ކޮވިޑް-19 ޖެހިގެން ދ. ބަނޑިދޫއިން މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 11:17 ގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑްގައި ބަނޑިދޫއިން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
އެ އާއިލާގެ މެންބަރަކު ބުނީ އެ މީހާއަށް ކޮވިޑް ޖެހުނީ މީގެ 17 ވަރަކަށް ދުވަސް ކުރިން ކަމަށާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުމުން ލ އަތޮޅު ކޮވިޑް ފެސިލިޓީއަށް ގެންދަން ނިންމި ނަމަވެސް އެކަމަށް އެއްބަސް ނުވެވުނީ އެހީތެރިއަކާއެކު ގެންދަން ހުއްދަ ނުލިބުމުން ކަމަށެވެ. ނަމަވެސް ހާލަތު މާބޮޑަށް ގޯސްވުމުން މިއަދު ފެސިލިޓީއަށް ފޮނުވަން ނިންމާ ސިފައިން އަންނަން ހަމަޖެހިފައި އޮއްވާ މަރުވީ ކަމަށެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 175 އަށް އަރާފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 23،375 މީހުންނެވެ. މިހާތަނަށް 43،959 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 197 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އޭގެ ތެރެއިން 110 މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެ މީހުންގެ ތެރެއިން ނުވަ މީހަކު އޮތީ އައިސީޔޫގައެވެ. ފަސް މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި އަށް މީހަކު އެބަ އޮތެވެ. ހަ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގައި ހަ މީހަކު އަދި ޑީއެޗް 17 ގައި ހަ މީހަކު އެބަ އޮތެވެ.