ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ބަލީގައި ދެ މީހަކު މަރުވެއްޖެ

Jun 6, 2021

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން އެކަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 12:47 ހާއިރު މަރުވެފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަނެއް މީހާއަކީ މިއަދު ހެނދުނު މަރުވި 82 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މި ދެ މަރާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 184 އަށް އަރާފަ އެެވެ. އެއީ 167 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮވިޑް ބަލީގައި އިއްޔެ އެކަނިވެސް ރާއްޖެއިން ހަތަރު މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 28 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.

އެޗްޕީއޭގެ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން 191 މީހަކު މިވަގުތު ވެސް ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން އިއްޔެ ވަނީ 590 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 67،538 އަށް އަރާފަ އެވެ.