މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަންނަ މަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ރަންވޭ ތާރު އަޅަން ފަށާނެ ކަމަށް ބުނެފި އެވެ.
އެމްއޭސީއެލްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ ޗައިނާގެ ސިނޯ ހައިޑްރޯ ކޯޕަރޭޝަންއާ ހަވާލުކޮށްގެން ފަށާ މި މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށެވެ. އަދި ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ނިމޭއިރު މިހާރު 55 މިލިމީޓަރުގެ ބޯމިނުގައި ހުރި ރަންވޭގެ ބޯމިން 90 މީލިމީޓަރަށް އުސްވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި މަސައްކަތުގެ އިތުރުން އާ ޓާމިނަލް އަޅާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން އާ ޓާމިނަލް ހަދާ ސަރަހައްދުގައި ހުރި އިމާރާތްތައް ބަދަލުކުރުމުގެ މަސައްކަތުގެ 75 ޕަސެންޓުވެސް ނިމިފައިވާ ކަމަށެވެ.
އާދިލް ވިދާޅުވީ މީގެ އިތުރުން ޑިޕާޗާއިން ޑޮމެސްޓިކަށް ދާ މަގު ހިޔާކުރުމާއި އިންޓަނޭޝަނަލް ޓާމިނަލްގެ ސްކްރީން މެޝިންތައް ޗެކިންގެ ފަހަތައް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ބުނެފައިވަނީ އާ ޓާމިނަލް އާއި ރަންވޭ އެޅުމުގެ ބޮޑު މަޝްރޫއު އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.