ޓެންޒޭނިޔާގެ ޕާލަމެންޓްގެ އަންހެން މެމްބަރަކު ނެޝަނަލް އެސެމްބްލީއަށް ހާޒިރުވެ ވަޑައިގެންނެވި އިރު ތުރު ކުރައްވައިގެން ހުންނެވި ހަރުވާޅު މާ ގަޔަށް ބާރު ކަމުން ފިރިހެން އެމްޕީން ތަކެއް އެކަމާ ހިތްހަމަ ނުޖެހިގެން އެކަމަނާ އެސެމްބްލީން ނެރެފި އެވެ.
ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮންޑެސްޓާ ސިކްވަލޭއަކީ ވެރިކަން ކުރާ ޕާޓީގެ މިނިސްޓަރެއް ވެސް މެއެވެ. އެކަމަނާ އެސެމްބްލީން ނެރުނީ ފިރިހެން މެމްބަރެއް ކަމަށްވާ ހުސެއިން އަމަރް އަށް ކޮންޑެސްޓާ އަޅައިގެން ހުންނެވި ހެދުން ކަމުނުގޮސްގެން އޭނާ މައްސަލަ ޖައްސައި ގެނެވެ.
"އިއްޒަތްތެރި ރައީސް! މަގޭ ވާތްފަރާތުގައި ރީނދޫ ކުލައިގެ ހެދުމެއް ލައިގެން އިން އަހަރެންގެ އުހުތާ ދައްކާ މިސާލަށް ބައްލަވާ! އޭނާ ލައިގެން އިން ގަޔަށް ބާރު ހަރުވާޅަށް ބައްލަވާ!" ކޮންޑެސްޓާއަށް އިނގިލި ދިއްކޮށްފައިވާ ފިރިހެން އެމްޕީ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވުމާއެކު ކޮންޑެސްޓާ އަށް އެތަނުން ނުކުތުމަށް މަޖިލިސްގެ ރައީސް އަމުރު ކުރެއްވި އެވެ. އަދި އެކަށީގެންވާ ހެދުމެއް އަޅައިގެން ފަހުން އެސެމްބްލީއަށް ހާޒިރުވާން އެންގި އެވެ.
ކޮންޑެސްޓާ އަޅާފައިވާ ހެދުމަކީ ޕާލަމެންޓަށް ހާޒިރުވެ ވަޑައިގަންނަވާއިރު ހެދުން ތުރުކުރައްވަން ހަދާފައިވާ ގަވާއިދަށް ނުފެތޭ ހެދުމެއް ކަމަށް ވެއެވެ.
ކޮންޑެސްޓާގެ ހަރުވާޅު ބާރު ކަމުން އެ މައްސަލަ ޖެއްސެވި ހުސެން އަމުރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ޕާލަމެންޓަކީ ސޮސައިޓީގެ މޫނުބަލާ ލޯގަނޑެވެ. ވީމާ މަޖިލީހަށް ހާޒިރުވާ އެއްވެސް ބޭފުޅަކު ގަޔަށް ބާރު ހަރުވާޅު ފަދަ އެކަށީގެން ނުވާ ހެދުން ތުރުކުރެއްވުމުގެ ހުއްދަ ދެވިގެން ނުވާނެ އެވެ.
ކޮންޑެސްޓާ ފަހުން ވަނީ ނޫ ކުލައިގެ ސްކާޓެއް ތުރުކުރައްވައިގެން ޕާލަމެންޓަށް ވަޑައިގެންފަ އެވެ. ކޮންޑެސްޓާ އާ މެދު ކަންތައް ކުރި އިހާނެތި ގޮތުން ޓެންޒޭނިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި އެހެން އަންހެން މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އޭނާގެ ކިބައިން މައާފަށް އެދެން ފިރިހެން މެންބަރުންނަށް ގޮވާލާފަ އެވެ.
ސޯޝަލް މީޑިއާގައި މި ހަބަރު ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކަށް މިކަން ވީ ވަރަށް ހެއްވާ ކަމަކަށެވެ. އެ މީހުން ބުނަނީ ކޮންޑެސްޓާ ހަރުވާޅުގައި އެއްވެސް މައްސަލައެއް ނެތެވެ.