ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިންގެއިން އެންގި އެންގުމުގައި ސޮއިކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ފުލުހަށް ހުށަހަޅަން ލަފާދީފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ މަޖިލީހުން އެދިފައި ވަނީ ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުގައި ޖިނާއީ ދައުވާއެއްް އުފުލޭނީ އެދެވިގެންވާ ތަހުގީގަކަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ތަހުގީގު ހިންގުމަށް ޕީޖީ އޮފީހުން މަޖިލީހަށް ލަފާ ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންގެ ތަހުގީގާ މެދު އެބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ނަމަ އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމަށް އެންގިން" ޝަފީއު ވިދާޅުވި އެވެ.
ޒަމީލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށައެޅި މައްސަލަ ތަފްސީލުކޮށްދީ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު މަޖިލީހާއި ކޮމެޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވެ އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހޯދުމަށް ހުށައެޅުމަށް އެންގުމުގެ ބާރުވެސް ލިބިގެންވާ ކަމަށެވެ.
ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ރޭ ވަނީ ބޭރުކޮށްލައިފަ އެވެ. ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި ގުޅިގެން ރޭ އިމްތިޔާޒު ކޮމެޓީން ވަނީ ބައްދަލުވެފަ އެވެ. އެ ބައްދަލްވުމުގައި މެންބަރަކު ވަނީ މައްސަލަ އެ ކޮމެޓީން ބަލަން ނުފެންނަ ކަމަށް ހުށައަޅުއްވާފަ އެވެ. އެ ހުށައެޅުން ފާސްވެފައި ވަނީ އެމްޑީޕީގެ މެންބަރުންގެވެސް ވޯޓާއެކުގައެވެ.