ގދ. ތިނަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަމުން ދިޔަ މީހަކު އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަ މަރުވެއްޖެ އެވެ.
ތިނަދޫން މަރުވެފައި ވަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މާލޭ ސިޓީން މަރުވެފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވެފައި ވަނީ ރޭ ދަންވަރު 12:00 ވެސް ޖަހައި ބޮޑުވިފަހުންނެވެ. ތިނަދޫން މަރުވި މީހާގެ މައުލޫމާތެއް އެޗްޕީއޭއަކުން އަދި ނުދެ އެވެ.
ތިނަދޫގައި ކޮވިޑް ބަލި ޖެހިގެން މީގެ ކުރިން އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. އެ ރަށުން މިއަދު މަރުވި މީހާއާއެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 173 އަށް އަރާފަ އެވެ.
ތިނަދޫގެ ކޮވިޑް ހާލަތަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެރަށުން އިތުރު ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެމީހުނާއެކު ތިނަދޫގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 56 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ. މި މީހުންގެ ތެރެއިން ދެ މީހުންނަށް ފަރުވާ ދެނީ ތިނަދޫ ކޮވިޑް ފެސިލިޓީގަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އިއްޔެ ވަނީ 704 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މި އަދަދުތަކާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 66،868 އަށް އިތުރުވެފަ އެވެ.