ކާ އެއްޗެތީގައިލާ ރަހަ މީރު ކޮށްލަން ވަރަށް ގިނަ މީހުން އަޖިނަމޮޓޯ ބޭނުން ކުރެ އެވެ. ހާއްސަކޮށް ރިހަ ކައްކާއިރު ރިހައިގެ ރަހަ މީރު ކޮށްލަން އަޖިނަމޮޓޯ ކޮޅެއް ބައެއް މީހުން އަޅާ އުޅެ އެވެ. އަދި ބައެއް ކަހަލަ ހެދިކާ ގަޔާއި ގަރުދިޔަ ކައްކާއިރު ވެސް ބައެއް މީހުން އަޖިނަމޮޓޯ އަޅަ އެވެ. ނަމަވެސް އަޖިނަމޮޓޯ އަކީ ކާން އެހާ ރަނގަޅު އެއްޗެއް ނޫން ކަމަށް ބައެއް މީހުން ބުނެ އެވެ. އަޖިނަމޮޓޯ އަޅާފައި ހުންނަ އެއްޗެތި ކެއުމުން ސިއްހަތަށް ލިބޭ ގެއްލުމުގެ ތެރޭގައި ހިތާ ގުޅިފައިވާ ލޭ ހޮޅިތައް ބްލޮކްވުން ހިމެނޭ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ހަމަ ހަގީގަތުގައި ވެސް އަޖިނަމޮޓޯ އަކީ ކާން ހެޔޮވާވަރު އެއްޗެއް ނޫން ހެއްޔެވެ؟ އަޖިނަމޮޓޯ އާއި އެމްއެސްޖީ އަކީ އެކައްޗެއް ހެއްޔެވެ؟
މޮނޯސޯޑިއަމް ގުލޫޓަމޭޓް (އެމްއެސްޖީ) އާއި އަޖިނަމޮޓޯ އަކީ ހަމަ ދާދި އެކައްޗެކެވެ. މި ދޭތީގެ ވެސް ޕްރޮޑަކްޓް ނަމަކީ އެމްއެސްޖީ އެވެ. އަޖިނަމޮޓޯ ފުރަތަމަ އުފެއްދީ 1909 ގައި ޖަޕާން މީހެކެވެ. އަޖިނަމޮޓޯއަކީ ފުރަތަމަ މި އުފައްދަން ފެށި ޖަޕާން ކުންފުނިން އެއަށް ދިން ނަމެކެވެ.
އަޖިނަމޮޓޯއަކީ ކޯނޗެއް؟
އަޖިނަމޮޓޯ ނުވަތަ އެމްއެސްޖީ އަކީ ސޯޑިއަމް އާއި ގްލޫޓަމިކް އެސިޑް ބޭނުން ކޮށްގެން އުފައްދާ ކަމްޕައުންޑެކެވެ. އެމްއެސްޖީ އުފައްދަނީ އުއްދަނޑި، ޝުގާ ބީޓްސް، ސޯޑިއަމް އަދި ދަނޑިއަލުވި ނުވަތަ ޒުވާރި ބޭނުންކޮށްގެންނެވެ. އޭޝިއާގެ ކެއުންތަކުގައި އަޖިނަމޮޓޯ އަކީ އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ހާއްސަކޮށް ނޫޑްލްސް، ފްރައިޑް ރައިސް އަދި ސޫޕްގަ އެވެ.
އަޖިނަމޮޓޯއަކީ ކާން ރައްކާތެރި އެއްޗެއްތަ؟
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނާ ގޮތުން އެމްއެސްޖީ އަކީ އޭގައި އެކުލެވޭ އިންގްރީޑިއަންޓްސް އަށް ބަލާއިރު ކެއުމަށް ރައްކާތެރި އެއްޗެކެވެ. އެހެންވީމާ މިއީން ކާން ހެޔޮވާ ވަރުގެ އެއްޗެއް ނޫން ކަމަށް ބުނުމުގެ ޖާގައެއް ނެތެވެ.
ނަމަވެސް އެލާޖިކް މައްސަލަތައް ހުންނަ މީހުންނަށް އަޖިނަމޮޓޯ ބޭނުން ކުރުމުން މައްސަލަތައް ދިމާވާ ކަމަށް ވެއެވެ. ވިމާ އަޖިނަމޮޓޯ ބޭނުން ކުރިޔަސް ވީހާވެސް މަދުން ބޭނުން ކުރަން ތަޖުރިބާކާރުން ލަފާ ދެއެވެ.