ރައީސް އޮފީސް

އޮޑިޓާ ޖެނެރަލް ކަމަށް ކުރިމަތިލާން އިތުރު ފުރުސަތު

Jun 6, 2021

އޮޑިޓާ ޖެނެރަލް ‏ކަމަށް‌‎ ‌‏ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ‌‏ރައީސުލްޖުމްހޫރިއްޔާގެ ‌‏އޮފީހުން މިއަދު އިތުރުކޮށްފި އެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން އޮޑިޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ފުރުސަތު އޭރު ހުޅުވާލީ މާދަމާގެ މެންދުރު 12:30 އަށް މުއްދަތު ހަމަވާ ގޮތަށެވެ.

ނަމަވެސް މިއަދު ރައީސް އޮފީހުން ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުގެ މިމަހުގެ 16 ވާ ބުދަ ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މުއްދަތު އިތުރުކުރި ވަކި ސަބަބެއް ބުނެފައެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމާ ގުޅޭ ލިޔުންތައް އެ އޮފީހަށް މިހާރު ހުށަހަޅާނީ މިމަހުގެ 16 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ކަމަށެވެ. މިކަމާ ގުޅޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.‏

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މުސްލިމު ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 35 އަހަރުވެ 65 އަހަރު ވެފައި ނުވާ މީހަކު ކަމުގައިވުމާއި، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

މީގެއިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް ހިމެނެ އެވެ. އަދި ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ވެގެން ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން އެމީހަކީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ގާބިލުކަން ހުރި މީހަކަށް ވާން ޖެހެ އެވެ. އެގޮތުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިން ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއި، އެކައުންޓިންގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވެސް ވާން ޖެހެ އެވެ.