ކޮވިޑް-19 އަށް އެންްމެ ފަހުން ހެދި ޓެސްޓް ނެގެޓިވްވެ އަލުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބިއްޖެ އެވެ.
ދިވެހި ގައުމީ ޓީމު ރާއްޖޭގެ ހޮޓެލް ޖެންގައި ކޭމްޕް ކުރުމަށް ފަހު ރާއްޖޭގައި ޓްރެއިނިން ހަދަން އެއްވެސް ދަނޑެއް ހަމަޖެހޭ ގޮތް ނުވުމުން ޓީމު ދުބާއީއަށް ފުރީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ހޮޓެލް ޖެންގައި ހުރި ދުވަސްކޮޅު ދަގަނޑޭ އަންހެނުން ކޮވިޑަށް ޕޮޒިޓިވް ވުމުން އޭނާ ކުޑަ ދުވަސްކޮޅަކަށް ގެއަށް ގޮސް ހޯމް ކަރަންޓީންގައި މަޑުކުރި އެވެ. ނަމަވެސް ފަހުން ދުބާއީއަށް ފުރުމުގެ ކުރިންނާއި އަދި ދުބާއީއަށް ގޮސް ޓްރެއިނިންތައް ފެށުމުގެ ކުރިން ދަގަނޑޭއާއި އެހެން ކުޅުންތެރިން ހެދި ޓެސްޓްތަކުން ވަނީ ނެގެޓިވް ވެފަ އެވެ.
ނަމަވެސް ގައުމީ ޓީމު ޑުބާއީއަށް ގޮސް ހެދި ޓެސްޓުން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ދަގަނޑޭ މިއަދު ބުނީ ކޮވިޑަށް ކުރި ޓެސްޓް ނެގެޓިވް ކަމަށާ މާދަމާގެ ވަގުތެއްގައި ގައުމީ ޓީމާ ގުޅޭނެ ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރާއްޖެ ނިކުންނާނީ ސީރިއާ ދެކޮޅަށެވެ. އަދި އަންނަ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށެވެ. އަދި މި މަހު 15 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ނިކުންނާނެ އެވެ. މި ދެ މެޗުގައި ދަގަނޑޭއަށް ކުޅެވޭނެ އެވެ.
މިވަގުތު ދުބާއީގައި ހުރި ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.