ޓެކްނޯލޮޖީ

ޔޫޓިއުބުން ޑިވައިސްތަކަށް އާ ފީޗާތަކެއް

Jun 5, 2021

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސްޓްރީމިންގް ސައިޓް ކަމަށްވާ ޔޫޓިއުބަކީ މިހާރު ވަރަށް ބައިވަރު ޕްލެޓްފޯމް ތަކުގައި ބޭނުން ކުރާ އެއްޗެކެވެ. އޭގެ ތެރޭގައި، އިންޓަނެޓް ބްރައުޒާ، ގޭމް ކޮންސޯލް، މޮބައިލް ޑިވައިސް އަދި ސްމާޓް ޓީވީ ފަދަ ބައިވަރު ޕްލެޓްފޯމްތައް ހިމެނެ އެވެ. އެހެންވެ ޔޫޓިއުބްގެ މޮބައިލް އެޕަށް އާ ދެ ފީޗާއެއް ގެނައުމަށް ޔޫޓިއުބްގެ މައި ކުންފުނި ކަމަށްވާ ގޫގުލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ދެ އާާ ފީޗާ ރިލީޒް ކުރުމުން އެންޑްރޮއިޑްގެ ގިނަ ޑިވައިސް ތަކަކުން ބޭނުން ކުރެވޭނެ އެވެ. މި ދެ ފީޗާ އަކީ "ވީޑިއޯ ލޫޕް" އަދި "ސްނިޕިންގް" އެވެ.

ވިޑިއޯ ލޫޕް ފީޗާ މިއީ ޑެސްކްޓޮޕް ތަކުގައި ކުރިންސުރެ ވެސް ބޭނުން ކުރެވޭ ފީޗާ އެކެވެ. ނަމަވެސް މޮބައިލް އެޕަށް މުޅިން އާ ފީޗާ އެކެވެ. ވީޑިއޯ ލޫޕިން ބޭނުން ކޮށްގެން އެއް ވީޑިއޯއެއް ރިޕީޓަށް ލައިގެން ބެލޭނެ އެވެ. ލަވަ ޖެހުމަށް ގިނަ ބަޔަކު މި ފީޗާ ބޭނުން ކުރެ އެވެ. އަދި ކޮމާޝަލް އިންޑަސްޓްރީގައި އެއް އިޝްތިހާރެއް ޕްލޭކޮށްފައި ބެހެއްޓުމަށް ވެސް މި ފީޗާ ބޭނުން ކުރެ އެވެ. ވީޑިއޯ ލޫޕިން ބޭނުން ކުރުމަށް ވީޑިއޯއެއް ޕްލޭ ކުރުމަށްފަހު އެ ވީޑއޯގެ މަތީ ކަނުގައިވާ މެނިއު ބޭނުން ކޮށްގެން މި ފީޗާ ބޭނުން ކުރެވޭނެ އެވެ.

ވީޑިއޯ ސްނިޕިން މީ ޔޫޓިއުބަށް އާ ފިޗާ އެކެވެ. މި ފީޗާއިން 60 ސިކުންތާއި ހަމައަށް ވީޑިއޯއެއް ބޭނުން ހިސާބަކުން ޝެއާ ކޮށްލެވޭނެ އެވެ. މުޅި ވީޑިއޯ ޝެއާ ކުރަން ބޭނުން ނުވާ ފަރާތްތަކަށް މިއީ ބޭނުން ކުރެވިދާނެ ފީޗާ އެކެވެ. މި ފީޗާ އިންނާނީ މިހާރު އެޕްގައި އިންނަ ޝޭއާ ބަޓަަން ކައިރީގައި ކަތުރެއްގެ އައިކަން ލާފަ އެވެ.

މި ފީޗާތައް ފުރަތަމަ ނެރޭނީ އެންޑްރޮއިޑް ޑިވައިސް ތަކަށެވެ. އަދި އޭގެފަހުން ގިނަ ދުވަސްތަކެއް ނުކޮށް އެޕަލް ޑިވައިސް ތަކަށް ވެސް މި ފީޗާތައް އަންނާނެ އެވެ.