ޑިފެންސް މިނިސްޓްރީ

ޒަމީލްގެ މައްސަލަ ފޮނުވާލައިފި

Jun 7, 2021

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަ ބޭރުކޮށްލައި މިއަދު އަނބުރާ މަޖިލީހަށް ފޮނުވާލައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާ އިން ޕީޖީ އޮފީހަށް ފޮނުވީ ތަހުގީގެއް ނުކޮށެވެ. އެހެންވެ، ޖިނާއީ ތަހުގީގެއް އެ މައްސަލައިގައި ހިންގުމަށް އެފަދަ އިދާރާއަަކަށް ހުށަހަޅަން ޕީޖީން ލަފާ ދީފައިވެ އެވެ.

ޒަމީލަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވީ، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެކަމަށް އިންކާރު ކުރައްވައި، މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި އޭނާ ސޮއި ކުރައްވާފައި އޮތުމުންނެވެ. އެ ސިޓީގައި ވަނީ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ގޮތެއް ނުނިންމައި، އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މަޖިލީހުން ޕީޖީ އޮފީހަށް މީގެ ކުރިން ފޮނުވައިފައެއް ނުވެ އެވެ.