ މައްޗަށް ބިނާކޮށް އެއިން އަޅުގަނޑުމެންނަށް މި ފަރުވާދެވެނީ ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނާ ތަސްލީމާ އުސްމާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން މިހާރު އެ ހިދުމަތް ލިބޭ ތަންތަނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ލެބޯޓްރީއެއްގައި ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ ލެބޯޓްރީ ނެތް ރަށްރަށުގައި ނަގާ ސާމްޕަލްތައް ފަސޭހަ ކަމާ އެކު އުފުލައިގެން ލެބޯޓްރީ ހުންނަ ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް އެންމެ ފުރިހަމައަށް ހިނގައިގަންނާނީ ސަރުކާރުން ކުރިއަށް ގެންދާ ގައުމީ ފެރީ ނިޒާމުގެ މަސައްކަތް ނިމުމުން ކަމުގައިވެސް ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރި ނަމަވެސް ތަހްލީލްތަކުގެ ފެންވަރު ހިފެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށް ރަށުގައި ލެބޯޓްރީގެ ހިދުމަތް ވަނީ ގާއިމުކޮށްފަ އެވެ.