މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ސަރުކާރުގެ ފުރަތަމަ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލައިފި

ދިވެހި ސަރުކާރުން ރާއްޖޭގައި އަޅަން އިއުލާންކުރި ފުރަތަމަ ސަބްމެރިން ކޭބަލް ރާއްޖޭގެ ލޭންޑިން ސްޓޭޝަނާ ގުޅާލައިފި އެވެ.

ރާއްޖޭގެ ސަބްމެރިން ކޭބަލް "އިންޑިއާ އޭޝިއާ އެކްސްޕްރެސް ސަބްމެރިން ކޭބަލް" މިއަދު ގުޅާލީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓަށެވެ.

އިންޓަނޭޝަނަލް ސަބްމެރިން ކޭބަލަކާއި ދިވެހި ސަރުކާރުގެ އަމިއްލަ ސަބްމެރިން ކޭބަލް ގުޅާލުމަށްފަހު މި ކޭބަލް ރާއްޖޭގެ ލޭންޑިން ސްޓޭޝަނާ ގުޅާލުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރާއްޖޭގެ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ސަރުކާރުން ހަވާލުކުރީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏަށެވެ. ސަބްމެރިން ކޭބަލް މިއަދު ރާއްޖެއާ ގުޅާލިނަމަވެސް މި ކޭބަލް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް އަދި ދުވަސްކޮޅެއް ނަގާނެ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިމަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އެވެ.

މި ކޭބަލް ބޭނުންކޮށްގެން ހިދުމަތް ދޭން ފެށުމުގެ ކުރިން އިންޓަނެޓް ސްޕީޑްގެ އާ މިންގަނޑެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އޯސީއެމް އިން މިއަދު ބުނީ މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭން ފެށުމާ އެކު އިންޓަނެޓް ފޯރުކޮށްދިނުމުގެ ސްޕީޑްގެ ގާބިލްކަން މިހާރަށް ވުރެ އަށްގުނަ މަތިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް މިހާރު ދޭ ކުންފުނިތަކުން ބޮޑު އަގުގައި ގަންނަ ހިދުމަތް މިހާރަށް ވުރެ ކުޑައަގެއްގައި ގަނެ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮކުރުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި ކޭބަލްގެ ސަބަބުން ބޭރުގެ އިންޓަނެޓް ހަބްތަކާ ރާއްޖެ ސީދާގޮތުން ގުޅާލެވި، ދުނިޔޭގެ ބޮޑެތި އިންޓަނެޓް އޮޕަރޭޓަރުންނާ އެއްހަމައެއްގައި ފައި ހަމަކުުރުމުގެ ފުރުސަތު ހުޅުވި އަދި ރާއްޖެއިން ބޭރަށް ޑާޓާ އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެ އެވެ. އޯސީއެމްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދޫގެ އާ އުސް ތަނބަކަށް ރާއްޖެ ހަދައި، ރާއްޖެ އަކީ ޑިޖިޓަލް ހަބަކަށް ހެދުމެވެ. އަދި ބައިނަލްއަގްވާމީ ކަނެކްޓިވިޓީ އިތުރުކޮށް، ރާއްޖޭގައި ޑާޓާ ސެންޓަރުތައް ގާއިމުކޮށް، އެންމެ ޒަމަނީ މެޓަވާސްގެ ތަޖުރިބާތައް ދިވެހިންނަށް ފރުކޮށްދިނުމެވެ.

އިންޓަނެޓްގެ އަގުހެޔޮކޮށް ހިދުމަތްތައް އަތްފޯރާ ފަށަށް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

ދިވެހި ސަރުކާރުން ބުނީ މި ކޭބަލްގެ ހިދުމަތް ފެށުމާ އެކު ސަރުކާރުން އިންޓަނެޓަށް ކުރާ ހަރަދު 50 ޕަސަންޓް ކުޑަވެ، ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވި، ލިބޭ ސްޕީޑް ދެނުގަ މަތިކުރެވޭނެ ކަމަށެވެ. ރަށްރަށުގައި މިހާރަށް ވުރެ 10 ގުނަ ބާރު ސްޕީޑްގެ ނެޓްވޯކެއް ގާއިމުކޮށް، ޓެކްނޮލޮޖީއާ ގުޅުންހުރި ކެޕިޓަލް ހަރަދުތައް ކުޑަކޮށް އަދި ޓެކްނޮލޮޖީގެ ދާއިރާ އިން ދިވެހިންނަށް އާ އުފެއްދުން މާކެޓަށް ނެރުމަށް މި ކޭބަލާ އެކު އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.