މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހުޅުމާލެ އިން ބިން ދޫކުރުމާ ގުޅިގެން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަން ހާމަވެއްޖެ އެވެ.
އެޗްޑީސީއަށް ލިބުނު ބޮޑު ގެއްލުން ހާމަވީ އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި ހުޅުމާލެ އިން ދޫކުރި ބިން ތަކުގެ ސަބަބުން އެޗްޑީސީއަށް ލިބުނު ގެއްލުން ކަމަށް ބުނެ ހިމަނާފައިވާ އަދަދުތަކުންނެވެ.
އެޗްޑީސީއަށް ލިބުނު ގެއްލުން ކަމަށް އޮޑިޓް އޮފީހުން ބުނާ 10.5 ބިލިއަން ރުފިޔާ ހިސާބުކޮށްފައިވަނީ ހުޅުމާލެ އިން ދޫކުރި ބިމުގެ ޖުމްލަ އަގު ކަމަށް ލަފާކުރާ 7.7 ބިލިއަން ރުފިޔާއާއި ދޫކުރި ބިމުން ލިބޭނެ ކަމަށް ލަފާކުރާ 3.3 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރައީސް ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން ހުޅުމާލެ އިން 1.2 މިލިއަން އަކަފޫޓުގެ ބިމެއް ކަނޑައަޅައި އެތަނުން 1،000 ގޯތި ދޫކުރި އެވެ.
އެޗްޑީސީއަށް ލިބުނު ގެއްލުން ފޫބައްދަށް އެ ކުންފުންޏަށް ވަނީ ސަރުކާރުން ދެ ފަޅެއް ދީފައިވެ އެވެ. އެއޯ "މާގިރިފަޅު" އަދި "ގަލުފަޅު" އެވެ. ނަމަވެސް އެ ތަންތަނުންވެސް އެޗްޑީސީއަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އޮޑިޓް އޮފީހުން ލަފާކުރަނީ 3.3 ބިލިއަން ރުފިޔާ އެވެ. އެހެންވެ އެޗްޑީސީއަށް އިތުރަށް ގެއްލުންވާ 7.2 ބިލިއަނެއްހާ ރުފިޔާ ހޯދާނެ ގޮތަކާ މެދު އެ ކުންފުނިން ދަނީ ސަރުކާރާ މަޝްވަރާ ކުރަމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ. މި ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
ގޯތިތައް ދޫކުރުމުގައި ގާނޫނާ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވީ ނަމަވެސް ގޯތި ލިބުނު ހުރިހާ އެންމެންނަށް މިސަރުކާރުގައި އެ ގޯތިތައް ލިބޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.