ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކަމާ ނުބެހޭ ލިިޔުމެއް އަދީބާ ހިއްސާ ކުރަން އުޅުނު ވަކީލެއްގެ މައްސަލަ ބަލަނީ

Nov 12, 2015
6

ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ގާނޫނީ ވަކީލަކު އަދީބާ ބައްދަލުވާން ވަޑައިގެންނެވި އިރު މައްސަލައާ އެއްވެސް ގުޅުމެއްނެތް ލިޔުމެއް ގެންގޮސް އަދީބާ ހިއްސާ ކުރަން އުޅުނު މައްސަލައެއް ބަލަން ފަށައިފި އެެވެ.

އަދީބުގެ ވަކީލެއްގެ ގޮތުގައި ފެންނަނީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމެވެ. ނަމަވެސް ފުލުހުން ބަލަނީ ޝަމީމްގެ މައްސަލައެއް ނޫނެވެ. ފިޔަވަޅު އަޅާފައި ވަނީ އަލީ ނަދީމަށެވެ.

ފުލުހުން ބުނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ބައްދަލުކުރަން ދިޔައިރު އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ނެގި ވޯޓް ކާމިޔާބު ނުކުރެވުނު ސަބަބާއި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިއޮތް އޮތުމާގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ދެކޭގޮތް ބަޔާންކުރާ ލިޔުމެއް އެ ވަކީލު ގެންގޮސް އަދީބާ ހިއްސާ ކުރަން އުޅުނު ކަމަށެވެ.

ފުލުހުން ބުނީ އެ ވަކީލު އަދީބާ ބައްދަލުވާން ވަޑައިގެން އަދީބާ ހިއްސާ ކުރަން އުޅުއްވީ ކަމާ ނުބެހޭ ލިޔުމެއް ކަމަށްވާތީ މިއަދު ވަކީލާއެކު ބާއްވަން އޮތް ބައްދަލުވުން މެދުކަނޑާލައި އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ނަދީމު ހިއްސާ ކުރަން ގެންދިޔަ ސިޓީއަކީ އަދީބުގެ އަނެއް ގާނޫނީ ވަކީލު ޝަމީމް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފޮނުވި ސިޓީއެއްގެ ޖަވާބުފައި ޕީޖީ ގްރޫޕުން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސޮއި ކުރައްވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި ބުނަނީ ނަައިބު ރައީސް ގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓް ނާކާމިޔާބުކޮށް ނުލެވުނީ މެޖޯރިޓީ ނުލިބުމުން ކަމަށާއި އަދި ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި 14 ދުވަހުގެ ނޯޓިސް 7 ދުވަހަށް ކުރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ނައިބު ރައީސް ވަކި ކުރަން ނެގި ވޯޓް ވެސް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

ފުލުހުން ބުނީ ގާނޫނީ ވަކީލަށް އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި އެ ފިޔަވަޅު އެޅީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ން ބާރުލިބިގެން ހަދާފައިވާ ޢާއްމު ގަވައިދުގެ 34 ވަނަ މާއްދާގެ (މ) އާއި އޭނާ ހިލާވެފައިވާތީ ކަމަށެވެ.

ކުށުގެ އިސްލާހު

މި ހަބަރު ފުރަތަމަ ޝާއިއު ކުރި އިރު އަދީބުގެ ވަކީލު ހުސައިން ޝަމީމް ކަމަށާއި، އެއީ ހުސައިން ޝަމީމް ކަމަށް ފުލުހުން ބުނި ކަމަށް ލިޔެފައި ވަނީ މައުލޫމާތު ލިބުމުގައި އެރި އޮޅުމަކުންނެވެ. ވީމާ ހަބަރުގައި ޖެހުނު އެ ކުށަށްޓަކައި ގާނޫނު ވަކީލު ހުސައިން ޝަމީމާއި ފުލުހުން، އަދި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.