އަހުމަދު ނަސީމް

ބޫސްޓާ ޑޯޒެއް ޖަހަން ޖެހިދާނެ: ނަސީމު

Aug 22, 2021
1

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހުމަށްފަހު ބޫސްޓާ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ނަސީމު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް މިއަދު ހަދިޔާކުރި 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިނާ ހަވާލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށްފަހު ބޫސްޓާ ޑޯޒެއް ޖެހުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ ބޫސްޓާ ޑޯޒެއް ޖެހުން މުހިއްމު ކަމަށެވެ. އެގޮތަށް ބަލާއިރު މިއަދު ލިބުނު ވެކްސިން ވަރަށް މުހިއްމު ކަމަށެވެ.

ބޫސްޓާ ޑޯޒެއް ޖަހަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވާހަކަދައްކަވާފައެއް ނުވެ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނާ ގޮތުގައޮ ބޫސްޓާ ޑޯޒަކީ ކޮންމެ އަހަރަކު ޖަހަން ޖެހޭ ވެކްސިނެއް ނޫނެވެ. އެފްޑީއޭއިން ބުނީ ބޭސްވެރިކަމާ ގުޅުން ހުރި އިދާރާތަކުން ބަލަނީ ބޫސްޓާ ޝޮޓެއް އެއްފަހަރު ދިނުމުން މުޅި އުމުރަން ނިމުނީ ކަމަށެވެ. އެއީ ކޮންމެ އަހަރަކު ނުވަތަ ވަކި މުއްދަތަކަށް ފަހު އިއާދަކުރަން ދޭންޖެހޭ ފަރުވާއެއް ކަމަށް ނުބަލާ ކަމަށެވެ. އަދި ދެ ޑޯޒް ޖެހުމަށް ފަހު ބޫސްޓާ ޑޯޒެއް ޖެހުމަކީ މިހާރު ވެސް ބައެއް ބަލިތަކަށް ފަރުވާކުރާ ގޮތެއް ކަމަށްވެސް އެފްޑީއޭގެ އޮފިޝަލުން ކުރިން ވިދާޅުވެފައިވެ އެވެ.

ރަޝިއާ އިން ރާއްޖެއަށް ގެންނަން ކުރިން މަސައްކަތް ކުރި ސްޕަޓްނިކް ވެކްސިނާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ނަސީމު މިއަދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ބޭނުންވެއްޖެނަމަ އަންނަ އަހަރު އެ ވެކްސިން ހޯދިދާނެ ކަމަށެވެ. އެކަމަކު މިމަހުގެ ކުރީކޮޅު އެޗްއީއޯސީން ވަނީ ރާއްޖެ އަށް ދެން ސްޕަޓްނިކް ވެކްސިން ނުގެންނާނެ ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް 364،847 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެ އެވެ. އަދި 298،418 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ވެކްސިން ޖެހި މީހުންގެ އަދަދަށް އިޝާރާތް ކުރައްވާ މިނިސްޓަރު ނަސީމު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖެ އަކީ ވެކްސިން ފުރިހަމަ ކުރި އަދަދަށް ބަލާއިރު ފާހަގަކޮށްލެވޭ ގައުމެއް ކަމަށެވެ. ވެކްސިންގެ ކަންކަމުގައި ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.