މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ފަރާތުން މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް -- "ފަވަރަ" މިރޭ އިފްތިތާހްކޮށްފި އެވެ.
ކޮރޮސްރޯޑްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕޭމަންޓް ސިސްޓަމް އިފްތިތާހްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.
މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ޕޭމަންޓް ސިސްޓަމް އިފްތިތާހްކޮށް ބޭނުންކުރަން ފެށުމުގެ ސަބަބުން ފަސޭހަތަކަކާއި ފައިދާތަކެއް ލިބޭނެކަން ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީގެ ރޮގުންކަން ފާހަގަކުރައްވައި އެކަންކަމުން ރާއްޖެ ކުރިއަރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
"ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުން އެބަތިވި. އެފަރާތްތަކުން އިގްތިސާދީ ބަދަލުގެނެސް އިގްތިސާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް އެދެން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދީ އިތުރުކޮށްދީގެން ދިވެހިރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާކުރުން މުހިއްމު،" ނައިބް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެން ކަމަށެވެ. އަދި ގައުމެއް ތަރައްގީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށްވެސް އެދިވަޑައިގަތެވެ. އިޖާދީ ވިސްނުން ގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށްވެސް ނައިބް ރައީސް ގޮވާލެއްވި އެވެ.
އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަން
- އެކައުންޓް ވެރިފިކޭޝަން
- އިންސްޓަންޓް ޕޭމަންޓްސް
- ރިކުއެސްޓް ޓު ޕޭ
- ސްމާޓް އެޑްރެސިން
އެމްއެމްއޭއާއެކު ޕޭމަންޓް ސިސްޓަމް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްއައިބީ) އެވެ.
ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން ހަދާފައިވާ ޕޭމަންޓް ސިސްޓަމު ގާއިމުކުރުމުން މޯބައިލް ފޯނު ނުވަތަ އެހެން ޑިވައިސްތައްވެސް ބޭނުންކޮށްގެން ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް -- އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
މި ސިސްޓަމް ގާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ހިދުމަތްތަކަށް މަގުފަހިކޮށްދޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ހިދުމަތަށް އިންގީލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވެ، އެ ހިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.