ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެންބަރު ކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން އެންމެ ބޮޑު ދެ ޕާޓީން ކަނޑައަޅައިފި އެވެ.
އެގޮތުން އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލަރުން ތަމްސީލް ކުރުމަށް ޕީޕީއެމް އިން ކަނޑައަޅާފައިވަނީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދެވެ.
ޕީޕީއެމުން ބުނީ އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލަރުން ތަމްސީލް ކުރަން ބޭނުންވާ ޕީޕީއެމްގެ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި ކަމަށެވެ. އެހެންވެ ޔާމީނަށް އެ ފުރުސަތު ޕީޕީއެމުން ވަނީ ދީފަ އެވެ.
އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލަރުން ތަމްސީލް ކުރުމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކައުންސިލަރެއް އެޕާޓީން ކަނޑައެޅީ މިއަދު ބޭއްވި ޕްރައިމަރީއަށް ފަހު އެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ކަރަމްއާއި އެކު ފަސް ބޭފުޅުން ވާދަކުރެއްވި އެވެ. ކަރަމް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 133 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
އެމްޑީޕީ ރަށު ކައުންސިލް އެލްޖީއޭ ޕްރައިމަރީ
- އަހްމަދު ކަރަމް / ތޮއްޑޫ ކައުންސިލްގެ ރައީސް - 133 ވޯޓު
- އަބްދުﷲ ޒާމިރު / ވައިކަރަދޫ ކައުންސިލްގެ ރައީސް - 32 ވޯޓު
- އަބްދުﷲ ވަހީދު / މަގޫދޫ ކައުންސިލްގެ ރައީސް - 16 ވޯޓު
- މުހައްމަދު ރަޒީފް / ފިއްލަދޫ ކައުންސިލް މެންބަރު - 5 ވޯޓު
- އަހްމަދު އިބްރާހީމް / ދާންދޫ ކައުންސިލް މެންބަރު - 3 ވޯޓު
ކޮވިޑް 19ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.
އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލަރުން ތަމްސީލް ކުރުމަށް ބޭނުންވާ ކައުންސިލަރުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލުމުން އަމިއްލަ ގޮތުން ކައުންސިލަރަކަށް ހޮވުނު ބޭފުޅަކު ވެސް އެލްޖީއޭގެ ބޯޑަށް ވާދަކުރައްވަ އެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އަތޮޅު ކައުންސިލްތަކުގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ކައުންސިލަރުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއާއި އެމްޑީޕީގެ ފަރާތުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ނަމަވެސް ބަޝީރު ފޯމް ހުށަހެޅުއްވީ ގަޑި ޖެހުނު ފަހުން ކަމަށްވާތީ ނިމާލް އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބަޝީރު ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމަވާފަ އެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމާ ގުޅޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 12ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.
ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.