ރައީސް މުހައްމަދު ނަޝީދު

ސިފައިންގެ ނިންމުމަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމި ނިންމުމަށް ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ޑިފެންސްގެ ނިންމުން ހާމަކޮށް އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓް ރި ޓްވީޓް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އާންމު ސިފައިންގެ މީހާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް އޭގެ މަތިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަަށެވެ.

އެމަނިކުފާނު އަވަހާރަކޮށްލަން ބޮންގޮއްވާލި ވަގުތު ކައިރީގައި ތިބި ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އިއްޔެ ނެރުނު ދިގު ބަޔާނެއްގައި ބުނެފައި ވަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލަމުން ގެންދާ މައްސަލައެއްގައި ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް މުއައްސަސާއިން ފޯރުކޮށް ދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގައި އެ އުސޫލުތަކާ ހިލާފަށް އަމަލު ކުރަން ސިފައިންގެ މައްޗަށް ލާޒިމްކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތް ކަމަށާ މި ނިންމުމަކީ ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.