ރިޔާސީ ބަޔާން

ސަރުކާރުގެ ސަބްމެރިން ކޭބަލްގެ ހިދުމަތް ސެޕްޓެމްބަރުގައި ލިބޭނެ: ރައީސް

Feb 6, 2023

ދިވެހި ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ނިންމާ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ މަސައްކަތް ފެބްރުއަރީ 21، 2022ގައި ހަވާލުކޮށްފައިވަނީ ރިލަޔަންސް ޖިއޯ ކުންފުންޏާ އެވެ.

ދެކުނު އޭޝިޔާއިން ފެށިގެން އިންޑިއާ އާއި މެދުއިރުމަތި އަދި ހުޅަނގު ޔޫރަފާ ގުޅާލެވޭ މި ހައިސްފީޑް ސަބްމެރީން ކޭބަލް ސިސްޓަމް އާ ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމެއް ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހި ސަރުކާރުން ކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު ސިންގަޕޫރުން ފެށިގެން ފްރާންސާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް ނިންމާލެވޭނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރީން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރާނެ ސަބްމެރީން ކޭބަލް ސިސްޓަމެކެވެ.

ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވަމުން ރައީސް ސޯލިހް ވިދާޅުވީ ދުނިޔެ ބަދަލުވެ އިންޓަނެޓްގެ ޒަރީއާއިން ކުރެވޭ މުއާމަލާތާ ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ ކުރިއަށް އޮތް ތަނަށް މުހިއްމު ބަދަލެއް ކަމަށެވެ.

ރާއްޖޭގެ އިންޓަނެޓްގެ އަގު ހެޔޮކުުރުމަށް މިވެރިކަމުގެ ތެރޭގައި ގެނެވުނު ބަދަލަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އިންޓަނެޓުގެ އަގަށް ގެނެވުނު ބަދަލާ އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްގީ ގެނައުން މުހިއްމު ކަމަށެވެ. އެގޮތުން ވިދާޅުވީ ސަރުކާރު ބައިވެރިވެގެން އަޅަމުންދާ އާ ސަބްމެރިން ކޭބަލުން އެކަމަށް އިތުރު ފަހިކަން ގެނުވާނެ ކަމަށެވެ.

ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށް އޮތް ފަސް މަސްތެރޭ ރާއްޖެއާ ހަމައަށް ގެނެވި ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.

"މިއީ އިންޓަނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެއް. އެއީ އުފެއްދުންތެރި ޒުވާނުންނާ ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް،" ރައީސް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދުމަށް އެޗްޑީސީން މިހާރު ވަނީ ބިން ވެސް ހަމަޖައްސާފަ އެވެ.