ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދެ ކޮއްކޮ ބެލުމުގެ ޒިންމާ 13 އަހަރު ކުއްޖަކަށް

އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އާލަމީވަބާގެ ދެ ވަނަ ރާޅުގައި ހާލުގައި ޖެހެމުންދާ އާއިލާތައް ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ފަގީރު އަވަށްތަކުން މަރުވާ މީހުން ގިނަވެ އެމީހުންގެ އެތައް ހާސް ދަރިންނެއް ޔަތީމުވެފައި ވެއެވެ.

މި ކުދިންގެ މައިންބަފައިންގެ ކުއްލި ވަކިވުން ވެފައިވަނީ އެކުދިންނަށް ގަބޫލުކުރަން ވެސް ދަތި ކަމަކަށެވެ. އަދި މިފަދަ ގިނަ ކުދިން ވަނީ އަޅާލާނެ މީހަކު ނެތި އަދި ހަދާނެގޮތެއް ވެސް ނޭނގޭ ފަދަ ހާލަތެއްގަ އެވެ. ކޮވިޑްޖެހި މަރުވެފައިވާ އެތައް ބައެއްގެ ދަރިންގެ ހާލަތު މިއަދު ބަޔާންކުރަން ވެސް ދައްޗެވެ.

ހާލުގައި ޖެހިފައިވާ ކުދިންގެ ތެރެއިން ވެސް އުއްތަރު ޕްރަދޭޝްގެ ޝާމްލީގެ ލިސާދު އަވަށުގެ އެއްބަނޑު އެއްބަފާ ތިން ބޭންނަކީ އެންމެ ހާލަތު ގޯސް ކުދިންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެކުދިންގެ މައިންބަފައިން ކޮވިޑް ބަލީގައި މަރުވުމުގެ އިތުރުން އެކުދިން ބަލާ ދޭނެ އަދި އެކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ ފަދަ މީހަކުވެސް މިއަދު ދުނިޔެއަކު ނެތެވެ. ސަބަބަކީ މި ތިން ބޭންގެ އާއިލާގެ އެންމެން ކޮވިޑް ބަލީގައި ދުނިޔެ ދޫކޮށްފައިވާތީ އެވެ. އަދި އާއިލާގެ އެކުވެރިންނާއި އަވަށްޓެރިންގެ ތެރެއިން ވެސް އެކުދިންނަށް އަޅާލާ އެހީވާ އެންމެން މި ބަލީގައި ދުނިޔެ ދޫކޮށްފި އެވެ.

މި ތިން ބޭންގެ ތެރެއިން އެންމެ ދޮށީ ސަމަރުޕީތެވެ. އޭނާއަށް އަދި އެންމެ 13 އަހަރެވެ. ދެން ތިބީ އޭނާގެ 12 އަހަރުގެ އަންހެން ކޮއްކޮ މީނާ އާއި 11 އަހަރުގެ ފިރިހެން ކޮއްކޮ ޝަންކަރެވެ.

ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ތިން ބޭންގެ ލޯބިވާ އެންމެން ވަނީ މަރުވެފަ އެވެ. އެ ކުދިންގެ އާއިލާއިން މަރުވި މީހުންގެ ތެރޭގައި އެކުދިންގެ މައިންބަފައިންގެ އިތުރުން ދެ ފަރާތުގެ މާމަ ކާފަ ވެސް ހިމެނެ އެވެ.

ޓައިމްސް އޮފް އިންޑީއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ސަރުކާރުގެ އާ ސްކީމެއްގެ ދަށުން މި ކުދިންނަށް ފައިސާގެ އެހީ ލިބޭނެ ކަމަށް ޑިސްޓްރިކްޓް އޮފިޝަލުން ބުނެފައި ވެއެވެ. ނަމަވެސް ލިސާދުގައި ހުންނަ އެކުދިންގެ ކުޑަ ކުޑަ ގޭގައި އެކުދިންނަށް އުޅެން ޖެހޭނީ އެކަނި މާއެކަންޏެވެ. އެކުދިން ތަރުބިއްޔަތުކުރާނެ މަގުދައްކާނެ މީހަކު ނެތެވެ.

މިހާރު ދުނިޔޭގައި ހުރީ އެކުދިންގެ ދުރުތާ ތިމާގެ އެންމެ މީހެކެވެ. އޭނާވެސް އުޅެނީ ވަރަށް ދުރު ހިސާބެއްގަ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އެކުދިންގެ ހާލު ބަލަން އަންނާނެކަމަށް އޭނާ ބުނެފައިވާ ކަމަށް ވެއެވެ.

ޓީންއޭޖް ފުރައަކަށް އަދި ކިރިޔާ އެޅި ސަމަރުޕިތު އަކީ މިހާރު އެ އާއިލާގެ އެންމެ އިސް ކުއްޖާ އެވެ. ދެ ކޮއްކޮގެ ހުރިހާ ޒިންމާއެއް އެޅިފައިވަނީ އޭނާގެ ބޮލުގަ އެވެ.

ސަމަރުޕިތު ބުނި ގޮތުގައި އެކުދިންނަށް ވަރަށް ބޮޑު މުސީބާތެއް މިވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް ތިންބެއިން އެކުގައި މި ކަމުން އަރައިގަންނަން މަސައްކަތްކުރަން އެކުދިން ތިބީ އަޒުމު ކަނޑައަޅައިގެންނެވެ.

"އަހަރެންގެ ދެ ކޮއްކޮއަށް ފުރިހަމަ ތައުލީމެއް ހޯދައިދޭން އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން،" ސަމަރުޕިތު ބުންޏެވެ.